ބީވައިޑީގެ ކާރެއް ޝޯއެއްގައި ދައްކާލަން ބަހައްޓާފައި.
ޗައިނާގެ ބީވައިޑީ އިން ޓެސްލާގެ ތަހުތު އަތުލުމާ ގާތަށް ޖެހިލައިފި
ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް އިލެކްޓްރިކް އުޅަނދު ވިއްކަމުން އަންނަ ޓެސްލާ ކުންފުނި ފަހަތަށް ޖައްސާލުމާ ގާތަށް ޗައިނާގެ ބީވައިޑީ ކުންފުނިން ޖެހިލައިފި އެވެ.
ނިމިގެން މިދިޔަ ކުއާޓަރުގައި ރެކޯޑް 526،000 އުޅަނދު ވިއްކާފައިވާ ކަމަށް ބީވައިޑީ އިން ހޯމަ ދުވަހު ވަނީ ހާމަކޮށްފަ އެވެ.
ނިމިދިޔަ ކުއާޓަރުގެ ވިޔަފާރި ބީވައިޑީއަށް މިހާ ރަނގަޅުވެެފައި މިވަނީ ޑިސެމްބަރު މަހުގެ ވިޔަފާރި %70 އުފުލުމާ ގުޅިގެން ނެވެ.
އެމެރިކާ އަށް ނިސްބަތްވާ ޓެސްލާ އިން މިދިޔަ ކުއާޓަރުގެ ތަފާސްހިސާބުތައް ހާމަކުރުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު އެވެ.
ޗައިނާގެ ޝެންޒެން އަށް ނިސްބަތްވާ ބީވައިޑީ އިން މިދިޔަ އަހަރު އެކު ޖުމްލަ ތިން މިލިއަނަށް ވުރެ ގިނަ 'ނިއު އެނާޖީ ވެހިކަލްސް' (އެންއީވީއެސް) ވިއްކާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މީގެ ތެރޭގައި ހަމަ އެކަނި ބެޓެރީ ހުންނަ 1.6 މިލިއަން ވެހިކަލާއި، ހައިބްރިޑް މޮޑެލްތައް ހިމެނެ އެވެ.
އެނަލިސްޓުން އަންދާޒާ ކުރައްވާ ގޮތުގައި ޓެސްލާއިން މި ހުސްވި ކުއާޓަރުގައި ވިއްކާފައި ވަނީ 483،000 ވެހިކަލް އެވެ. މިއާ އެކު މުޅި މިދިޔަ އަހަރު ޓެސްލާއިން ވިއްކި ވެހިކަލްގެ އަދަދު ހުންނާނީ 1.82 މިލިއަންގައި ކަމަށް ވެސް އެނަލިސްޓުން ލަފާކުރައްވަ އެވެ.
ޓެސްލާއިން 2023ގައި ދެ މިލިއަން ވެހިކަލް ވިއްކުމުގެ ގާބިލުކަން ހުރިކަމަށް މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެ ކުންފުނީގެ ވެރިޔާ އީލޮން މަސްކު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ލޯނުތަކުގެ ހަރަދާއި ޑިމާންޑު ދަށްވުމުގެ ސަބަބުން މި އަދަދާ ހަމައަށް ވާސިލް ނުވެވިދާނެ ކަމަށް އެފަހުން މަސްކު ވިދާޅުވެފައިވެ އެވެ.
ބީވައިޑީގެ ޗީފް އެގްޒެކެޓިވް ވަންގް ޗުއަންފޫ އާއި އޭނާގެ ދެބެންގެ ދެދަރި މީހަކާ ވެގެން ބީވައިޑީ ކުންފުނި ވުޖޫދަށް ގެނެސްފައި ވަނީ 1995 ވަނަ އަހަރު އެވެ. އެ ކުންފުނި ފުރަތަމަ މަޝްހޫރުވެގެން ގޮސްފައި ވަނީ ލެޕްޓޮޕްތަކާއި، ސްމާޓްފޯނާއި އަދިވެސް އެހެނިހެން އިލެކްޓްރޯނިކްސްތަކަށް ބޭނުންވާ ރީޗާޖަބަލް ބެޓެރީ އުފައްދާ ކުންފުންޏެއް ގޮތުގަ އެވެ.
އެމެރިކާގެ މަޝްހޫރު ބިލިއަނަރު ވޮރެން ބަފެޓު ވެސް ވަނީ ބީވައިޑީ ކުންފުންޏަށް 2008 ވަނަ އަހަރު އިންވެސްޓު ކުރައްވާފަ އެވެ.