ކޮމްޕިއުޓަރަށް ހަމަލާދީ ފޭރޭ ބޮޑު ނެޓްވޯކެއް ބަންދުކޮށްފި

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނާ ގޮތުގައި މި ނެޓްވޯކުން 19 މިލިއަން އައިޕީ ހެކުކޮށް 6 ބިލިއަނެއްހާ ޑޮލަރު ވަނީ ވަގަށް ނަގާފައި

ކޮމްޕިއުޓުރަތަކަށް ހަމަލާދީ 5.9 ބިލިއަން ޑޮލަރު ފޭރިގަތްފައިވާ ކަމަށް ބެލެވޭ ބައިނަލްއަގުވާމީ ބޮޑު ނެޓްވޯކެއް، ގިނަ ގައުމުތަކެއްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަންދުކޮށްފައިވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް (ޑީއޯޖޭ) އިން ބުނެފި އެވެ.

"މިއީ ދުނިޔޭގެ އެންމެ ބޮޑު ބޮޓްނެޓް ކަމަށް ގަބޫލުކުރެވޭ،" އެފްބީއައި އާއި ބައިނަލްއަގްވާމީ އެކި އެޖެންސީތަކުން ކުރި މަސައްކަތުގައި ބަންދުކުރި ނެޓްވޯކާ ބެހޭ ގޮތުން ޑީއޯޖޭއިން ބުންޏެވެ.

މި ނެޓްވޯކު އުފައްދާ އޮޕަރޭޓުކުރަމުން ދިޔަ ކަމަށް ގަބޫލުކުރެވެނީ ޗައިނާ އަދި ސެއިންޓް ކިޓްސް އެންޑް ނީވިސްގެ ރައްޔިތެއް ކަމަށްވާ ޔުންހޭ ވޭންގް އެވެ.

ބޮޓްނެޓްއަކީ އިންޓަނެޓު މެދުވެރިކޮށް ވެރި މީހާއަށް ނޭނގި ސޮފްޓްވެއާތަކެއް އޮޓޯއިން އަޅާފައި ހުންނަ ކޮމްޕިއުޓަރު ނެޓްވޯކަކަށް ކިޔާ ނަމެކެވެ. މިފަދަ ސޮފްޓްވެއާތަކަށް ކިޔަނީ މެލްވެއާ އެވެ. އެ ސޮފްޓްވެއާތަކާ އެކު ކޮމްޕިއުޓަރުތަކުގެ ކޮންޓްރޯލު ނަގާ ގާނޫނާ ހިލާފު ކަންކަން ކުރެ އެވެ.

ވޭންގްގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ކޮމްޕިއުޓަރު ފްރޯޑް ހިންގުން، ބޮޑެތި ކޮމްޕިއުޓަރު ފްރޯޑް ހިންގުން، ވަޔާ ފްރޯޑް ހިންގުމަށް ރޭވުން އަދި މަނީ ލޯންޑާ ކުރަން މަސައްކަތްކުރުން ހިމެނެ އެވެ. މި ކުށްތައް ސާބިތުވެއްޖެ ނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވުން އެކަށީގެންވެ އެވެ.

ވޭންގް އާއި އެހެން ބަޔަކު ވެގެން އުފެއްދި ބޮޓްނެޓްގެ ނަމަކީ 911 އެސް5 އެވެ. ދުނިޔޭގެ އެކި ހިސާބުތަކުން 150 ސާވާ ބޭނުންކޮށް 2014 އިން 2022އާ ހަމައަށް އެ ބޮޓްނެޓް އޮޕަރޭޓް ކޮށްފައިވާ ކަމަށް ޑީއޯޖޭއިން ތުހުމަތުކުރެ އެވެ.

މި ބޮޓްނެޓް 200 ވަރަކަށް ގައުމުގެ 19 މިލިއަން އައިޕީ އެޑްރެސް ހެކުކުރި ކަމަށާއި މި ނެޓްވޯކު ތެރެއަށް ވައްދާ ކޮމްޕިއުޓަރުތައް ބޭނުންކުރަމުން ދިޔައީ ސައިބާ ހަމަލާތަކަށާއި ބޮޑެތި ފްރޯޑުތައް ހިންގުމަށާއި ކުޑަކުދިން މަގުފުރެއްދުމަށާއި ފުރައްސާރަކޮށް، ބޮމުގެ އިންޒާރުތައް ދީ، އެކްސްޕޯޓް ގާނޫނުތަކާ ހިލާފުވާން ކަމަށް ވެސް ޑީއޯޖޭ އިން ބުންޏެވެ.

މީގެ އިތުރުން ވަގަށް ނެގި ކްރެޑިޓް ކާޑުތަކުން ކުށްވެރިންނަށް އެއްޗެހި ގަތުމަށް މަގުފަހިކޮށްދީ މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެ އެވެ. އެ އައިޕީ އެޑްރެސްތައް ވިއްކާލައިގެން ވޭންގް 99 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ކަމަށް ވެސް ބެލެވެ އެވެ.

ސިންގަޕޫރާއި ތައިލެންޑުގެ ރަސްމީ އިދާރާތަކާއި މައިކްރޮސޮފްޓް ކުންފުނިން ވަނީ މި ތަހްގީގަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް