ޓެސްޓުކުރުމަށް ނަގާފައިވާ ލޭގެ ނަކަލުތަކެއް.

ސެލްތަކުން އެޗްއައިވީގެ ބައި ކަނޑާ ބޭރުކޮށްފައިވާ ކަމަށް ސައިންސްވެރިން ބުނެފި

މި ނަތީޖާތަކާ ބެހޭ އިތުރު ތަހްލީލުތައް ކުރަން ޖެހޭކަމަށް ސައިންސްވެރިން ވަނީ ވިދާޅުވެފައި

ނޯބެލް އިނާމު ހާސިލް ކުރި 'ކްރިސްޕާ' ޖީން އެޑިޓިންގް ޓެކްނޮލޮޖީ ބޭނުންކޮށް އެޗުއައިވީ ބަލި ޖެހިފައި ހުރި ސެލްތަކަކުން އެ  ބަލި ކާމިޔާބު ކަމާ އެކު ނައްތާލާފައިވާ ކަމަށް ސައިންސްވެރިން ވިދާޅުވެއްޖެ އެވެ.

މޮލިކިއުލާ ލެވަލްއެއްގައި ކަތުރެއް ބޭނުންކުރުން ރަމްޒުކޮށްދޭ މި ޓެކްނޮލޮޖީއާ އެކު ޑީއެންއޭގައި ހުންނަ "ގޯސް" ބައިބައި ކަނޑައި ވަކި ކޮށްލެވެ އެވެ. ނުވަތަ ބާރު ކަނޑުވާލެވެ އެވެ.

ސައިންސްވެރިންގެ އުއްމީދަކީ އިންސާނެއްގެ ހަށިގަނޑު އެޗްއައިވީ ވައިރަސް އިން އެކީ މިންޖު ކުރުމެވެ. ނަމަވެސް މިކަން ހާސިލު ކުރުމަށް ކްރިސްޕާ ޓެކްނޮލޮޖީ މުޅި ހަށިގަނޑަށް ބޭނުންކުރުން ރައްކާތެރިވާނެތޯ ބެލުމަށް އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

އެޗުއައިވީއަށް ފަރުވާ ދިނުމަށް މިހާރު ހަދާފައިވާ ބޭސްތަކުން އެ ވައިރަސް ހުއްޓުވާ ލެވެ އެވެ. ނަމަވެސް ނައްތައެއް ނުލެވެ އެވެ.

އިންސާނެއްގެ ސެލްތަކުން އެޗްއައިވީ ބޭރުކުރުމުގެ ތަހްލީލުތައް ކުރިއަށް ގެންދިޔަ ޔުނިވާސިޓީ އޮފް އެމްސްޓަޑާމްގެ ޓީމުން މިހަފްތާގައި އޮތް މެޑިކަލް ކޮންފަރެންސްއެއްގައި ބުނެފައި ވަނީ، އެމީހުންގެ އަޒުމަކަށްވީ މިކަން ކުރެވިދާނެކަން ދެއްކުމެވެ. ނަމަވެސް އެޗްއައިވީއަށް އޮތް ފަރުވާއަކަށް މިކަން އަވަސް ފުރުސަތެއްގައި ވެގެން ނުދާނޭ ކަމަށް ވެސް އެ ޓީމުން ބުނެފައިވެ އެވެ.

އަދި މި ކުރިއެރުންތައް އިތުރަށް ހޯދާ ދިރާސާކުރަން ޖެހޭ ކަމަށް ވެސް ޔުނިވާސިޓީ އޮފް ނޮޓިންގްހަމްގެ ޖީން ތެރަޕީ ޓެކްނޮލޮޖީސްއާ ބެހޭ އެސޯސިއޭޓް ޕްރޮފެސަރު ޑރ. ޖޭމްސް ޑިކްސަން ވިދާޅުވި އެވެ.

ކްރިސްޕާ ބޭނުންކޮށް އެޗްއައިވީއަށް ފަރުވާއެއް ހޯދުމަށް އެހެން ސައިންސްވެރިން ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުން ނެވެ.

އެޗްއައިވީ ބަލި ހުރި ތިން މީހެއްގެ މައްޗަށް މިފަދަ ތަހްލީލުތަކެއް ހިންގި  އެކްސިޝަން ބައޯތެރަޕިއުޓިކްސް އިން ބުނެފައިވާ ގޮތުގައި، މި ތަހްލީލުތައް ހިންގިތާ  48 ހަފްތާ ފަހުން ވެސް މި ތިން މީހުންގެ ފަރާތުން ސީރިއަސް ސައިޑް އެފެކްޓުތަކެއް އަދި ފެނިފައެއް ނެތެވެ.

ނަމަވެސް ލަންޑަންގައި ކުންނަ ފްރޭންސިސް ކްރިކް އިންސްޓިޓިއުޓްގެ ވައިރަހާ ބެހޭ މާހިރު ޑރ. ޖޮނަތަން ސްޓޯޔޭ ވިދާޅުވީ އިންސާނެއްގެ ހަށިގަނޑުގައިވާ ސެލްތަކުން އެޗްއައިވީ ވަކިކޮށް ބޭރު ކުރުމަކީ ހަށިގަނޑަށް "އިންތިހާ ގޮންޖެހުންތަކާ" ކުރިމަތިވާނެ ކަމެކެވެ.

"ފަރުވާ ދޭ އިރު އަމާޒު ނުކަސިޔާރު ވުމުން ނުކުމެދާނެ އަސަރުތަކާއި ދިގު މުއްދަތުގައި ފެނިދާނެ ސައިޑް އެފެކްޓްސް ތަކަކީ ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ކްރިސްޕާ ބޭނުންކޮށް ދެވޭ ފަރުވާތައް ރަނގަޅުކަމަށް ފެނުނަސް އެފަދަ ފަރުވާތައް އާންމުވުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ޑރ. ސްޓޯޔޭ ވިދާޅުވި އެވެ.

އެޗްއައިވީ ވައިރަސް އިން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކަށް ހަމަލާދީ އެ ވައިރަސްގެ އިތުރު ސެލްތައް އަމިއްލައަށް އުފައްދަ އެވެ. މި ބައްޔާ ދެކޮޅަށް މިހާރު ބޭނުން ކުރާ ފަރުވާތަކުގެ ސަބަބުން އެޗްއައިވީ ވައިރަސް މައިތިރިކޮށްލަ އެވެ. އަދި އިތުރު ސެލްތައް އުފެއްދުން ހުއްޓުވަ އެވެ. ނަމަވެސް ހަށިގަނޑުން މި ވައިރަސް ފޮހެއެއް ނުލެވެ އެވެ.

އެހެންކަމުން އެޗްއައިވީ ޖެހިފައިވާ މީހުން މުޅި އުމުރު ދުވަހު އެންޓިރެޓްރޯވައިރަލް ތެރަޕީ ނަގަން ޖެހެ އެވެ. މި ބޭސް ބޭނުން ނުކޮށްފި ނަމަ 'ނިދާފައިވާ' އެޗްއައިވީ ވައިރަސްތައް ހޭލާ އަނެއްކާ ވެސް މައްސަލަތައް އުފައްދަން ފަށަ އެވެ.

އެޗްއައިވީ ޖެހިފައިވާ މަދު މީހަކު ވަނީ ކެންސަރަށް ދޭ ފަރުވާ ދިނުމުން އެޗްއައިވީ  ސެލްތައް ނައްތާލެވި އެ ބަލިން އެކީ މިންޖު ވެސް ވެފަ އެވެ. ނަމަވެސް މިއީ ހަމަ އެކަނި އެޗްއައިވީ ބަލި ރަނގަޅުކުރުމަށް ބޭނުން ކުރުން ރަނގަޅު ފަރުވާއެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް