އެމެޒޯން.
އެމެޒޯންގެ ފައިދާ އަންދާޒާތަކަށް ވުރެ ތިން ގުނަ މައްޗަށް އަރައިފި
ހުސްވި ކުއާޓަރުގައި އެމެޒޯންއަށް ލިބުނު އޮޕަރޭޓިން ފައިދާ ވަނީ މިދިޔަ އަަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު %200 މައްޗަށް ގޮސް 15.3 ބިލިއަން ޑޮލަރަށް އަރާފަ އެވެ.
އެމެޒޯންގެ ފައިދާ މިހާ ބޮޑުތަން އިތުރުވެފައި މިވަނީ ހަރަދުތައް ކުޑަކޮށް އުފެއްދުންތެރިކަން މައްޗަށް ޖެއްސުމަށް އެ ކުންފުނިން ގިނަ ފިޔަވަޅުތަކެއް ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހު އަޅާފައި ވަނިކޮށެވެ.
ހަރަދުތައް ކުޑަކުރަން އެމެޒޯންއިން ވަނީ 2022ގެ ފަހުކޮޅުން ފެށިގެން މިހާތަނަށް 27،000 މުވައްޒަފުން މަދުކޮށްފަ އެވެ.
އެމެޒޯން އިން އެކި ކަހަލަ ވިޔަފާރިތައް ކުރަމުން އަންނަ އިރު، މައި ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާގެ %62 ހިއްސާ ކުރަނީ 'އެމެޒޯން ވެބް ސާވިސަސް' ވިޔަފާރި އެވެ.
ކުންފުނީގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ބަލާއިރު %13 މައްޗަށް ގޮސް 127.4 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ޖުމްލަ ސާފު ފައިދާ ވަނީ މިދިޔަ އަހަރު ހުރި 3.17 ބިލިއަން ޑޮލަރުން 10.4 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފަ އެވެ.
މިހާރު ހިނގަމުން މިދާ ކުއާޓަރުގައި ވެސް ކުންފުނީގެ ފައިދާއަށް ކުރިއެރުން ލިބޭނެ ކަމަށް އެމެޒޯން އިން ބުނެ އެވެ. އެގޮތުން މި ހިނގާ ދެ ވަނަ ކުއާޓަރުގައި ފައިދާ ހުންނާނީ މިދިޔަ އަހަރު ހުރި 7.7 ބިލިއަން ޑޮލަރުގެ ބަދަލުގައި 10 އާއި 14 ބިލިއަން ޑޮލަރާ ދެމެދުގައި ކަމަށް އެމެޒޯން އިން އަންދާޒާކުރެ އެވެ.