ވިންޑޯޒް 10 ބެލެހެއްޓުން މައިކްރޮސޮފްޓުން ހުއްޓާލައިފި

މި މަހު 14ގެ ފަހުން ވިންޑޯޒް 10އަށް ސެކިޔުރިޓީ އަޕްޑޭޓެއް ނާންނާނެ. އެހެންކަމުން ވިންޑޯޒް 10 ބޭނުންކުރުން ރައްކާތެރިއެއް ނުވާނެ
16 އޮކްޓޯބަރު 2025

ވިންޑޯޒް 10 ބޭނުންކުރުން 14 އޮކްޓޯބަރަށް ފަހު ރައްކާތެރި ނުވާނެ ކަމަށް މައިކްރޮސޮފްޓުން ބުނެފި އެވެ. މި ތާރީޚަށް ފަހު ވިންޑޯޒް 10 ބެލެހެއްޓުން ވެސް މައިކްރޮސޮފްޓުން ވަނީ ހުއްޓާލައިފަ އެވެ. 

މައިކްރޮސޮފްޓުން ވިންޑޯޒް 10 ބެލެހެއްޓުން ހުއްޓާލުމުން، ސެކިޔުރިޓީ އަޕްޑޭޓްތަކެއް މި އޮޕަރޭޓިން ސިސްޓަމަކަށް ދެން ނުލިބޭނެ އެވެ. މީގެ މާނައަކީ ވިންޑޯޒް 10 އކަަށް އަމާޒުކޮށް ހެކަރުން ޖަހާ މަޅިތަކަށް މި ވިންޑޯޒް 10 ބަލިކަށިވުމެވެ. 

ވިންޑޯޒް 10 އަކަށް ޚިދުމަތްދިނުން ހުއްޓާލާނެ ތާރީހު މައިކްރޮސޮފްޓުން ވަނީ މީގެ އަހަރުތަކެއް ކުރިން އިއުލާންކޮށްފަ އެވެ. އަދި ވިންޑޯޒް 10 ހުއްޓާލުމާ ގުޅިގެން، ވިންޑޯޒް ބޭނުންކުރާ މީހުން ކަންކުރަން ޖެހޭ ގޮތްތައް ބަޔާކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގި އެވެ. 

ވިންޑޯޒް 10 ހުއްޓާލުމުން ދެން ކަންކުރުން އެންމެ ރަނގަޅު ގޮތް ކަމަށް މައިކްރޮސޮފްޓުން ބުނަނީ ވިންޑޯޒް 11އަށް ބަދަލުވުމެވެ. މި ބަދަލުވުމަށް މަގުފަހިކުރުމަށް މައިކްރޮސޮފްޓުން ވަނީ "ވިންޑޯޒް 10 ކޮންޒިއުމާ އެކްސްޓެންޑެޑް ސެކިޔުރިޓީ އަޕްޑޭޓް" ޕްރޮގްރާމެއް ފަށައިފަ އެވެ. މިއީ އަހަރުދުވަހުގެ ޕްރޮގްރާމެކެވެ. 

ދެން އޮތް ގޮތަކީ މިހާރު ބޭނުންކުރާ ކޮމްޕިއުޓަރު ވިންޑޯޒް 11 އަށް ބަދަލުކުރުމެވެ. އެންމެ ސައްހަކޮށް ވިންޑޯޒް 11އަށް ބަދަލުވުމަށް -- މިހާރު ބޭނުންކުރާ ކޮމްޕިއުޓަރަކީ ވިންޑޯޒް 11 އަށް ހާޑްވެއާ ފައްކާކޮށްފައި ހުރި މެޝިނެއްތޯ ބަލަން ޖެހެ އެވެ. ހާޑްވެއާ ފައްކާ ނޫން ނަމަވެސް ވިންޑޯޒް 11 އިންސްޓޯލްކުރެވޭނެ ގޮތްތަކެއް ޔޫޓިއުބްގައި މިހާރު އެބަ ހުއްޓެވެ. 

ވިންޑޯޒް 11 އާ އެކު މުޅިން އާ ކޮމްޕިއުޓަރެއް ގަތުމަކީ މިކަމަށް އޮތް އެންމެ ފަސޭހަ ހައްލެވެ. އެކަމަކު މިއީ ބައެއް މީހުންނަށް ބުރަ، ޖީބަށް ބަރު އަދި ރިހުން އެންމެ ބޮޑު ހައްލެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް