ސްނެޕް.

ފައިދާ އިތުރުވެ ސްނެޕްގެ ހިއްސާގެ އަގު %28 މައްޗަށް

މިއީ ދެ އަހަރު ތެރޭ ސްނެޕްގެ ހިއްސާގެ އަގު އެއްފަހަރާ މިހާ ބޮޑުތަން މައްޗަށް ދިޔަ ފުރަތަމަ ފަހަރު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް އިންވެސްޓަރުންގެ އަންދާޒާތަކަށް ވުރެ މަތިވެ މަޝްހޫރު ސޯޝަލް މީޑިއާ ކުންފުނި ސްނެޕްގެ ހިއްސާގެ އަގު ވަރަށް ބޮޑުތަން މައްޗަށް ޖެހިލައިފި އެވެ.

ސްނެޕްގެ ހިއްސާގެ އަގު ވަނީ 3.15 ޑޮލަރު މައްޗަށް ޖެހި 14.55 ޑޮލަރަށް އަރައިފަ އެވެ. މިއީ 2022ގެ ފަހުން ސްނެޕްގެ ހިއްސާގެ އަގު މިހާ ބޮޑުތަން އެއްފަހަރާ މައްޗަށް ޖެހިލި ފުރަތަމަ ފަހަރެވެ. 

ހުސްވި ފެބްރުއަރީ މަހު ސްނެޕްގެ ހިއްސާގެ އަގު %31 ވެއްޓިފައި ވުމުން މި އަހަރު މިހާތަނަށް އަދި ވެސް އެ ކުންފުނީގެ ހިއްސާގެ އަގު އުޅެނީ އެކު ޖުމްލަ %14 ދަށުގަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްނެޕް އަށް ލިބިފައިވާ އާމްދަނީ ވަނީ %21 މައްޗަށް ޖެހި، 1.19 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ނިމިދިޔަ ކުއާޓަރުގައި ސްނެޕްގެ އާމްދަނީ ހުންނާނެ ކަމަށް މާހިރުން އަންދާޒާކޮށްފައި ހުރީ 1.12 ބިލިއަން ޑޮލަރުގަ އެވެ.

އަދި ކުންފުންޏަށް 68 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެކަމަށް މާހިރުން އަންދާޒާކޮށްފައި އޮތް ނަމަވެސް މާލީ ހިސާބުތައް ދައްކާ ގޮތުން ސްނެޕް އަށް ވަނީ 46 މިލިއަން ޑޮލަރުގެ ފައިދާއެއް ވެފަ އެވެ.

ސްނެޕް އިން ބުނި ގޮތުގައި، މި ފައިދާ ހޯދުނީ ހަރަދުތައް ހިފަހައްޓާ އާމްދަނީ ވައްދާނެ އިތުރު ގޮތްތައް ފައްކާ ކުރުމުން ނެވެ.

މީގެ ދެ އަހަރު ކުރިން 2022ގައި ދުނިޔޭގެ ޑިޖިޓަލް އިސްތިހާރު ކުރުމުގެ މާކެޓު ވެއްޓުމާ ގުޅިގެން ސްނެޕް އަށް ކުރިމަތިވި ގޮންޖެހުންތަކުން ސަލާމަތްވުމަށް ސްނެޕް އިން އަންނަނީ މަސައްކަތް ކުރަމުން ނެވެ. އަދި ސްނެޕް އިން އޭރު އެޅި ފިޔަވަޅުތަކަށް މިހާރު ނަފާ ލިބެމުންދާތަން ދަނީ ފެންނަމުން ނެވެ.

އިންވެސްޓަރުންނަށް ފޮނުވި ސިޓީއެއްގައި ސްނެޕް އިން ބުނީ، އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބުތަކަކީ، އިސްތިހާރު ކުރާ ޕްލެޓްފޯމަށް ގެނައި އިތުރު ފުރިހަމަކަމާއި ޑައިރެކްޓް-ރެސްޕޮންސް އިސްތިހާރު ކުރާ ސޮލިއުޝަންތަކަށް އޮތް ޑިމާންޑު އިތުރުވުމެވެ.

މާލީ ހިސާބުތައް ރަނގަޅުވުމުގެ އިތުރުން ސްނެޕް ކޮންމެ ދުވަހަކު ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު %10 އިތުރުވެ 422 މިލިއަން އަށް އަރާފަ އެވެ.

ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސްނެޕް އިން ވަނީ ކުންފުނީގެ %10 މުވައްޒަފުން މަދުކުރާކަން ހުސްވި ފެބްރުއަރީ މަހު އިއުލާނުކޮށްފަ އެވެ. ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި މުވައްޒަފުންގެ އަދަދުތައް އިތުރުކުރަމުން ދާނޭ ކަމަށް ސްނެޕް އިން ވަނީ ބުރާސްފަތި ދުވަހު ބުނެފަ އެވެ.

މިހާރު ކުރިއަށް މިދާ ދެވަނަ ކުއާޓަރުގެ އާމްދަނީ ހުންނާނީ 1.23 އާއި 1.26 ބިލިއަން ޑޮލަރާ ދެމެދުގައި ކަމަށް ސްނެޕް އިން ވަނީ އަންދާޒާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް