ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގެ ލޯގޯ
ދޮގު މައުލޫމާތާ ގުޅިގެން އީޔޫ އިން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްއަށް ފިޔަވަޅު އަޅައިފި
ގާނޫނާ ހިލާފު ކޮންޓެންޓާއި ދޮގު މައުލޫމާތު ފެތުރުން ފަދަ ކަންކަން ހުއްޓުވުމުގެ ގަވާއިދުތަކަކާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އިން ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭކަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އެކްސް އިން ހިލާފުވެފައިވާ ގަވާއިދުތަކުގެ ލިސްޓެއް އީޔޫގެ ޑިޖިޓަލް ކޮމިޝަނަރު ތިއަރީ ބްރެޓަން ވަނީ އެ ޕްލެޓްފޯމްގައި ޕޯސްޓު ކުރައްވާފަ އެވެ.
ބިލިއަނަރު އީލޮން މަސްކުގެ އެކްސް ޕްލެޓްފޯމް އިން ޓްރާންސްޕޭރަންސީ ގަވާއިދުތަކާ ވެސް ހިލާފުވަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބްރެޓަން ވަނީ ވިދާޅުވެފަ އެވެ.
މި ތުހުމަތުތަކާ ގުޅިގެން އީޔޫގެ އިދާރާތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އެކްސް އިން ވަނީ ބުނެފަ އެވެ. އެކްސް އިން ނެރެފައިވާ ބަޔާނެއްގައި "މި މައްސަލަ ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދިޔުން" އެ ކުންފުންޏަށް މުހިންމު ކަމަށް ބުނެފައިވެ އެވެ.
"ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކޮށް، ޕްލެޓްފޯމް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ރައްކާތެރި އަދި ބައިވެރިވެވޭނެ މާހައުލެއް ގާއިމުކުރުމަށް އެކްސް އިން ހާއްސަ ސަމާލުކަމެއް ދޭ. އަދި މި ލަނޑުދަނޑި ހާސިލު ކުރުމަށް އަހަރެމެން ކެނޑިނޭޅި މަސައްކަތް ކުރާނަން،" އެކްސްގެ ބަޔާނުގައި ވެ އެވެ.
އޮކްޓޯބަރު މަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާ ގުޅިގެން އެކްސްގައި ޓެރަރިސްޓު އަދި ހަރުކަށި ކޮންޓެންޓު ފެތުުރުމާ ގުޅޭ ތަހްގީގެއް ކުރިއަށް ގެންދާ ކަމަށް އީޔޫ އިން ވަނީ އޮކްޓޯބަރު މަހު ބުނެފަ އެވެ.
މިއާ އެކު، ހަމާސްއާ ގުޅުން އޮތް އެތަކެއް ސަތޭކަ އެކައުންޓު ފޮހެލާފައިވާކަން އެކްސް އިން ފަހުން ހާމަކޮށްފައި ވެ އެވެ.
މިއީ އީޔޫގައި އަލަށް ތަންފީޒު ކުރަން ފަށާފައިވާ ޓެކްނޮލޮޖީ ގަވާއިދުތަކުގެ ދަށުން ތަހްގީގު ކުރި ފުރަތަމަ މައްސަލަ އެވެ. އޯގަސްޓު މަހު އީޔޫގެ ޑިޖިޓަލް ސާވިސަސް އެކްޓްއަށް ގެނައި ބަދަލުތަކާ އެކު، ކަސްޓަމަރުން ހިމާޔަތް ކުރުމަށް، ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކަށް އޮތް ޒިންމާތައް ވަނީ ވަރަށް ބޮޑަށް ހަރުކަށި ވެގެން ގޮސްފަ އެވެ.
މި ގާނޫނާ ހިލާފުވާ ޓެކްނޮލޮޖީ ކުންފުނިތަކަށް ޖޫރިމަނާއެއް ކަނޑައެޅުން ނުވަތަ އެ ކުންފުނިތަކުގެ ހިދުމަތް އެކީ ސަސްޕެންޑު ކުރުމުގެ އިހްތިޔާރު އީޔޫއަށް ލިބިގެންވެ އެވެ.