އެމެޒޯންގެ ޑްރައިވަރެއް ޑެލިވަރީ ޕެކޭޖުތަކެއް ގެންދަނީ
އެމެޒޯން 5.9 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
މުވައްޒަފުންނަށް އޮބިނޯންނަ ވަރަށް ގުދަންތަކުގެ މަސައްކަތް މަތިކުރަން ކުންފުނިތަކުން ކުރާ ޑިމާންޑުތައް ވަކި މިންގަނޑުތަކެއްގައި ބަހައްޓަން ހަދާފައިވާ ގާނޫނަކާ ހިލާފުވެ މަޝްހޫރު އެެމެޒޯން ކުންފުނި 5.9 މިލިއަން ޑޮލަރުން، ކެލިފޯނިއާގައި ޖޫރިމަނާކޮށްފި އެވެ.
މޮރީނޯ ވެލީ އާއި ރެޑްލޭންޑްސްގައި ހުންނަ އެމެޒޯންގެ ދެ މަރުކަޒެއް ތަހްގީގު ކުރުމުން ގުދަންތަކާ ބެހޭ ގާނޫނާ 59،017 ފަހަރު ހިލާފުވެފައިވާ ކަމަށް ދަ ކެލިފޯނިއާ ލޭބާ ކޮމިޝަނާސް އޮފީހުން ބުންޏެވެ.
އެމެޒޯންއިން ގުދަންތަކުގެ މަސައްކަތް މަތިކުރުމަށް ގެންގުޅޭ ސިޔާސަތުތަކަށް އެ ކުންފުނީގެ ގިނަ މުވައްޒަފުން ފާޑުކިޔާތާ އަހަރުތަކެއް ވެއްޖެ އެވެ.
'ދަ ވެއާހައުސް ކޯޓާސް' ގާނޫނު ތަންފީޒު ކުރަން ފަށާފައި ވަނީ 2022ގަ އެވެ. މި ގާނޫނާ އެކު ކުންފުނިތަކުން ގެންގުޅޭ އުފެެއްދުންތެރިކަމުގެ ލަނޑުދަނޑިތައް މުވައްޒަފުންނަށާއި ސަރުކާރުގެ އެޖެންސީތަކަށް ހިއްސާކުރަން ލާޒިމުވެ އެވެ. މީގެ އިތުރުން ކާނެ ވަގުތާއި ވަރުބަލި ފިލުވާލާނެ ވަގުތާއި ފާހާނާ ކުރުމުގެ ވަގުތު މުވައްޒަފުންނަށް ދިނުމަށް ވެސް މި ގާނޫނު ލާޒިމު ކުރެ އެވެ.
ލޭބާ ކޮމިޝަން އޮފީހުން އިއްޔެ ހާމަކުރި ގޮތުގައި އެމެޒޯން އިން ވަނީ ލަނޑުދަނޑިތައް ލިޔުމުން ހިއްސާކުރަން ފޭލުވެފަ އެވެ. މުވައްޒަފުންގެ މެދުގައި އުފެއްދުންތެރިކަން ވަޒަން ކުރުމަށް އެހެން ނިޒާމެއް ގެންގުޅޭތީވެ 'ލަނޑުދަނޑިތައް' ބޭނުން ނުވާ ކަމަށް އެމެޒޯން އިން ވަކާލާތުކުރި ކަމަށް ވެސް އެ އޮފީހުގެ އޮފިޝަލުން ބުނެ އެވެ.
އެ އޮފިޝަލުން ބުނާ ގޮތުގައި ގުދަންތަކުގެ ކޯޓާއާ ބެހޭ ގާނޫނު ހެދީ ވެސް އެމެޒޯންއިން އެ ވަކާލާތުކުރާ ފަދަ ނިޒާމުތައް ނައްތާލާށެވެ.
ޑެލިވަރީ އާއި ގުދަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ މެދު އަމަލްކުރަމުން އަންނަ ގޮތާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި އެމެޒޯންއަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
އެމެރިކާގައި އެކަނި ވެސް އެމެޒޯންގައި މަސައްކަތް ކުރާ 1 މިލިއަނެއްހާ މުވައްޒަފުން އެބަ ތިއްބެވެ. އެމެޒޯންއަކީ އެމެރިކާގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ތިބި ޕްރައިވެޓް ކުންފުންޏެވެ.