އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ހުންނަ ޑިކްސޮން ޓެކްނޮލޮޖީސްގެ ކާރުހާނާއެއްގައި މަސައްކަތްތެރީން ސްމާޓްފޯނުތަކެއް ރާވަނީ.

ޗިޕު އުފައްދާ ބައިނަލްއަގްވާމީ ގަދަ ބާރަކަށް ވުމަށް އިންޑިއާއިން އަޒުމު ހިފާފައި

ބޭރުގެ ގިނަ ކުންފުނިތަކަކުން އަންނަނީ އިންޑިއާގައި ކާރުހާނާތައް ގާއިމު ކުރަމުން

ދުނިޔޭގައި ޗިޕު އުފައްދަމުން އަންނަ އެންމެ ވަރުގަދަ ފަސް ގައުމުގެ ތެރޭ ފަސް އަހަރު ތެރޭ އިންޑިއާގެ ނަން ހިމެނުމަށް އަޒުމު ހިފާފައިވާ ކަމަށް އެގައުމުގެ އިލެކްޓްރޯނިކްސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ވަޒީރު އަޝްވީނީ ވައިޝްނާއު ވިދާޅުވެއްޖެ އެވެ.

ސީބީސީއަށް ހުކުރު ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވައިޝްނާއު ވިދާޅުވީ، ޗިޕާ ބެހޭ ސިނާއަތަކީ "ވަރަށް އުނދަގޫ މާކެޓެއް، އަދި ބައިނަލްއަގްވާމީ އަގުތަކާއި ސަޕްލައިތައް ވެސް މިހާރު އިންތިހާ އުނދަގޫވެފައިވާ " ސިނާއަތެއް ކަމަށެވެ. 

"އަހަރުމެންނަށް ހީވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ އެންމެ ގިނައިން ޗިޕު އުފައްދާ ފަސް ގައުމުގެ ތެރޭ އަހަރުމެން ހިމެނޭނެ."

ހުސްވި ޑިސެމްބަރު މަހާ ހަމައަށް ބަލާލާ އިރު ދުނިޔޭގެ ޗިޕު އުފައްދާ ސިނާއަތުގެ %46އާ އެކު އެންމެ ކުރީގައި އުޅެނީ ޓައިވާން އެވެ. އަދި އެއަށް ފަހު އުޅެނީ ޗައިނާ %26، ސައުތު ކޮރެއާ %12، އެމެރިކާ %6 އަދި %2 އާ އެކު ޖަޕާން އެވެ. 

އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުން ދާއިރު ބޭރުގެ ގިނަ ކުންފުނިތަކަކުން އަންނަނީ ޗައިނާއިން ނުކުމެ އިންޑިއާ ފަދަ ގައުމުތަކުގައި ކާރުހާނާތައް ގާއިމު ކުރަމުން ނެވެ.

ވައިޝްނާއު ވިދާޅުވިގޮތުގައި، އިންޑިއާ އަކީ އިލެކްޓްރޯނިކްސް އުފައްދަން ބޭނުންވާ ކުންފުނިތަކުގެ "އިތުބާރު ލިބިފައިވާ ބައިވެރިއެއް" ކަމަށް ދިއްލީއިން ގަބޫލު ކުރެ އެވެ.

އެމެރިކާގެ ޗިޕު އުފައްދާ ކުއަލްކޮމް ކުންފުނިން ވަނީ މިދިޔަ ހަފްތާގައި އިންޑިއާގެ ޗެންނާއީގައި ޑިޒައިން ކުރާ އާ ކާރުހާނާއެއް ހުޅުވާފަ އެވެ. ވަޔަލަސް ޓެކްނޮލޮޖީ ޑިޒައިން ކުރާ މި ކާރުހާނާއާ ގުޅިގެން 1،600 ވަޒީފާ އުފެދިގެން ދާނެކަމަށް ވަނީ ބެލެވިފަ އެވެ.

"އަހަރުމެން އިންޑިއާގައި އިންވެސްޓް ކުރަން ފެށީ މި ގައުމު [އިންވެސްޓު ކުރަން] މަގުބޫލު ނުވަނީސް. އިންޑިއާގައި އަހަރުމެން އުޅޭތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ،" ސީއެންބީސީއަށް މައުލޫމާތު ދެއްވި ކުއަލްކޮމްގެ ސީއީއޯ ވިދާޅުވި އެވެ. "އަހަރުމެންގެ ގިނަ ޗިޕުތަކެއް ޑިޒައިން ކުރެވެނީ އިންޑިއާގައި އަދި އަދި އިންޑިއާގައި ތިބުމުން އިންޑިއާގެ ކުންފުނިތަކަށް ގިނަ ފުރުސަތުތަކެއް ވެސް ދަނީ އުފެދެމުން."

ކުއަލްކޮމްގެ އިތުރުން އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނީގެ އެންމެ މުހިންމު އެއް ސަޕްލަޔަރު ކަމުގައިވާ ފޮކްސްކޮން އިން ވެސް އަންނަނީ އިންޑިއާގެ ވަރުގަދަ އިންވެސްޓްމަންޓުތަކެއް ކުރަމުން ނެވެ.

މިދިޔަ ހަފްތާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޗިޕު އުފައްދާ އިތުރު ތިން ކާރުހާނާއެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތްތައް ރަސްމީގޮތުން ފައްޓަވާދެއްވާފަ އެވެ. މީގެ ތެރެއިން އެއް ކާރުހާނާ ގާއިމު ކުރަނީ އިންޑިއާގެ ޓާޓާ އިލެކްޓްރޯނިކްސް އާއި ޓައިވާނުގެ ޕަވާޗިޕް ސެމިކޮންޑަކްޓާ މެނުފެކްޗަރިންގް ކޯޕް (ޕީއެސްއެމްސީ) ގުޅިގެން ނެވެ. 

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޗިޕު އުފައްދާ 3 ކާރުހާނާއެއް ގާއިމު ކުރުމުގެ މަސައްކަތްތައް ފައްޓަވާ ދެއްވުމާ ގުޅޭ (ވީޑިއޯ/ވިއޯން) 

ޕީއެސްއެމްސީގެ ޗެއާމަން ފްރޭންކް ހުއާންގް އިކޮނޮމިކް ޓައިމްސް އަށް މައުލޫމާތު ދެއްވިގޮތުގައި، މި ކާރުހާނާގެ އަމާޒަކީ 2026 އަަހަރު އަންނަން ވާއިރަށް އިންޑިއާގެ އަމިއްލަ ޗިޕެއް އީޖާދު ކުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް