އެންޑްރޮމީޑާގެ ވަކި އޭރިއާތަކެ ފާހަގަކޮށްފައިވާ ފޮޓޯތަކުންގެލެކްސީގެ ތެރޭގައި އެއްތަނަކަށް ޖަމާވެފައިވާ ތަރިތަކާއި، މާ ދުރުގައި ފެންނަ އެހެން ގެލެކްސީތަކާއި، އަދި މިލްކީވޭ ގެލެކްސީގައި ހިމެނޭ ދެތިން އަލިގަދަ ތަރި؛ އެންޑްރޮމީޑާގައި އެންމެ ފަސޭހައިން ފާހަގަކުރެވޭ ތަރިތަކުގެ ވިލާގަނޑު ކަމަށްވާ އެންޖީސީ 206 ފެނޭ.

އެންޑްރޮމީޑާ ގެލެކްސީގެ ޕެނަރޯމާ ފޮޓޯގަނޑެއް ހަބްލް ޓެލެސްކޯޕްގެ އެހީގައި ފުރިހަމަކޮށްފި

ހަބްލްއިން ނެގި 600 އަށް ވުރެ ގިނަ ފޮޓޯ ހިމަނައިގެން ހެދި ފޮޓޯގަނޑުން އެ ގެލެކްސީގެ 200 މިލިއަން ތަރި ފެންނާނެ
21 ޖެނުއަރީ 2025

ހަބްލް ސްޕޭސް ޓެލެސްކޯޕް ބޭނުންކޮށްގެން އެންޑްރޮމީޑާ ގެލެކްސީގެ 417 މެގަޕިކްސެލްގެ ޕެނަރޯމާ ފޮޓޯއެއް ސައިންސްވެރިން މިހާރު ވަނީ ހަދައިފަ އެވެ. އެ މަސައްކަތަށް 10 އަހަރަށް ވުރެ ދިގު މުއްދަތެއް ނެގި އެވެ.

މި ބޮޑު ފޮޓޯ މޮސެއިކްގައި 42,208 × 9,870 ޕިކްސެލް ހިމެނެ އެވެ. މިއީ މިހާތަނަށް ހަބްލް ޓެލެސްކޯޕުން އުފެއްދި އެންމެ ބޮޑު ފޮޓޯ މޮސެއިކެވެ. ގާތްގަނޑަކަށް 2.5 ބިލިއަން ޕިކްސެލްގެ މި ފޮޓޯގައި އެންޑްރޮމީޑާ ގެލެކްސީގެ 200 މިލިއަން ތަރި ހިމެނެ އެވެ. އެކަމަކު މިއީ އެންޑްރޮމީޑާގައި ދައުރުވާ ކަމަށް ލަފާކުރެވޭ އެއް ޓްރިލިއަން ތަރީގެ ވަރަށް ކުޑަ މިންވަރެކެވެ. އެހެން އެވީ އެ ގެލެކްސީގެ ގިނަ ތަރިތައް ހަބުލް ޓެލެސްކޯޕަށް އަރާވަރަށް ވުރެ އަލިކަން ފަނޑުވުމުން ކަމަށް، ނާސާއިން ބުނެ އެވެ.

އެންޑްރޮމީޑާ އާއި މިލްކީވޭ ގެލެކްސީ:

  • އެންޑްރޮމީޑާއަކީ އަހަރެމެންގެ ދުނިޔެ ނިސްބަތްވާ މިލްކީވޭ ގެލެކްސީގެ އަވައްޓެރި ގެލެކްސީއެއް

  •  އެންޑްރޮމީޑާއަަށް ފަލަކީ އިލްމުވެރިންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވޭ

  • މީގެ ގަރުނަކަށް ވުރެ ކުރިން ބެލެވުނީ އެއީ މިލްކީވޭ ގެލެކްސީގެ ބައެއް ކަމަށް

  • ނަމަވެސް ހަބުލް ޓެލެސްކޯޕް ނިސްބަތްވާ ސައިންސްވެރިޔާ އެޑްވިން ހަބުލް މީގެ ގަރުނެއް ކުރިން ހޯއްދެވި ހޯއްދެވުމުން އެނގުނީ އެންޑްރޮމީޑާ ވަނީ މިލްކީވޭ ގެލެކްސީއާ މާ ދުރުގައި ކަމަށް

  • މި ހޯދުން އައުމުގެ ކުރިން ގަބޫލުކުރެވިފައި އޮންނަނީ މުޅި ކާއިނާތަކީ ހަމައެކަނި މިލްކީވޭ ގެލެކްސީ ކަމަށް 

  • ހަބްލްގެ ހޯދުމާ އެކު ކާއިނާތާ މެދު އިންސާނުންގެ ވިސްނުން ބަދަލުވި

ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ޕްރިންސިޕަލް އިންވެސްޓިގޭޓަރު ބެން ވިލިއަމްސް ވިދާޅުވި ގޮތުގައި ހަބްލް ޓެލެސްކޯޕް ބޭނުންކޮށްގެން، ގެލެކްސީގެ މުޅި ސަރަހައްދުގެ ތަފްސީލީ މައުލޫމާތު ވަނީ އެއްކުރެވިފަ އެވެ. ބޮޑު އެހެން އެއްވެސް ގެލެކްސީއަކާ ބެހޭ އެވަރުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)އިން ބުނީ މިލްކީވޭ ގެލެކްސީއާ އަވަށްޓެރި ގެލެކްސީއަކަށް އެންޑްރޮމީޑާ ވާތީ އެ ގެލެކްސީގެ ދިރާސާތަކުން މިލްކީވޭ ގެލެކްސީއާ ބެހޭ މުހިންމު މައުލޫމާތުތަކެއް ވެސް ލިބޭނެ ކަމަށެވެ. ނާސާއިން މިސާލެއްގެ ގޮތުން ދެއްކީ ނިއު ޔޯކްގެ މަޝްހޫރު ސެންޓްރަލް ޕާކެވެ. އެމެރިކާގެ ޖައްވީ އިދާރާއިން ބުނީ މިލްކީވޭ ގެލެކްސީގެ ތެރޭގައި ތިބެގެން މިލްކީވޭ ގެލެކްސީގެ އޮނިގަނޑު ދެނެގަތުމަކީ، ސެންޓްރަލް ޕާކުގައި ހުރެގެން ނިއު ޔޯކް ސިޓީގެ އޮނިގަނޑު ދެނެގަތުން ފަދަ ކަމެއް ކަމަށެވެ.

ހަބްލް ޓެލެސްކޯޕުން ނެގި މުޅި ފޮޓޯ މޮސެއިކްގެ ވަކި ބައެއް

އެންޑްރޮމީޑާ ގެލެކްސީ އޮންނަނީ ދުނިޔެއާ 2.5 މިލިއަން އަލި އަހަރު ދުރުގަ އެވެ. މިއީ އެހެން ގެލެކްސީތަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ކައިރި އެވެ. 

މިލްކީވޭ ގެލެކްސީގައި ހިމެނެނީ ގާތްގަނޑަކަށް 200 ބިލިއަން ތަރި އެވެ. އެހެންކަމުން އެއް ޓްރިލިއަން ތަރި ހިމެނޭ އެންޑްރޮމީޑާއަކީ މާ ބޮޑު ގެލެކްސީއެކެވެ. އެ ގެލެކްސީގެ އެހާ ފުރިހަމަ ފޮޓޯއެއް އުފައްދަން ހަބްލް ޓެލެސްކޯޕުން ދުނިޔެ ވަށައި 1,000 އަށް ވުރެ ގިނަ ބުރު ޖެހި އެވެ. 

ޔުނިވަސިޓީ އޮފް ކެލިފޯނިއާ، ބާކްލޭގެ ޑެނިއަލް ވެއިޒް ވިދާޅުވި ގޮތުގައި އެންޑްރޮމީޑާގެ މިހާރުގެ ސިފަތަކުން އެނގެނީ އެހެން ގެލެކްސީއަކާ ޖެހި، ގިނަ އަދަދެއްގެ ތަރިތަކެއް އުފެދުނު ކަމެވެ. ނަމަވެސް ކުއްލިއަކަށް އެ ޕްރޮސެސް ހުއްޓިފައިވާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.

އެންޑްރޮމީޑާގެ މި ފޮޓޯގެ މެދުން ފެންނަނީ އަލިގަދަ ބައިގެ ވަށައިގެން ފެތުރިފައިވާ ސްޕައިރަލް އޮނިގަނޑާއި، އެތެރޭގައިވާ ރީނދޫ ކުލައިގެ ބައި. މީގެ އިތުރުން ރަތާއި ނޫ ކުލައިގެ ތަރިތަކުގެ މެދުގައިވާ 'ހިރަފުހު'ގެ ރޮނގުތަކާއި، އަނދިރި ބައިތައް ވެސް ވަރަށް ރީތިކޮށް ފާހަގަކުރެވޭ

އެންޑްރޮމީޑާ ގެލެކްސީ

  • ދުނިޔެއާ ހުރި ދުރުމިން: ގާތްގަނޑަކަށް 2.5 މިލިއަން އަލި އަހަރު

  • ބޮޑުމިން: ޑައިމީޓަރުގައި 220,000 އަލި އަހަރު

  • ތަރިތަކުގެ އަދަދު: ގާތްގަނޑަކަށް 1 ޓްރިލިއަން

  • ދެނެގަތުން: ފުރަތަމަ ފަހަރަށް މި ގެލެކްސީ ދެނެގަތީ ފާރިސްކަރައިގެ ފަލަކީ އިލްމުވެރިޔާ އަބްދުއްރަހްމާން އައް-ސޫފީ އޭނާގެ 'ދަ ބުކް އޮފް ފިކްސްޑް ސްޓާސް މަސައްކަތުގައި، މީލާދީން 964 ވަނަ އަހަރު

