މައިކްރޮސޮފްޓް.
މުހިންމު ސިސްޓަމްތަކެއް ރަޝިޔާއިން ހެކުކޮށްފައިވާ ކަމަށް މައިކްރޮސޮފްޓް އިން ބުނެފި
ރަޝިޔާ ސަރުކާރުން މަދަދުވެރިވާ ހެކަރުންތަކެއް މައިކްރޮސޮފްޓްގެ މުހިންމު ސިސްޓަމްތަކެއް ހެކުކުރި ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
ހެކު ކުރުމުގެ މި ހާދިސާ ހިނގިކަން މައިކްރޮސޮފްޓް އިން ފުރަތަމަ ބުނީ ހުސްވި ޖަނަވަރީ މަހު އެވެ. ނަމަވެސް މައިކްރޮސޮފްޓް އިން އިއްޔެ ބުނީ އެ ހާދިސާގައި ހެކަރުން ސިސްޓަމްތަކަށް ވަދެގަތް ފުންމިން ކުރިން ހީކުރި ވަރަށް ވުރެ ސީރިއަސް ކަމަށެވެ.
ކުންފުނީގެ އީމެއިލް ސިސްޓަމްތަކުން ދަމައިގަތް މައުލޫމާތުތައް ބޭނުންކޮށް މި ހެކަރުން ފާއިތުވެދިޔަ މަދު ހަފްތާތަކެއްގައި "ކުންފުނީގެ އެތެރޭގެ ބައެއް ސިސްޓަމްތަކަށާއި، ކޯޑުތައް ރައްކާކޮށްފައި ހުންނަ ރެޕޮސިޓަރީސްއަށް" ވަންނަމުންދާ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް މައިކްރޮސޮފްޓް އިން އެމެެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ހުށައެޅި ލިޔުންތަކުގައިވެ އެވެ.
ނަމަވެސް ކަސްޓަމަރުންނަށް ދޭ ހިދުމަތަކާ ބެހޭ ސިސްޓަމަކަށް މި ހެކަރުންނަށް ވަދެގަނެފައިވާ ކަމުގެ އެއްވެސް ހެއްކެތް ފެންނަން ނެތް ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ.
ސޮފްޓްވެއާ ޕްރޮގްރާމްތައް އުފައްދާފައި ހުންނަނީ 'ސޯސް ކޯޑުތަކު'ގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން މިފަދަ ކޯޑުތަކަކީ މައިކްރޮސޮފްޓް ފަދަ ބައެއް ކުންފުނިތަކަށް އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ބައެކެވެ. ހެކަރުން މިފަދަ ކޯޑުތައް ދަމައިގަތުމުން ޕްރޮގްރާމެއް ހިނގާ ގޮތް ދެނެގަނެ، އެ ޕްރޮގްރާމަކަށް ހަމަލާދޭނެ ފުރުސަތުތައް ހޯދަން ފަސޭހަވެ އެވެ.
ރަޝިޔާގެ ހެކަރުން ސިސްޓަމްތަކަށް ވަދެގަނެފައިވާކަން މައިކްރޮސޮފްޓް އިން ޖަނަވަރީ މަހު ހާމަކުރީ އެމެރިކާގެ މަޝްހޫރު އެޗްޕީ ކުންފުނިން ވެސް ހަމަ އެ ހަކަރުންތައް އެޗްޕީގެ އީމެއިލް ސިސްޓަމްތަކަށް ވަދެގަނެފައިވާކަން ހާމަކުރިތާ މަދު ދުވަސްކޮޅެއް ކުރިންނެވެ.
މި ހެކަރުންތައް ދަމައިގަތް މައުލޫމާތުތަކުގެ ތަފްސީލެއް އަދި އެމީހުންގެ މަގްސަދު އަދި ސާފުވެފައި ނުވި ނަމަވެސް މާހިރުން ވިދާޅުވާ ގޮތުގައި މި ގްރޫޕަކީ ރަޝިޔާގެ ކްރެމްލިން އިން ޖާސޫސީ މައުލޫމާތު އެއްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ވާގިވެރިވާ ގްރޫޕެކެވެ. މި ގްރޫޕުން ވަނީ އެމެރިކާ ސަރުކާރުގެ ގިނަ އެޖެންސީތަކުގެ އީމެއިލް ސިސްޓަމްތައް ވެސް 2020 ވަނަ އަހަރު ހެކުކޮށްފަ އެވެ.
ހެކިންގެ މި ހަރަކާތްތަކުގެ ފަހަތުގައި ވަނީ ރަޝިޔާ ސަރުކާރުގެ ބޭރު ގައުމުތަކާ ބެހޭ ޖާސޫސީ މައުލޫމާތުތައް އެއްކުރާ އިދާރާކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ތުހުމަތުކޮށްފަ އެވެ.