ހުއާވޭއިން ލޯންޗުކުރި އާ ފޯނުތައް.
އެޕަލްއާ ވާދަކުރުމަށް ހުއާވޭއިން އާ ފޯނުތަކެއް ލޯންޗުކޮށްފި
ޗައިނާ މާކެޓުގައި އެޕަލްއާ ވާދަކުރުމަށާއި މެދުކެނޑުމަކަށް ފަހު އަލުން ހިނގައިގެންފައިވާ ސްމާޓްފޯން ވިޔަފާރި އިތުރަށް ކުރިއެރުވުމަށް ޗައިނާގެ ހުއާވޭއިން އާ ސްމާޓްފޯނުތަކެއް އިއްޔެ ލޯންޗުކޮށްފި އެވެ.
ހުއާވޭއިން ލޯންޗުކޮށްފައިވާ ފޯނުތަކަށް ދީފައިވާ ނަމަކީ 'ޕިއުރާ 70' އެވެ. މިއީ އެ ކުންފުނިން 2012 ވަނަ އަހަރު ފުރަތަމަ ލޯންޗުކުރި 'ޕީ ސީރީސް'ގެ ބަދަލުގައި ނެރޭ އާ ސީރީސް އެވެ.
އަދި މިއީ މިދިޔަ އަހަރު ވަރުގަދަ ޗިޕަކާ އެކު ހުއާވޭއިން ލޯންޗުކުރި 'މޭޓް 60' ސްމާޓްފޯނުގެ ފަހުން އެ ކުންފުންޏަށް ލިބިފައިވާ ޔަގީންކަން ދައްކުވައިދޭ ނިޝާނެއް ވެސް މެ އެވެ. މިދިޔަ އަހަރު މޭޓް 60 ފޯނު ލޯންޗުކުރުމާ ގުޅިގެން، އެ ފޯނުގަައި ހިމަނާފައި ހުރި ޓެކްނޮލޮޖީތައް ހުއާވޭއިން ހޯދީ ކޮން ގޮތަކަށް ކަމާ މެދު އެމެރިކާގެ ވޮޝިންޓަންގައި ސުވާލުތައް އުފެދުނެވެ.
ސަބަބަކީ ފާއިތުވެދިޔަ އަހަރުތަކުގައި އެމެރިކާ ސަރުކާރުން ވަނީ ހުއާވޭއާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ. ވޮޝިންޓަނުން 2019 ވަނަ އަހަރުން ފެށިގެން އަޅަން ފެށި މި ފިޔަވަޅުތަކާ އެކު ހުއާވޭގެ ސްމާޓްފޯން ވިޔަފާރި އެކީ ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައިސްފައި ވެ އެވެ.
ނަމަވެސް އެ ކުންފުނިން މިހާރު މިވަނީ ސްމާޓްފޯން ސިނާއަތުގައި އަލުން ފައިހަރުކުރުމުގެ މަސައްކަތް ފައްޓާފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ ހަފްތާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަ ހަފްތާގައި ހުއާވޭގެ ސްމާޓްފޯން ޝިޕްމަންޓުތަކުގެ އަދަދު ވަނީ %64 މައްޗަށް ގޮސްފަ އެވެ.
ނިސްބަތުން ބަލާއިރު އެޕަލްގެ އައިފޯން ޝިޕްމަންޓުތައް މި މުއްދަތުގެ ތެރޭ ވަނީ %24 ދަށަށް ގޮސްފަ އެވެ.
ޕިއުރާ 70 ސީރީސް އަކީ އެޕަލްގެ އައިފޯން ވިޔަފާރިއާ ވާދަކުރުމަށް ހުއާވޭއިން އެޅި ފިޔަވަޅެއް ކަމަށް ވަނީ ގަބޫލު ކުރެވިފަ އެވެ. އެޕަލްގެ އައިފޯން 15 ޗައިނާގައި ހުރީ 5،999 ޔުއާން އިން ފެށިގެން 9،999 ޔުއާންއާ ދެމެދުގެ އަގުތަކެއްގަ އެވެ. ހުއާވޭއިން އަލަށް ލޯންޗުކުރި ހަތަރު މޮޑެލްގެ އަގުތައް އުޅެނީ 5،499 ޔުއާން އާއި 9،999 ޔުއާންއާ ދެމެދުގަ އެވެ.
ޕިއުރާ 70 ސީރީސްގެ ފޯނުތަކުގައި އެންމެ އަގުބޮޑު ސްމާޓްފޯނުތަކުގައި ހުންނަ ގިނަ ފީޗާތަކެއް ހިމަނާފައި ވެ އެވެ. އަދި މި ސީރީސްގެ ފޯނުތަކުގައި ހިމަނާފައި ވަނީ ހުއާވޭއިން އަމިއްލައަށް އުފައްދާފައިވާ ހާމޮނީއޯއެސް 4.2 ސޮފްޓްވެއާ އެވެ.