އިންތިހާބީ ނުފޫޒާ ގުޅޭގޮތުން އީޔޫއިން މެޓަ ތަހުގީގު ކުރަނީ
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކުރިއަށް އޮތް އިންތިހާބު ރައްކާތެރި ކުރުމަށާއި ބޭރު ގައުމުތަކުގެ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް މެޓަ ކުންފުނިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންނުދާކަމުގެ ކަންބޮޑުވުންތަކާ އެކު އީޔޫގެ އޮފިޝަލުން މެޓަ ތަހުގީގު ކުރަން ފައްޓައިފި އެވެ.
މި ތަހުގީގުގައި ބަލާނީ އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ބޭރުގެ ފަރާތްތަކުގެ އިޝްތިހާރުތަކާއި ސްކޭމަރުންގެ އިޝްތިހާރުތަކާ މެދު މެޓައިން އަމަލުކުރަމުން އަންނަ ގޮތް ކަމަށް އިއްޔެ ޔޫރަޕިއަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ދިރާސާކުރާ އަދި ނޫސްވެރިކަމުގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ބޭނުން ކުރަމުން އައި އެނަލިސިސް ޓޫލްއެއް ހުއްޓާލުމަށް މެޓައިން ނިންމި ނިންމުން ވެސް ތަހުގީގު ކުރާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިއީ ޔޫރަޕުގެ ރެގިއުލޭޓަރުން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ގާނޫނީ އިމެއްގެ ތެރެއަށް ފެއްތުމަށް މިދިޔަ އަހަރު ތަސްދީގު ކުރި ގާނޫނުގެ ދަށުން އެމެރިކާގެ ކުންފުނިތަކުގެ މައްޗަށް ހިންގަން ފެއްޓި އެންމެ ފަހުގެ ތަހުގީގެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، މެޓަގެ މައްޗަށް ހިންގާ ތަހުގީގުގެ އަސާސް ބިނާވެފައި އޮތީ އޮންލައިން ޕްލެޓްފޯމުތައް ބަލަހައްޓަން ޔޫރަޕުގައި ތަންފީޒު ކުރަމުން އަންނަ 'ޑިޖިޓަލް ސާވިސަސް އެކްޓް'އާ ހިލާފުވިތޯ ބެލުމެވެ. އަދި މެޓަގެ މައްޗަށް މި ތުހުމަތުތައް ސާބިތުވެއްޖެ ނަމަ، އެ ކުންފުންޏަށް ލިބޭ ޖުމްލަ އާމްދަނީގެ %6 އިން އީޔޫއަށް ޖޫރިމަނާ ކުރެވިދާނެ އެވެ.
މެޓައިން ދޭ ހިދުމަތްތަކާ ގުޅުން ހުރި ނުރައްކާތަކާއި އެފަދަ ކަންކަން މެނޭޖު ކުރާ ގޮތާ ބެހޭ މައުލޫމާތުތައް މެޓައިން ވަނީ މިދިޔަ އަހަރު އީޔޫގެ ކޮމިޝަން އަށް ހުށައަޅާފަ އެވެ. ނަމަވެސް އީޔޫއިން މެޓަގެ މައްޗަށް ތަހުގީގެއް ފައްޓާކަން އިއްޔެ އިއުލާނު ކުރުމުން، މެޓައިން އަމަލު ކުރަމުން އަންނަ ގޮތާ މެދު އީޔޫގެ އޮފިޝަލުންގެ މެދުގައި ކަންބޮޑުވުން އޮތް ކަން މިވަނީ ހާމަވެގެން ގޮސްފަ އެވެ.
އީޔޫ ކޮމިޝަންގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް މެޓަގެ ތަރުޖަމާނެއް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް (1)
ސަންތި މަރީ