ޗައިނާގައި ހުންނަ ޓެސްލާ ކާރުހާނާގައި ތައްޔާރުކޮށް ނިންމާފައި ހުރި މޮޑެލް 3 މަރުކާގެ ކާރުތަކެއް.

ޓެކްނޮލޮޖީ

ފައިދާ ދަށްވުމާ އެކު އާ މޮޑެލްތައް ނެރުން ޓެސްލާއިން އަވަސްކޮށްފި

ޑިމާންޑު ދަށްވެ، ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން މި އަހަރުގެ މިހާތަނަށް ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު ވަނީ %43 ވެއްޓިފައި

ވާދަވެރިކަން ބޮޑުވެ ވިޔަފާރި ދަށްވުމުގެ ސަބަބުން ފައިދާ ދެބައިކުޅަ އެއްބައި ދަށަށް ގޮސް، މުވައްޒަފުން މަދުކުރުމަށް ނިންމާފައިވާ ޓެސްލާ އިން އަލަށް ލޯންޗުކުރަން ރާވާފައި ހުރި މޮޑެލްތައް އަވަސް ކުރުމަށް ނިންމައިފި އެވެ.

އިލެކްޓްރިކް އުޅަނދު އުފައްދާ މަޝްހޫރު ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ލިބިފައި ވަނީ 1.13 ބިލިއަން ޑޮލަރުގެ ފައިދާއެއްކަން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި އަދަދު ހުރީ 2.51 ބިލިއަން ޑޮލަރުގަ އެވެ.

ބިލިއަނަރު އީލޮން މަސްކުގެ ބޮޑު ހިއްސާއެއް އޮންނަ ޓެސްލާ އިން އެމެރިކާގެ ޓެކްސަސް އާއި ކެލިފޯނިއާގައި ހިންގަމުން އަންނަ ވިޔަފާރިތަކުން 6،000 ވަޒީފާ މަދުކުރުމަށް ނިންމާފައިވާކަން ވެސް ވަނީ ހާމަކޮށްފަ އެވެ.

ޑިމާންޑު ދަށްވެ، ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން މި އަހަރުގެ މިހާތަނަށް ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު ވަނީ %43 ވެއްޓިފަ އެވެ. ޗައިނާގެ އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދާ ކުންފުނިތަކުން އަންނަނީ ޓެސްލާއަށް ވުރެ އަގުހެޔޮކޮށް އުޅަނދުތައް ވިއްކަމުންނެވެ.

މި މަހު ކުރީކޮޅު ޓެސްލާއިން ވަނީ މުޅި ކުންފުނީގެ %10 މުވައްޒަފުން މަދުކުރާކަން އިއުލާނު ކޮށްފަ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެސްލާގެ އާމްދަނީ ހުރީ 21.3 ބިލިއަން ޑޮލަރުގަ އެވެ. މިއީ އެނަލިސްޓުން އަންދާޒާ ކުރި 22 ބިލިއަން ޑޮލަރަށް ވުރެ ދަށް މިންވަރެކެވެ. 

ނަމަވެސް އަންނަ އަހަރުގެ ފަހު ބައިގައި ލޯންޗު ކުރުމަށް ރާވާފައި ހުރި މޮޑެލްތައް އަވަސް ކުރާނެކަން ޓެސްލާ އިން އިއުލާނު ކުރުމާ އެކު ކުންފުނީގެ ހިއްސާގެ އަގު ވަނީ %12.5 އިއްޔެ މައްޗަށް ޖެހިލާފަ އެވެ. މި އާ މޮޑެލްތަކުގެ އަގާ ބެހޭ ތަފްސީލެއް ޓެސްލާ އިން ދީފައެއް ނުވެ އެވެ.

ޓެސްލާގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކާ ގުޅޭ (ވީޑިއޯ/ވިއޯން)

ވިޔަފާރި ރަނގަޅުކޮށް ކަސްޓަމަރުން އިތުރަށް ހޯދުމަށްޓަކައި ޓެސްލާއިން ވަނީ މުހިންމު ގިނަ މާކެޓުތަކެއްގައި އަގުތައް ތިރިކޮށްފަ އެވެ. ވިޔަފާރީގެ މި ހާލަތަކީ އެ ކުންފުންޏަށް އެކަނި ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށް ޓެސްލާ އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް