އާޓީމިސް ޕްރޮގްރާމްގައި ފުރަތަމަ ބޭނުންކުރާނެ ހަތަރު އެސްޓްރޮނޯޓުން: ކަނާތުން ވާތަށް: ކެނެޑާގެ ޖެރެމީ ހަންސެން،ވިކްޓާ ގްލޯވާ، ކްރިސްޓީނާ ހެމޮކް ކޯޝް އަދި ރީޑް ވައިސްމެން (އިށީދެގެން

ޖައްވު

ހަނދުގެ މިޝަންގައި ފޮނުވާ ފުރަތަމަ ހަތަރު އެސްޓްރޮނޯޓުން އިއުލާންކޮށްފި

އަންނަ އަހަރު އޮރާޔަން އުޅަނދުގައި މި ހަތަރު އެސްޓްރޮނޯޓުން ހަނދު ސަރަހައްދަށް ގޮސް 10 ދުވަސް ވަންދެން ބުރު ޖަހާނެ
4 އޭޕްރީލު 2023

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން، 50 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް، ހަނދަށް މިސްރާބު ޖަހާނެ އެސްޓްރޮނޯޓުންގެ ނަންތައް މިއަދު އިއުލާންކޮށްފި އެވެ.

ނާސާއިން ފަށާފައިވާ އަގުބޮޑު ޕްރޮގްރާމް، އާޓީމިސްގެ ދެ ވަނަ ރޮކެޓް އުދުއްސާލާނީ، މި ހަތަރު އެސްޓްރޮނޯޓުން ގޮވައިގެންނެވެ. ތާރީހުގެ ތެރެއަށް ވަން ހަތަރު މީހުންނަކީ އެމެރިކާގެ ރީޑް ވައިސްމެން (މިޝަން ކޮމާންޑަރު) އާއި ވިކްޓާ ގްލޯވާ (ޕައިލޮޓް) އާއި ކްރިސްޓީނާ ކޯޝް (މިޝަން ސްޕެޝަލިސްޓް) އަދި ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖެރެމީ ހަންސެން (މިޝަން ސްޕެޝަލިސްޓް) އެވެ.

"އަހަރެން މިހިރީ ވަރަށް އުފާވެފައި ހެއްޔޭ؟،" ހަތަރު އެސްޓްރޮނޯޓުންގެ ނަން އިއުލާންކުރަން ބޭއްވި ރަސްމިއްޔާތެއްގައި ކްރިސްޓިއާނާ، ސުވާލަކަށް ޖަވާބުދެމުން، ސުވާލެއް ކޮށްލި އެވެ.

"ހަމަ އެއްވެސް ޝައްކެއް ނެތް. އެކަމަކު އަހަރެންގެ ސުވާލަކީ، ކަލޭމެން އުފާވޭ ހެއްޔޭ؟"

އޭނާ އެހެން ބުނުމުން އެއްވެފައި ތިބި މީހުން ސާބަސްދިނެވެ.

އާޓީމިސް-1 މިދިއަ ނޮވެމްބަރު މަހު ޖައްވަށް ފޮނުވާލި އެވެ. އެކަމަކު ބިޔަ ރޮކެޓާ އެކު ގެންދިޔަ ޖައްވީ އުޅަނދު، އޮރާޔަންގައި، އެއްވެސް އިންސާނަކު ނުހިމެނެ އެވެ. އަޖުމަބެލުމުގެ އެ ދަތުރުގައި މަހެއްހާ ދުވަސް އޮރާޔަން ޖައްވުގައި ހޭދަކުރި އެވެ.

އިންސާނުން އަލުން ހަނދަށް ދާން ބޭނުންކުރާ ނާސާގެ އޮރާޔަން އުޅަނދު ތައްޔާރުކޮށްފައި

އަންނަ އަހަރުގެ ފަހުކޮޅަށް ޕްލޭންކޮށްފައިވާ އާޓީމިސް-2 ގައި މި ހަތަރު އެސްޓްރޮނޯޓުން، އޮރާޔަންގައި ތިބޭނެ އެވެ. އަދި ހަނދުގެ އޯބިޓަށް އުޅަނދު ވަންނާނެ ވެސް މެ އެވެ. ނަމަވެސް މި ދަތުރުގައި ވެސް އުޅަނދު ހަނދަކަށް ނުޖައްސާނެ އެވެ. ގާތްގަނޑަކަށް 10 ވަރަކަށް ދުވަހު، ހަނދު ވަށައި ބުރު ޖަހައި، ކުރިއަށް އޮތް މިޝަންއަށް މައުލޫމާތު އެއްކޮށް، އުޅަނދުގެ ކަންކަން ތަޖުރިބާކުރާނީ އެވެ.

ނާސާއިން މީގެ 50 އަހަރު ކުރިން ހަނދަށް އިންސާނުން ފޮނުވި އެޕޯލޯ މަޝްރޫއުއަށް ފަހު ފުރަތަމަ ފަހަރަށް އަލުން އިންސާނުން ހަނދުގެ ބިމަށް ތިރިކުރަން މިހާރު ރާވާފައި އޮތީ 2025 ހިސާބުގަ އެވެ.

އާޓީމިސްއަކީ ބިޔަ އަދި ވަރަށް ބޮޑެތި އުއްމީދުތަކެއް ވެސް ހިމެނޭ ޕްރޮގްރާމެކެވެ. އެއް ކަމަކީ އިންސާނުން ހަނދަށް ފޮނުވާފައި، އެ ހިސާބުން އެކަން ނިންމާލުމެއް ނޫނެވެ. މިއީ ޕްލެނެޓް މާސްއަށް އިންސާނުން ފޮނުވުމުގެ އުއްމީދާއި އަމަލީ މަސައްކަތް ވެސް ހިމެނޭ މިޝަންއެކެވެ.

އޮރާޔަންގައި ހަނދަށް ދާ އިންސާނުން މިފަހަރު ތިރިކުރާނީ ހަނދުގެ ސައުތު ޕޯލް، ނުވަތަ ފިނި ސަރަހައްދަށެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި އެ ސަރަހައްދުގެ އަނދިރި، ފުން ވަޅުގަނޑުތަކުގައި ގަނޑުފެން ހުންނާނެ އެވެ.

"އަހަރެމެން އެކުގައި، ހަނދަށް، އޭގެ ފަހުން މާސްއަށް އަދި އެއަށް ވުރެ ވެސް ދުރަށް ދަތުރުކުރާނެ،" ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން، މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

މިއީ އެޕޯލޯ މަޝްރޫއުގައި ހިމެނުނު އެސްޓްރޮނޯޓުންނާ މުޅިން ތަފާތު ޓީމެކެވެ. އެފަހަރު ކަޅު ނަސްލުގެ މީހަކު ނުހިމެނެ އެވެ. އަންހެނަކު ނެތެވެ. އަދި އެމެރިކާގެ ރައްޔިތަކު ނޫން ފަޅުވެރިޔަކު ވެސް ނުދެ އެވެ.

އެކަމަކު އެ ތިން ކަންތައް ވެސް އާޓީމިސް-2 މިޝަންގެ ޓީމުގައި މި ވަނީ ތަފާތުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް