އެމެރިކާގައި ރެކޯޑް އަދަދަކަށް ރޮބޮޓުތަކަށް "ވަޒީފާ" ދެނީ

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އާ ރޮބޮޓުތައް އޯޑަރުކުރެވިފައިވާ މިންވަރު ވަނީ %37 މައްޗަށް ގޮސްފައި.
16 ނޮވެމްބަރު 2021

ވަޒީފާއަށް މީހުން ހޯދަން އުނދަގޫވެ، އެކަން ހައްލުކުރުމަށް އެމެރިކާގެ ކުންފުނިތަކުން މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ރެކޯޑު އަދަދަކަށް އާ ރޮބޮޓްތައް ފެކްޓަރީތަކަށް ނެރެފި އެވެ.

ފެކްޓަރީތަކާއި އެހެނިހެން ސިނާއަތްތަކުން ވަނީ 1.48 ބިލިއަން ޑޮލަރު ހަރަދުކޮށް 29،000 ރޮބޮޓު މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އޯޑަރުކޮށްފަ އެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހާ އަޅާބަލާއިރު %37 ކުރިއެރުމެއް ކަމަށް އެސޯސިއޭޝަން ފޮ އެޑްވާންސިންގް އޮޓޮމޭޝަން (އޭ3) ސިނާއަތްތަކާ ބެހޭ ގްރޫޕުން ބުންޏެވެ.  އަދި މިއީ ކޮރޯނާ ވައިރަހުގެ ކުރިން އެންމެ ގިނައިން ރޮބޮޓް އޯޑަރުކޮށްފައިވާ 2017 ވަނަ އަހަރަށް ވުރެ ވެސް އިތުރު އަދަދެއްކަމަށް އެ ގްރޫޕުން ބުނެ އެވެ.

ކުންފުނިތަކުން ރޮބޮޓް އިތުރުކުރަމުން މިދަނީ ބޮޑުވާ ޑިމާންޑާ އެއްވަރަށް ހިފަހައްޓާލާށެވެ. މުދަލަށް އޮންނަ ޑިމާންޑުގެ ސަބަބުން މާކެޓުން ބައެއް މުހިންމު މުދާތައް ވަނީ ހުސްވެފަ އެވެ. އަދި މިތަން ފޫބެއްދުމަށް ކުންފުނިތަކުން އާ މުވައްޒަފުން ހޯދުން، ކޮރޯނާ ވައިރަހާ ހެދި ވަނީ ނުކުޅެދިފަ އެވެ.

"ވިޔަފާރިތަކަށް ހަމަ މީހުން ނުލިބެނީ. އެހެންވެ އެމީހުން ރޮބޮޓްތަކާ ދިމާލަށް މި މިސްރާބުޖެހީ،" އޭ3ގެ ރައީސް ޖެފް ބާންސްޓެއިން ވިދާޅުވި އެވެ.

އިގްތިސާދުގެ އެކި ދިމަދިމާލުގައި ރޮބޮޓްތައް ބޭނުންކުރެވޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މީގެ ކުރިން ސިނާއީ ރޮބޮޓްތައް އެންމެ ގިނައިން ގަންނަނީ ކާރާއި އުޅަނދުފަހަރު އުފައްދާ (އޮޓޯ) ކުންފުނިތަކުންނެވެ. ނަމަވެސް 2020 ވަނަ އަހަރު އެހެން ހުރިހާ ސިނާއަތްތަކަކުން އޯޑަރު ކޮށްފައިވާ ރޮބޮޓުތަކުގެ މިންވަރު ވަނީ ފުރަތަމަ ފަހަރަށް އޮޓޯ ސިނާއަތަށް ވުރެ އިތުރުވެފަ އެވެ.

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އޮޓޯ ކުންފުނިތަކުން އޯޑަރުކޮށްފައިވާ ރޮބޮޓުގެ އަދަދު ވަނީ 12،544 އަށް އަރާ %20 ކުރިއެރުމެއް ހޯދައިފަ އެވެ. އަދި އޮޓޯ ނޫން ސިނާއަތްތަކުން އޯޑަރުކުރި ރޮބޮޓުގެ އަދަދު 16،355 އަށް އަރާ %53 ކުރިއެރުމެއް، މިދިޔަ އަހަރާ ބަލާފައި ހޯދި އެވެ.

"އޮޓޯ ސިނާއަތްތައް އޯޑަރުކުރާލެއް މަދުވީކީ ނޫން. އޮޓޯ ވެސް ވަނީ މަތިވެފައި،" ބާންސްޓެއިން ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ ދަގަނޑާއި، ކާނާ ތައްޔާރުކުރާ ސިނާއަތްތަކުން ރޮބޮޓު ބޭނުންކުރާ މިންވަރު މާ ހަލުވިކަމާ އެކު ދަނީ އިތުރުވަމުން ކަމަށެވެ.

ޖޯން ނިއުމަންގެ އެތީނާ މެނުފެކްޗަރިން ކުންފުންޏަކީ އޭގެ އެއް މިސާލެވެ. ދަގަނޑު ފެބްރިކޭޓް ކުރާ މި ކުންފުނީގައި މިހާރު ޖުމްލަ ހަތް ރޮބޮޓު ބޭނުންކުރެ އެވެ. އޭގެ ތެރެއިން ހަތަރު ރޮބޮޓު ބޭނުންކުރަން ފަށާފައި ވަނީ މި އަހަރެވެ. ނިއުމަން ވިދާޅުވާ ގޮތުގައި އެތީނާގެ މަސައްކަތްތަކަށް އޮންނަ ޑިމާންޑު %50 ބޮޑުވުމުން އެކަން ފޫބެއްދުމަށް ރޮބޮޓުތައް އަންނަނީ އެހީތެރިވަމުންނެވެ. އަދި ރޮބޮޓުތަކުގެ ސަބަބުން އެތީނާ ކުންފުނީގެ މަސައްކަތްތައް ހިންގޭ ވަގުތު ފުރަތަމަ ފަހަރަށް ވަނީ 24 ގަޑިިއިރަށް މިދިޔަ އަހަރު ބަދަލުވެފަ އެވެ.

އެތީނާ ކުުންފުނީގައި މިވަގުތު 250 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަސް، ދަަންވަރު ޑިއުޓީ ނަގާނެ މީހަކު ހޯދުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ނިއުމަން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް