ވެބް ޓެލެސްކޯޕް ރޮކެޓުގެ ކޮޅުން ނުކުންނަ މަންޒަރުގެ ކުރެހުމެއް
ޖޭމްސް ވެބް ޓެލެސްކޯޕް ލޯންޗުކުރުން މާދަމާއަށް ފަސްކޮށްފި
މިއަދު ލޯންޗުކުރަން ހަމަޖެހިފައި އޮތް، މިހާތަނަށް ހެދި އެންމެ އަޖައިބުކުރުވަނިވި ޓެލެސްކޯޕް، ޖޭމްސް ވެބް ޓެލެސްކޯޕް، މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އުދުއްސާލުން މާދަމަޔަށް ފަސްކޮށްފި އެވެ.
ފްރެންޗް ގިޔާނާގައިވާ ކޫރޫ ސްޕޭސްޕޯޓަށް މިއަދު ގަދަވައި ޖެހޭނަކަމަށް ލަފާކުރެވެ އެވެ. ނަމަވެސް ޓެލެސްކޯޕު ހިފައިގެން ނައްޓާލާ ބިޔަ ރޮކެޓު ލޯންޗު ކުރުމާ ބެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފަ އެވެ. އަދި ލޯންޗު ޓީމުން ވަނީ އެންމެ ފަހުގެ ފަރިތަކުރުންތައް ވެސް ބާއްވައިފަ އެވެ.
ދިހަ ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ ވެބް ޓެލެސްކޯޕަކީ މިހާރު ޖައްވުގައިވާ ހަބްލް ޓެލެސްކޯޕުގެ ބަދަލުގައި ދެން ބޭނުންކުރާނެ، މާ އެޑްވާންސް ޓެލެސްކޯޕެކެވެ. އަދި މި ޓެލެސްކޯޕް ހަދާފައިވަނީ ހަބްލްއަށް ވުރެ ފުނަށް ކާއިނާތުގެ ސިއްރުތައް ހޯދަން ބަލައިލެވޭނެ ފެންވަރަށެވެ. ސައިންސްވެރިން އަންދާޒާކުރާ ގޮތުގައި މީގެ 13.5 ބިލިއަން އަހަރު ކުރިން ކާއިނާތުގައި ހިނގާފައިވާ ކަންކަމުގެ ހެކި ހޯދަން ވެބް އެހީތެރިވެދޭނެ އެވެ.
މީގެ އިތުރުން ދުނިޔެއަށް ނުފެންނަ އަދި މިހާތަނަށް އެއްވެސް ޓެލެސްކޯޕަކަށް ވެސް ސީދާ ހޯދިފައިނުވާ ޕްލެނެޓްތަކުގެ ޖައްވު ދެނެގަނެ ދިރުން ހުރިކަމުގެ ނިޝާނެއް ވޭތޯ ބަލަން ވެސް ވެބް ޓެލެސްކޯޕްގެ އެހީތެރިކަން ލިބޭނެ އެވެ.
"މިއީ ވަރަށް އާދަޔާހިލާފު މިޝަނެއް. މިއީ ދެކެމުންދާ ބޮޑު ހުވަފެނެއް ހާސިލް ކުރެވިދާނެ ކަމުގެ ފުރިހަމަ މިސާލެއް،" ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވި އެވެ.
"މިއީ ހަމައެކަނި ނާސާ އާއި ނާސާގެ ބައިވެރިންނަށް ހިންގިދާނެ ކަހަލަ މިޝަންއެއް. މިކަމުން އަހަރެމެންގެ ކާއިނާތު އިތުރަށް ދަސްވެ، އަހަރެމެން މިވާ ހިސާބު އެނގިގެންދާނެ. އަހަރެމެންނަކީ ކޮން ބައެއްކަން، އަހަރެމެންނަކީ ކޮން އެއްޗެއްކަން. މި ސުވާލުތަކަކީ އަބަދުވެސް ކުރެވޭނެ ސުވާލުތަކެއް،" ނެލްސަން ވިދާޅުވި އެވެ.
ވެބް ޕްރޮޖެކްޓް ހިންގީ ނާސާ އާއި ޔޫރަޕުގެ ޖައްވީ އިދާރާ (އީއެސްއޭ) އާއި ކެނެޑާގެ ޖައްވީ އިދާރާތައް (ސީއެސްއޭ) ބައިވެރިވެގެންނެވެ.
ލޯންޗު ކުރުމުގެ ޒިންމާ ނަގާފައިވާ އީއެސްއޭ އިން ވެބް ޓެލެސްކޯޕް ޖައްވަށް ފޮނުވަނީ އަރިއާން 5 ރޮކެޓެއްގަ އެވެ. އަދި ވެބް މަސައްކަތް ކުރަމުންދާނީ ދުނިޔެއާ 1.5 މިލިއަން ކިލޯމީޓަރު ދުރުގައި އޮވެގެންނެވެ. މި ހިސާބަށް ދާން މަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ އިރު، މި މުއްދަތުގައި ފަތްޖަހާލައިގެން ރޮކެޓްގެ ކޮޅުގައި ރައްކާކޮށްފައިވާ ޓެލެސްކޯޕު ނިއުޅުވި، އޭގެ 6.5 މީޓަރުގެ ބިއްލޫރިގަނޑާއި، އިރުގެ ދޯދިތަކުން ރައްކާތެރިކުރަން ހިމަނާފައިވާ ޓެނިސް ކޯޓެއް ސައިޒްގެ ފަށަލަ ހުޅުވޭނެ އެވެ.
ސައިޒުގެ ގޮތުންނާއި ޓެކްނޮލޮޖީ ގޮތުން ހަބްލްއަށް ވުރެ ވެބް ޓެލެސްކޯޕް އުޅެނީ އެތައް ގުނައެއް ކުރީގަ އެވެ. އެންމެ މުހިންމު ތަފާތަކަށް ވާނީ ޖައްވުގެ ތެރެ ހޯދަން އިންފްރާރެޑް އަލި ބޭނުންކުރުމެވެ. ހަބްލް ޓެލެސްކޯޕަށް ފެންނަނީ އިންސާނުންގެ ލޮލަށް ފެންނަ ފަދަ ގޮތަކަށެވެ. އެއީ ލޮލަށް އަލި އެޅުމުން މަންޒަރު ފެނުމެވެ. ނަމަވެސް ވެބް ޓެލެސްކޯޕް، ކާއިނާތުގައި ވާ އަނދިރީގެ ތެރެއިން ވެސް އެއްޗެހި ހޯދޭނެ އެވެ.
ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްގެ ބައެއް މައުލޫމާތު
ޖޭމްސް އެޑްވިން ވެބް
- 1961-1968 އަށް ނާސާގެ އެޑްމިނިސްޓްރޭޓަރު، އިންސާނުން ޖައްވަށް ފޮނުވި ފުރަތަމަ ދަތުރުތައް ކުރީ މަގާމުގައި ހުންނެވި އިރު އަދި އެޕޯލޯ-1ގެ އަލިފާނުގެ ހާދިސާ ހިނގީ ވެސް އޭރު.
އަރިއާން ރޮކެޓް
މިއީ ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އުޅަނދެއް. ޖޭމްސް ވެބް ޓެލެސްކޯޕް، ފަތް ޖަހާލާފައި އެގެ ކުރީ ކޮޅުގައި ވަނީ ރައްކާކޮށްފައި.
ބިޔަ ބިއްލޫރިގަނޑު
ޖޭމްސް ވެބް ޓެލެސްކޯޕްގެ ބިޔަ ބިއްލޫރިގަނޑުގެ ވަށަމިނުގައި 6.5 މީޓަރު (21 ފޫޓު) ހުރޭ. މިހާ ބޮޑު އެއްޗެއް ރޮކެޓަކަށް ލާފައި ފޮނުވަން ސައިންސްވެރިން އެ ހެދީ ފަތް ޖަހާލެވޭ ގޮތަށް.
18 ބައި އެކަމަކު އެކައްޗެއް
ބިއްލޫރިގަނޑު އަސްލު ބަހާލާފައި ވަނީ، 18 ބަޔަށް. އެކަމަކު ކާއިނާތުގެ އެކި ހިސާބުތަކަށް އަމާޒުކުރާ އިރު އެ 18 ބައި މަސައްކަތްކުރާނީ އެންމެ ބިއްލޫރިގަނޑެއްގެ ގޮތުގައި
މިއީ ސައިންސްގެ ފުރިހަމަ އުފެއްދުމެއް
ޖޭމްސް ވެބް ޓެލެސްކޯޕް މި ގޮތަށް ފަތް ޖަހާލާފައި، ޖައްވަށް ފޮނުވާލުމުން، އިންޖިނިއަރުން ފަހަތުން އޭގެ އަސްލު ގޮތަށް ހުޅުވާލައި
ލަފާކުރި ވަރަށް ވުރެ ލަސް އަދި އަގު ވެސް ބޮޑު
މި ޓެލެސްކޯޕްގެ މަސައްކަތް ފެށީ 1996 ގައި، 2007 ގައި ލޯންޗުކުރެވޭނެ ކަމަށް، 500 މިލިއަން ޑޮލަރުގެ ބަޖެޓަކުން. އެކަމަކު ޑިޒައިންގައި ޖެހުނު މައްސަލަތަކާއި އެހެން ހުރަސްތަކުގައި މަޝްރޫއު ލަސްވެ، ބޮޑު ހޭދައެއް ވެސް ކުރަން ޖެހުނު. މިހާރު މީގެ އަގަކީ 10 ބިލިއަން ޑޮލަރު
ކާއިނާތުގެ ބޮޑެތި ސިއްރުތައް
ކާއިނާތުގައި ހުރި ސިއްރުތައް ދެނެގަންނަން ސައިންސްވެރިން މަސައްކަތްކުރޭ. މިއީ ހަބުލް އިން ނަގާފައިވާ ގޭހުގެ ބިޔަ ވިލާގަނޑެއް. ގެލެކްސީތަކާއި ތަރިތައް އުފެދެނީ މިފަދަ ބިޔަ ގޭހުގެ ސަރަހައްދުތަކުން. ހަބުލްއަށް ވުރެ މާ ދުރު އަދި އަނދިރީގެ ތެރެއިން މި ގޮތަށް ފޮޓޯ ނެގުމުގެ ގާބިލްކަން ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕަށް ލިބިގެންވޭ