އެޕަލްގެ އައިފޯން 15 ފޯނުތަކެއް ފިހާރައެއްގައި ވިއްކަން ބަހައްޓާފައި.
ވާދަވެރިކަން ބޮޑުވެ އެޕަލްގެ އައިފޯން ޝިޕްމަންޓުތައް ދަށަށް ހިނގައްޖެ
ވާދަވެރިކަން ބޮޑުވެ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޕަލްގެ އައިފޯން ޝިޕްމަންޓުތައް %10 ދަށަށް ގޮސްފައިވާ ކަމަށް އިންޓަނޭޝަނަލް ޑޭޓާ ކޯޕޮރޭޝަން (އައިޑީސީ) އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޕަލް އިން 55.4 މިލިއަން އައިފޯނު ޝިފްކޮށްފައި ވާއިރު މިއަހަރު އެ މުއްދަތު ތެރޭގައި ޝިޕްކޮށްފައި ވަނީ 50.1 މިލިއަން އައިފޯނު ކަމަށް އައިޑީސީގެ ރިޕޯޓުގައިވެ އެވެ. މިއީ %9.6ގެ ވެއްޓުމެއް ކަމަށާއި ސްމާޓްފޯންގެ ގަދަ ފަސް ބްރޭންޑުތަކުގެ ތެރެއިން އެންމެ ބޮޑު ވެއްޓުމެއް މިއަހަރު ކުރިމަތިވެފައި ވަނީ އެޕަލްއަށް ކަމަށް އެ ރިޕޯޓުގައިވެ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއްވަނައިގައި އޮތް އެޕަލް ފަަހަތަށް ޖައްސާލުމަށް ފަހު މާކެޓުގެ %20.8 މިއަހަރު ހޯދައިގެން އެއްވަނައަށް އަރާފައި ވަނީ އަނެއްކާ ވެސް ސެމްސަންގް އިން ނެވެ. ނަމަވެސް ސެމްސަންގް އިން މި އަހަރު ވެސް ޝިޕްކޮށްފައިވާ ފޯނުތަކުގެ އަދަދު ހުރީ މިދިޔަ އަހަރެކޭ ވެސް އެއްވަރެއްގަ އެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓަރުގައި ސެމްސަންގްގެ ސްމާޓްފޯން މާކެޓުގެ ހިއްސާ ހުރީ %22.5 ގަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސްމާޓްފޯނު އުފައްދާ ކުންފުނީގެ ލަގަބު ސެމްސަންގް އަތުން މިދިޔަ އަހަރު ދަމައިގަތް އެޕަލްގެ މާކެޓް ހިއްސާ ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރި %20.7 އިން މިއަހަރު %17.3 އަށް ދަށްވެފަ އެވެ.
"އަގުބޮޑު ފޯނުތަކުގެ މާކެޓުގައި މި ދެ ކުންފުނި ހިފަހައްޓާލާނެ ކަމަށް އައިޑީސީއަށް ގަބޫލު ކުރެވޭ އިރު، ޗައިނާގައި ހުއާވޭ އަލުން ބާރުގަދަވެފައި ވުމާއި، ޝާއުމީ، ޓްރާންޝަން، އޮއްޕޯ/ވަން ޕްލަސް އަދި ވީވޯއިން ހޯދަމުން އަންނަ ކުރިއެރުންތަކާ ގުޅިގެން މި ބޮޑު ދެ ކުންފުނިން ކުރިއަރާނެ ގޮތްތަކާ މެދު ވިސްނާނެ ކަމަށް ލަފާ ކުރެވޭ،" އައިޑީސީ ވޯލްޑްވައިޑް އެންޑް ކޮންސިއުމާ ޑިވައިސް ޓްރެކާސްގެ ގްރޫޕްގެ ނާއިބު ރައީސް ރަޔަން ރީތު ވިދާޅުވި އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޝާއުމީގެ ޝިޕްމަންޓުތައް %33.8 މައްޗަށް ގޮސް 40.8 މިލިއަން ޔުނިޓަށް ވަނީ އަރާފަ އެވެ. އަދި ޓްރާންޝަންގެ ޝިޕްމަންޓުތައް %84.9 އިތުރުވެ 28.5 މިލިއަން ޔުނިޓަށް އަރާފައިވެ އެވެ. ގިނަ މީޑިއާތަކަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓެކްނޯ، އައިޓެލް އަދި އިންފިނިކްސް ބްރޭންޑުތަކުގެ ވެރި، ޗައިނާގެ ޝެންޒެން އަށް ނިސްބަތްވާ، ޓްރާންޝަން ކުންފުނި ވަނީ މަޑުމަޑުން ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު ސްމާޓްފޯން އުފައްދާ ކުންފުނީގެ ލަގަބު ހޯދާފަ އެވެ.
އައިޑީސީގެ ރިޕޯޓު ދައްކާގޮތުން ސްމާޓްފޯނު މާކެޓުގައި ސެމްސަންގް އާއި އެޕަލްގެ އިތުރުން ގަދަ 5ގައި ދެން ހިމެނެނީ %14.1 އާ އެކު ޝާއުމީ، %9.9 އާ އެކު ޓްރާންޝަން އަދި %8.7 އާ އެކު އޮއްޕޯ އެވެ.