އެންޑްރޮމީޑާ ގެލެކްސީ ފުރަތަމަ ރިކޯޑުކުރި ފަލަކީ އިލްމުވެރިޔާ އަބްދުއްރަހްމާން އައް-ސޫފީ (އަވަހާރަވީ 986 މ.) ގެ ކުރެހުމެއް އަދި އޭނާގެ މަޝްހޫރު ފޮތް 'ކިތާބުލް ކަވާކިބިއް ސާބިތާ' (ދަ ބުކް އޮފް ފިކްސްޑް ސްޓާސް) މި ފޮތް ލިޔުއްވީ މީލާދީން 964 ވަނަ އަހަރު

މިލްކީވޭއާ ޖެހިދާނެ

އެންޑްރޮމީޑާ އާއި މިލްކީވޭ ގެލެކްސީ، ކޮންމެވެސް ޒަމާނެއްގައި އަދި ޖެހޭނެ ކަމަށް ބެލެވެ އެވެ. ހަބްލް ޓެލެސްކޯޕްގެ ދިރާސާތަކުން ދައްކާ ގޮތުގައި އެންޑްރޮމީޑާ ދަނީ ސިކުންތަކު 110 ކިލޯމީޓަރުގެ ސްޕީޑުގައި މިލްކީވޭއާ ކުރިއަށް ދަތުރުކުރަމުންނެވެ. މި ދެ ގެލެކްސީ ޖެހޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 4 ބިލިއަން އަހަރު ފަހުންނެވެ. 

އެންޑްރޮމީޑާ ބަލާނެ ގޮތް:

ދުނިޔޭގެ އުތުރު ފަރާތުގައި އެންޑްރޮމީޑާ އެންމެ ރަނގަޅަށް ފެންނާނީ ހަރީފު މޫސުމުގެ ރޭގަނޑެވެ. އޮކްޓޫބަރު މަހު މެންދަމުގެ ވަގުތުތަކުގައި މި ގެލެކްސީ ފެންނާނީ އުޑުގެ އެންމެ މަތީގައި ހުއްޓަ އެވެ. މެދުމިނުގެ އަލިކަން ހުންނަ ސަރަހައްދުތަކުގައި ވެސް މި ގެލެކްސީ ފެންނާނީ އަނދިރި އަލިކަމެއް އެޅިފައިވާ ބޮޑު ސަރަހައްދެއްގެ ގޮތުގަ އެވެ. ދުރުމިއެއް ނުވަތަ ކުޑަ ޓެލެސްކޯޕެއް ބޭނުންކޮށްގެން އެންޑްރޮމީޑާގެ އިތުރު ތަފްސީލުތައް ފެންނާނެ އެވެ. މީގެ ތެރޭގައި އެންޑްރޮމީޑާގެ އަލިގަދަ މައި ބައިކޮޅާއި، އެމް32 އަދި އެމް110 ފަދަ ސެޓެލައިޓް ގެލެކްސީތައް ހިމެނެއެވެ.

އެންޑްރޮމީޑާ ގެލެކްސީ ރާއްޖެއިން ފެންނަ ގޮތް:

ރާއްޖޭގެ ސަރަހައްދުން އެންޑްރޮމީޑާ ގެލެކްސީ އެންމެ ރަނގަޅަށް ފެންނާނީ އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށެވެ. އެންމެ ސާފުކޮށް ފެންނާނީ ރޭގަނޑު 8 އާއި 11އާ ދެމެދުގެ ވަގުތުތަކުގަ އެވެ. މި ގެލެކްސީ ފެންނާނީ އުތުރުން، އުޑުގެ މެދުމިނުގެ އުސްމިނެއްގަ އެވެ.

އެންމެ ފަސޭހައިން ފެންނާނީ ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށާ ދުރުގައި އޮންނަ ރަށްރަށުން ނުވަތަ އުޅަނދު ފަހަރުންނެވެ. އެއީ އާންމުކޮށް މި ތަންތަނުގައި ރޭގަނޑުގެ އަލިކަން ކުޑަވާނެތީ އެވެ.

ދުރުމިއެއް ނުވަތަ ކުޑަ ޓެލެސްކޯޕެއް ބޭނުންކޮށްގެން، މި ގެލެކްސީގެ އަލިގަދަ މައި ބައިކޮޅު ސާފުކޮށް ފެންނާނެ އެވެ. ނަމަވެސް ރަނގަޅު އަނދިރި ރޭގަނޑެއްގައި ހަމަ ލޮލަށް ވެސް މި ގެލެކްސީ ފާހަގަކުރެވޭނެ އެވެ. އެންމެ ރަނގަޅު ނަތީޖާއެއް ލިބޭނީ ހަނދު ނުފެންނަ ރޭގަނޑެއްގައި، އުޑުމަތި ސާފުކޮށް އޮންނަ ވަގުތެއްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް