މެޓަ.

ހަރަދު ބޮޑު ޕްލޭންތަކާ އެކު މެޓަގެ ހިއްސާގެ އަގު ވެއްޓިއްޖެ

މެޓަގެ އާމްދަނީ މައްޗަށް ގޮސްފައިވީ ނަމަވެސް އޭއައިއަށް ކުރާ ހަރަދުތައް އިތުރުވާތީ އިންވެސްޓަރުން ވަނީ ކަންބޮޑުވެފައި

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަންދާޒާތަކަށް ވުރެ ރަނގަޅު އާމްދަނީއެއް ހޯދާފައިވާ ކަމަށް މެޓައިން ރިޕޯޓުކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެ ކުންފުނީގެ ހިއްސާގެ އަގު ވެއްޓިއްޖެ އެވެ. 

ފޭސްބުކް އާއި އިންސްޓަގްރާމްގެ ވެރި މެޓަގެ ހިއްސާގެ އަގު ވެއްޓުނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް މި އަހަރު ބޮޑު ހޭދައެއް ކުރުމަށް ރާވާފައިވާ ކަމަށް ހާމަކުރުމުން ނެވެ.

ކުރިން މިއަހަރަށް އަންދާޒާކޮށްފައި އޮތް މިންވަރަށް ވުރެ އެތައް ބިލިއަން ޑޮލަރެއް އިތުރަށް އޭއައިއަށް ހަރަދުކުރާނެ ކަމަށް މެޓައިން ހާމަކުރުމާ އެކު ކުންފުނީގެ ހިއްސާގެ އަގު ވަނީ %15 ވެއްޓިފަ އެވެ.

މެޓާ އިން އަންނަނީ އެ ކުންފުނީގެ އިޝްތިހާރު ގަންނަ ޕްރޮޑަކްޓްތައް އޭއައި ޓޫލްސްއާ އެކު އަޕްޑޭޓް ކުރަމުން ނެވެ. މީގެ އިތުރުން ވެސް މެޓައިން އަންނަނީ ޗެޓް އެސިސްޓެންޓުން ފަދަ އިތުރު އޭއައި ފީޗާތައް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ތައާރަފް ކުރަމުންނެވެ.

އެ ކުންފުނިން ބުނިގޮތުގައި، ކުރިން އޭއައިއަށް ހަރަދުކުރުމަށް ބަޖެޓުކޮށްފައި އޮތް 30 އާއި 37 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދުގެ ބަދަލުގައި މިހާރު މިއަހަރަށް 35 އާއި 40 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހަބަރާ އެކު މެޓަގެ ހިއްސާގެ އަގު ވަނީ ވެއްޓެން ފަށާފަ އެވެ. 

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މެޓައަށް ލިބުނު އާމްދަނީ ވަނީ %27 މައްޗަށް ޖެހިލާ 36.46 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ މާހިރުންގެ އަންދާޒާތައް ކަމުގައިވާ 36.16 ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ.

މެޓައިން އޭއައިއަށް ހޭދަކުރަން އަލަށް ހަމަޖެއްސި އަދަދަކީ ވަރަށް ބޮޑު މިންވަރެއް ކަމަށް މާހިރުން ދެކެލައްވަ އެވެ. 

މެޓަގެ ހިއްސާގެ އަގު ވެއްޓުމާ ގުޅޭ (ވީޑިއޯ/ވިއޯން)

ހާގްރީވްސް ލެންސްޑައުންގެ ލީޑް އިކުއިޓީ އެނަލިސްޓު ސޯފީ ލުންޑް-ޔޭޓްސް ވިދާޅުވި ގޮތުގައި، ޑިޖިޓަލް އިސްތިހާރުތަކާ މެދު ޔަގީންކަން ނެތް ދުވަސްވަރެއްގައި، އޭއައިއަށް ކުރި ބޮޑެތި އިންވެސްޓްމަންޓުތަކުގެ ސަބަބުން މެޓަ ޕްލެޓްފޯމުތަކުގައި އިސްތިހާރު ކުރާ ފަރާތްތަކުން ހަރަދުކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

އަދި މި އަހަރު 50 އަށް ވުރެ ގިނަ ގައުމުތަކުގައި އިންތިހާބުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މީގެ ސަބަބުން އިސްތިހާރު ކުރާ ފަރާތްތަކަށް ލިބިފައިވާ ޔަގީންކަން ކުޑަވެގެން ދާކަމަށް ލުންޑް-ޔޭޓްސް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އެމެރިކާގައި ޓިކްޓޮކްގެ މުސްތަގްބަލާ މެދު އުފެދިފައިވާ ސުވާލުތަކުގެ ސަބަބުން މެޓައަށް ފައިދާތަކެއް ކުރާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ޓިކްޓޮކް 9 މަސް ދުވަސް ތެރޭގައި ވިއްކާލުމަށް ނުވަތަ އެމެރިކާގައި އެ އެޕްލިކޭޝަން ބްލޮކު ކުރާ ގާނޫނެއް ރައީސް ޖޯ ބައިޑަން ވަނީ މިދިޔަ ހަފްތާގައި ތަސްދީގު ކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް