ޓެސްލާ.

ވިޔަފާރި ދަށްވެ މުހިންމު މާކެޓުތަކެއްގައި ޓެސްލާއިން އަގުތައް ދަށްކޮށްފި

އިލެކްޓްރިކް ވެހިކަލް ސިނާއަތުގައި ވާދަވެރިކަން އަންނަނީ ވަރަށް ބޮޑުވަމުން

އިލެކްޓްރިކް ވެހިކަލް އުފައްދާ މަޝްހޫރު ޓެސްލާ ކުންފުނިން ދަށަށް ގޮސްފައިވާ ވިޔަފާރި ދިރުވުމަށް މުހިންމު މާކެޓުތަކެއްގައި އަނެއްކާ ވެސް އަގުތަށް ދަށްކޮށްފި އެވެ.

ޓެސްލާއިން މި ފިޔަވަޅު އަޅާފައި މިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިއްކި ވެހިކަލްތަކުގެ އަދަދު ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އިލެކްޓްރިކް ވެހިކަލް (އީވީ) ސިނާއަތުގައި އޮޕަރޭޓުކުރަމުން އަންނަ ކުންފުނިތަކުން އަންނަނީ ތަކުރާރުކޮށް އަގުތަކާ ކުޅެ އަގުތަށް ދަށްކުރަމުން ނެވެ. އަދި ވަކިން ހާއްސަކޮށް ޗައިނާގެ އީވީ ކުންފުނިތަކުން އަންނަނީ ވާދަވެރި ފިޔަވަޅުތަކެއް އަޅަމުން ނެވެ. 

ނިމިދިޔަ ކުއާޓަރުގެ މާލީ ހިސާބުތަކުގެ ރިޕޯޓް ޓެސްލާއިން ޝާއިއު ކުރުމަށް ހަމަޖައްސާފައި ވަނީ މާދަމާ އެވެ.

ސޯޝަލް މީޑިއާ އެކްސްގައި ޓެސްލާގެ ވެރިޔާ މަސްކު ވިދާޅުވީ، "ޑިމާންޑާ ކާރު އުފައްދާ މިންވަރު އެއްވަރު ކުރުމަށްޓަކަައި އަގުތަކަށް ގިނަގިނައިން ބަދަލުގެންނަން ޖެހޭ،" އެވެ.

ޗައިނާގައި ޓެސްލާއިން ވަނީ ބަދަލު ގެނެސްފައިވާ މޮޑެލް 3ގެ އަގު 14،000 ޔުއާން ދަށްކޮށް 231،900 އަށް ދަށްކޮށްފަ އެވެ. އަދި އެމެރިކާ މާކެޓުގައި ޓެސްލާއިން ވަނީ މޮޑެލް ވައި އާއި މޮޑެލް އެސްގެ އަގު 2،000 ޑޮލަރު ހުކުރު ދުވަހު ދަށްކޮށްފަ އެވެ.

މީގެ އިތުރުން ވެސް ޔޫރަޕާއި މެދުއިރުމައްޗާއި އަދި އެފްރިކާގައި ވެސް ޓެެސްލާއިން އަގުތައްް ދަށްކޮށްފައިވާ ކަމަށް ރޮއިޓާސް އިން ބުނެފައިވެ އެވެ.

މުވައްޒަފުންގެ %10 މަދުކުރަން ނިންމާފައިވާ ކަމަށް މިދިޔަ ހަފްތާގައި ޓެސްލާއިން ވަނީ އިއުލާނުކޮށްފަ އެވެ. އަދި ރައްކާތެރިކަމުގެ ކަންބޮޑުވުންތަކަކާ ގުޅިގެން ޓެސްލާއިން ވަނީ އެ ކުންފުނިން ވިއްކާފައިވާ އެތައް ހާސް ސައިބާޓްރަކުތަކެއް ބަދަލުތަކެއް ގެނައުމަށް ކާރުހާނާތަކަށް އަނބުރާ ގެންދިޔުމަށް ކަސްޓަމަރުންނަށް  މިދިޔަ ހުކުރު ދުވަހު އަންގާފަ އެވެ.

މުވައްޒަފުންގެ %10 މަދުކުރުމަށް ޓެސްލާއިން ނިންމުމާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

މި އަހަރު ފެށުނު ފަހުން ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު ވަނީ %40 ދަށަށް ގޮސްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް