ނެޓްފްލިކްސްގައި އެންމެ މަގުބޫލުވި ހޯދި ސްކުއިޑް ގޭމްސްގެ ފޮޓޮއެއް.
ކޮރެއާގެ ކޮންޓެންޓުތަކަށް ނެޓްފްލިކްސް އިން 2.5 ބިލިއަން ޑޮލަރު ހަރަދުކުރަނީ
ކޮރެއާގެ ސަގާފަތާއި ކޮންޓެންޓަށް އޮތް މަގުބޫލުކަން ދުނިޔޭގައި އިތުރުވަމުން ދިޔުމާ ގުޅިގެން ދެކުނު ކޮރެއާގެ ކޮންޓެންޓުތައް އުފެއްދުމަށް 2.5 ބިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައިވާ ކަމަށް ނެޓްފްލިކްސް އިން އިއުލާނުކޮށްފި އެވެ.
އެމެރިކާއަށް މިހާރު ވަޑައިގެން ހުންނެވި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔިއޯލް އާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ނެޓްފްލިކްސްގެ މި ނިންމުން އިއުލާނު ކުރައްވާފައި ވަނީ އެކުންފުނީ ސީއީއޯ ޓެޑް ސަރަންޑޯސް އެވެ.
"އަހަރުމެންނަށް މި ނިންމުމަށް އާދެވިފައި ވަނީ ކޮރެއާގެ ކްރިއޭޓިވް އިންޑަސްޓްރީއިން މޮޅެތި ވާހަކަތައް ގެނެސްދޭ ކަމުގެ ޔަގީންކަން އަހަރުމެންނަށް އޮތީމަ،" ބަޔާނެއްގައި ސަރަންޑޯސް ވިދާޅުވި އެވެ.
މި އިއުލާނަކީ ކޮރެއާގެ އުފެއްދުންތެރިންނާއި ނެޓްފްލިކްސް އަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި ޔޫން ވަނީ ފާހަގަކޮށްފަ އެވެ.
ފާއިތުވެ ދިޔަ މަދު އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮރެއާގެ ފިލްމާއި މިއުޒިކު އިންޑަސްޓްރީ ވަނީ ދުނިޔޭގައި ވަރަށް ބޮޑަށް މަގުބޫލުވެގެން ގޮސްފަ އެވެ. ކޮރެއާގެ މަޝްހޫރު އުފެއްދުންތަކުގެ ތެރޭގައި ބީޓީއެސް އަދި ބްލެކްޕިންކް ފަދަ ބޭންޑުތަކާއި އޮސްކާ އެވޯޑެއް ހޯދާފައިވާ ފިލްމު ޕެރެސައިޓު ފާހަގަކޮށްލެވެ އެވެ.
އަދި ނެޓްފްލިކްސް އިން 2021 ވަނަ އަހަރު ނެރުނު ދެކުނު ކޮރެއާގެ "ސްކުއިޑް ގޭމްސް" ސީރީސް އަކީ މިހާތަނަށް ނެޓްފްލިކްސްގައި އެންމެ ގިނަ އަދަދަކަށް މީހުން ބަލާފައިވާ ޓީވީ ޝޯ އެވެ. މި ޝޯ 1.6 ބިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ.
މީގެ އިތުރުން ވެސް މިފަހުން ރިލީސްކުރެވުނު "ދަ ގްރޯލީ" ޑްރާމާ އާއި "ފިސިކަލް:100" ރިއަލިޓީ ފިޓްނަސް ޝޯ ވެސް ވަނީ ނެޓްފްލިކްސް ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.
ނެޓްފްލިކްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ހިދުމަތް ބޭނުންކުރާ %60 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ ދެކުނު ކޮރެއާގައި އުފައްދާފައިވާ ޕްރޮގްރާމެއް މިދިޔަ އަހަރު ބަލާފަ އެވެ.
ދެކުނު ކޮރެއާގެ ސަގާފީ އެކްސްޕޯޓުތަކުގެ ތެރޭގައި ހިމެނޭ މިއުޒިކް، ވީޑިއޯ ގޭމްސް އަދި ފިލްމުތައް އެކްސްޕޯޓުކޮށްގެން މިދިޔަ އަހަރު ރެކޯޑު 12.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ދެކުނު ކޮރެއާ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.