އެންވިޑިއާގެ ކޯ ފައުންޑާ އަދި ސީއީއޯ ޖެންސެން ހުއާންގް

ޓެކްނޮލޮޖީ

އެންވިޑިއާގެ ސީއީއޯއާ ބައްދަލުކުރުމަށްފަހުވެސް ޓައިވާނުން އެތެރެކުރާ ޗިޕްތައް ހިމެނޭގޮތަށް ބޭރުގެ ޗިޕްތަކުން ޓެރިފް ނެގުމުގެ ސިޔާސަތު ކުރިއަށްގެންދަނީ

ފެބްރުއަރީ 18 ގައި ތަންފީޒުކުރަން ނިންމި މި ސިޔާސަތުގެ ސަބަބުން އަގުތައް މައްޗަށް ދާނެކަމަށް ކަންބޮޑުވުން ފާޅުކުރެވޭއިރު، އިލެކްޓްރޯނިކް ސާމާނުގެ ޑިމާންޑް %50 އަށްވުރެ ދަށަށް ދާނެކަމަށް ސީޓީއޭއިން ވަނީ އިންޒާރު ދީފައި
2 ފެބްރުއަރީ 2025

އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގްއާ އިއްޔެ ބައްދަލުކުރެއްވުމަށްފަހުވެސް، ޓައިވާނުން އުފައްދާ ޗިޕްތައް ހިމެނޭގޮތަށް ބޭރުގެ ޗިޕްތަކަށް ޓެރިފް ނެގުމުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފަ އެވެ.

  • އާ އެގްޒެކެޓިވް އޯޑަރުތަކެއްގައި ސޮއިކުރެއްވުމަށްފަހު ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުން، "އާޚިރުގައި އަޅުގަނޑުމެން ޗިޕްތަކަށް ޓެރިފް ނަގާނަން، ތެޔޮ އަދި ގޭހަށްވެސް ޓެރިފް ނަގާނަން. މިކަން ކުރިއަށް އޮތްތާ އަވަހަށް، ގާތްގަނޑަކަށް ފެބްރުއަރީ 18 ގައި ހިނގާނެ" ކަމަށް ވިދާޅުވިއެވެ.

ޓައިވާނުގެ ޓީއެސްއެމްސީން އުފައްދާ ޗިޕްތައް ބޭނުންކޮށްގެން ގްރެފިކްސް ކާޑުތަކާއި އޭއައި-ފޯކަސްޑް ޖީޕީޔޫތައް އުފައްދާ އެންވިޑިއާގެ ސީއީއޯއާ މެންދުރުފަހު ބައްދަލުކުރެއްވި ނަމަވެސް، "ކުރިއަށް އޮތްތާ ވާނެގޮތެއް ދަންނަވާކަށް ނޭނގޭ. ބައްދަލުވުމެއް ބޭއްވުނު. ރަނގަޅު ބައްދަލުވުމެއް" ކަމަށް ވިދާޅުވުމަށްފަހު، ބޭރުގައި އުފައްދާ ސެމިކޮންޑަކްޓަރުތަކާއި "ޗިޕްތަކާ ގުޅުންހުރި ތަކެއްޗަށް" ޓެރިފް ނެގުމުގެ ޕްލޭން އަލުން ވަނީ ތަކުރާރުކުރައްވާފަ އެވެ.

މީގެ އިތުރުން، ފެބްރުއަރީ 1 އިން ފެށިގެން ކެނެޑާ އަދި މެކްސިކޯގެ މުދަލަށް %25ގެ ޓެރިފްއެއް އަދި ޗައިނާގެ އުފެއްދުންތަކަށް %10ގެ ޓެރިފްއެއް ނެގުމަށް ޓްރަމްޕް އެޑްމިނިސްޓްރޭޝަނުން ރާވައެވެ. ނަމަވެސް ކެނެޑާގެ ކްރޫޑް އޮއިލްގެ ޓެރިފް %10 ދަށްކުރުމަށް ވަނީ ރާވާފައެވެ.

ޓެރިފްތަކުގެ ސަބަބުން އިތުރުވާ ޚަރަދުތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދީ، އަގުތައް މައްޗަށް ދާނެކަމުގެ ބިރު އުފެދިފައިވެ އެވެ. އެޕަލް، އެންވިޑިއާ، ސޯނީ، އެލްޖީ އަދި ސެމްސަންގް ފަދަ ބޮޑެތި ކުންފުނިތަކުގެ ގިނަ އިލެކްޓްރޯނިކްސް ފެކްޓަރީތައް ހުރީ ޗައިނާ އަދި މެކްސިކޯގައި ނަމަވެސް، މި ކުންފުނިތަކުން އުފެއްދުން ވިއެޓްނާމް އަދި އިންޑިއާ ފަދަ ގައުމުތަކަށް ބަދަލުކުރަމުންދެއެވެ.

2024 މާރިޗު 18 ވަނަ ދުވަހު ކެލިފޯނިއާގެ ސޭން ހޯޒޭގެ އެސްއޭޕީ ސެންޓަރުގައި ބޭއްވުނު އެންވިޑިއާ ޖީޓީސީ އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސްގައި އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ވާހަކަ ދައްކަވަނީ.
  • އަގުތައް މައްޗަށް ދިއުމާ ބެހޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ "ޓެރިފްތަކުން އިންފްލޭޝަނެއް ނާދޭ، ކާމިޔާބު ލިބެނީ" ކަމަށެވެ. އަދި "ވަގުތީގޮތުން، ކުޑަ މުއްދަތަކަށް ދަތިތަކެއް ކުރިމަތިވެދާނެ، އެކަމަކު މީހުން އެކަން ދެނެގަންނާނެ" ކަމަށްވެސް އިތުރުކުރެއްވިއެވެ.

މި މަހުގެ ކުރީކޮޅު، ކޮންސިއުމާ ޓެކްނޮލޮޖީ އެސޯސިއޭޝަން (ސީޓީއޭ) އިން އިންޒާރުދީފައިވަނީ ޓެރިފްތަކުގެ ސަބަބުން ޕީސީ، ސްމާޓްފޯނު އަދި ކޮންސޯލްތަކުގެ ޑިމާންޑް %50 އަށްވުރެ ދަށަށް ދާނެ ކަމަށާއި، ލެޕްޓޮޕް އަދި ޓެބްލެޓްތަކުގެ އަގު %46 އިން %68 އަށް މައްޗަށް ދާނެ ކަމަށެވެ.

ޓެކްނޮލޮޖީ ކުންފުނިތަކުން އެއްޗެތި އުފެއްދުން އެމެރިކާއަށް ބަދަލުކުރުމަށް ޓްރަމްޕް މަސައްކަތްކުރައްވާއިރު، ސެމިކޮންޑަކްޓާ ފެކްޓަރީތައް އެޅުމަށް އަހަރުތަކެއް ނަގާނެ އެވެ. އަދި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ބޭނުންވާނެއެވެ.

  • މިވަގުތު، އެޕަލް، އޭއެމްޑީ، އެންވިޑިއާ، ކުއަލްކޮމް އަދި އިންޓެލްވެސް ޗިޕް ހޯދަނީ ޓީއެސްއެމްސީންނެވެ. އެރިޒޯނާގައި އާ ފެކްޓަރީއެއް އަޅަމުންދިޔަ ނަމަވެސް، ޓީއެސްއެމްސީގެ ގިނަ ސެމިކޮންޑަކްޓާ އުފެއްދުންތައް އަދިވެސް ހުރީ ޓައިވާނުގަ އެވެ.

ޔޫރަޕިއަން ޔޫނިއަންއާ ދެކޮޅަށްވެސް ފިޔަވަޅު އަޅުއްވަފާނެކަމަށް ޓްރަމްޕް ވަނީ ހުށަހަޅުއްވާފަ އެވެ.

  • "ޔޫރަޕިއަން ޔޫނިއަންއަށް ޓެރިފް ނަގާނަންތޯ؟ ތެދު ޖަވާބު ބޭނުންތޯ ނުވަތަ ސިޔާސީ ޖަވާބެއް ދޭންވީތޯ؟ ހަމަގައިމުވެސް ނަގާނަން" ޓްރަމްޕް  ވިދާޅުވިއެވެ. އަދި "ޔޫރަޕިއަން ޔޫނިއަނުން އަޅުގަނޑުމެންނާމެދު ޢަމަލުކޮށްފައިވަނީ ވަރަށް ނުބައިކޮށް" ކަމަށްވެސް އިތުރުކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް