އެލް60 އަކީ ޓެސްލާގެ މޮޑެލް ވައިއާ ވާދަކުރުމަށް އަމާޒުކޮށް ލޯންޗުކޮށްފައިވާ މޮޑެލް އެއް.

ޗައިނާގެ ނިއޯ އިން ޓެސްލާގެ މޮޑެލް ވައިއާ ވާދަކުރުމަށް ކާރެއް ލޯންޗުކޮށްފި

އިލެކްޓްރިކް އުޅަނދު އުފައްދާ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައި

ޗައިނާގެ އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދާ ކުންފުނި ނިއޯ އިން ޓެސްލާއިން ވިއްކާ އެންމެ މަގްބޫލު ކާރާ  ސީދާ ވާދަކުރުމަށް ކާރެއް ލޯންޗުކޮށްފި އެވެ.

ނިއޯ އިން ނެރެމުން އަންނަ އަގު ހެޔޮ ކާރު މޮޑެލް 'އޮންވޯ' ބްރޭންޑުގެ ދަށުން ނެރުނު 'އެލްވީ އެސްޔޫވީ'ގެ ފަށާ އަގު ހަމަޖައްސާފައި ވަނީ 30،465 އެމެރިކާ ޑޮލަރުގަ އެވެ. މިއީ ޓެސްލާގެ މޮޑެލް ވައިއާ އަޅާ ބަލާ އިރު %10 ހެޔޮ އަގެކެވެ.

ނިއޯ އިން އެލް60 ލޯންޗުކޮށްފައި މިވަނީ އެމެރިކާއަށް އެތެރެ ކުރާ ޗައިނާގެ އިލެކްޓްރިކް އުޅަނދުތަކުގެ ޑިއުޓީ ތިން ގުނަ ބޮޑުކުރުމަށް ވޮޝިންޓަނުން މި ހަފްތާގައި ނިންމާފައި ވަނިކޮށެވެ.

އީވީ ސިނާއަތުގައި އޮޕަރޭޓު ކުރަމުން އަންނަ އެހެން ކުންފުނިތަކެކޭ އެއްގޮތަށް ޗައިނާގެ ބްރޭންޑްތަކުން ދައްކަމުން އަންނަ ވާދަވެރިކަމާ ގުޅިގެން ޓެސްލާގެ ވިޔަފާރި އަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ނިއޯގެ އެލް60 ޗައިނާގެ ޝަންހާއީގައި ލޯންޗުކޮށް ދެއްވާފައި ވަނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ވިލިއަމް ލީ އެވެ. އޭނާ ވިދާޅުވީ ގޮތުގައި މިއީ ޓެސްލާގެ މޮޑެލް ވައި އާއި ޓޮޔޯޓާގެ އާރްއޭވީ4 އާ ވާދަކުރުމަށް ލޯންޗު ކުރި މޮޑެލް އެެކެވެ.

"ޓެކްނޮލޮޖީތައް ބަދަލުވެ ސްމާޓް އީވީތަކާ މެދު އާންމުންގެ މެދުގައި އޮތް މައުލޫމާތު މުއްސަނދިވަމުން އަންނަ އިރު އާއިލީ ކާރުތަކުގެ މިންގަނޑުތައް މިއަދު އަހަރުމެން މިވަނީ ބަދަލުކުރަން ޖެހިފައި،" ލީ ވިދާޅުވި އެވެ.

ނިއޯ އިން މިހާރު އެލް60 އަށް އޯޑަރުތައް ނަގަން ފައްޓާފައި ވާއިރު، މި އޯޑަރުތަކަށް ކާރުތައް ޑެލިވަރީ ކުރަން ފައްޓާނީ ސެޕްޓެމްބަރު މަހު އެވެ.

އަދި އާއިލީ ކާރު މާކެޓު ފުޅާކުރުމަށް 'އޮންވޯ' ބްރޭންޑުގެ އާ މޮޑެލް އެއް ކޮންމެ އަހަރު ލޯންޗު ކުރުމަށް ވިސްނާކަމަށް ނިއޯއިން ވަނީ ބުނެފަ އެވެ.

ނިއޯގެ އެލް60ގެ އިސްތިހާރެއް (ވީޑިއޯ/ކާސްކޫޕްސް)

ވާދަވެރިކަން ބޮޑުވެ ވިޔަފާރި ކުރި އަރާ މިންވަރު މަޑުޖެހުމާ ގުޅިގެން ބައިނަލްއަގްވާމީ އިލެކްޓްރިކް ކާރު ކުންފުނިތަކަށް ބޮޑު ގޮންޖެހުމަކާ ވަނީ ކުރިމަތިވެފަ އެވެ. ޓެސްލާއިން ވަނީ މިދިޔަ މަހު އެ ކުންފުނީގެ %10 މުވައްޒަފުން މަދުކުރަން ނިންމާފަ އެވެ.

އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ ބަލާފައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާ ދެގުނަ ދަށަށް ގޮސްފައިވާ ކަމަށް ޓެސްލާއިން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް