(ފޮޓޯ/ގެޓީ އިމޭޖެސް)

އެމެރިކާ

ކްރިޕްޓޯކަރަންސީއާ ބެހޭގޮތުން އެމެެރިކާގެ އިދާރާތަކުން ބޭންކުތަކަށް އިންޒާރުދީފި

ކްރިޕްޓޯ ކަރަންސީ ސިނާއަތުން ކުރިމަތިވާ މައްސަލަތައް މާލީ ދާއިރާއަށް ނުފެތުރޭނެ ގޮތަކަށް ފިޔަވަޅުތައް ބައްޓަން ކުރުމަށް އިދާރާތަކުން ވަނީ އިންޒާރުދީފައި

ކްރިޕްޓޯކަރަންސީ މާކެޓުގައި ހުރި ބިރުތަކާ ހެދި އެމެރިކާގެ އިދާރާތަކުން ގުޅިގެން ފުރަތަމަ ފަހަރަށް ބޭންކުތަކަށް އިންޒާރެއް ނެރެފި އެވެ.

މަކަރު ހެދުމުގެ ފުރުސަތުތަކަށާއި ގާނޫނީ ޔަގީންކަމެއް ނޯންނަ ހާލަތްތަކަށާއި އަދި ޑިޖިޓަލް އެސެޓުތައް ގެންގުޅޭ ކުންފުނިތަކުން އާންމުކުރާ ރިޕޯޓުތައް އޮޅުވާލާފައި ހުރެދާނެ ކަމަށް ވިސްނައިގެން ތިބުމަށް އެމެރިކާގެ އިދާރާތަކުން ވަނީ މާލީ އިދާރާތަކަށް އަންގާފަ އެވެ.

އަދި އެއް ބޭންކަކަށް މިފަދަ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ފަތިފައްޗަށް އެހެން ބޭންކުތަކަށް ވެސް މީގެ އަސަރުކޮށްފާނެ ކަމަށް އެމެރިކާގެ ރެގިއުލޭޓަރުން އިންޒާރު ދީފައިވެ އެވެ.

ބޭންކުތަކުން ހިންގަމުން އަންނަ ކްރިޕްޓޯގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެމެރިކާގެ ފެޑެރަލް ރިސާވް، ފެޑެރަލް ޑިޕޮސިޓް އިންޝޫރަންސް ކޯޕޮރޭޝަން އަދި އޮފީސް އޮފް ދަ ކޮމްޕްޓްރޯލާ އޮފް ދަ ކަރަންސީއިން ގުޅިގެން ނެރެފައިވާ ބަޔާނުގައިވެ އެވެ.

"ފާއިތުވި އަހަރުގެ ހާދިސާތަކަކީ ވަރަށް ބޮޑު ލޮޅުންތަކެއް އަރާ ކްރިޕްޓޯ އެސެޓް ދާއިރާގައި ހުރި ނާޒުކުކަން ފާހަގަކުރެވިގެން ދިޔަ ހާދިސާތަކެއް،" އެ ބަޔާނުގައިވެ އެވެ.

އަދި ލާމަރުކަޒީ ނެޓްވޯކްތަކުގައި ރައްކާކޮށްފައި ހުންނަ ކްރިޕްޓޯ ޓޯކަން ދޫކުރުން ނުވަތަ ރައްކާކޮށްފައި ބެހެއްޓުމަކީ ރައްކާތެރި އަދި ހަރުދަނާ ބޭންކިން ޕްރެކްޓިސްތަކާ ފުށުއަރާ ކަމެއް ކަމަށް ބެލެވޭކަމަށް މިއިދާރާތަކުން ބުނެފައިވެ އެވެ.

އަދި ޑިޖިޓަލް އެސެޓް މާކެޓުގައި ކުރިމަތިވާ މައްސަލަތައް މުޅި މާލީ ނިޒާމަށް ނުފޯރާނެ ގޮތަކަށް ފިޔަވަޅުތައް ބައްޓަން ކުރުމަށް އެ އިދާރާތަކުން ވަނީ ބޭންކުތަކަށް ހިތްވަރު ދީފަ އެވެ.

އެމެރިކާގެ މާލީ ދާއިރާގެ ބެލެނިވެރި އިދާރާތަކުން އިއްޔެ މިބަޔާން ނެރެފައި މިވަނީ ކްރިޕްޓޯކަރަންސީއާ ބެހޭގޮތުން ސާފު ލަފަޔަކަށް ބޭންކުތަކުން އެދެމުން އަންނަތާ އެތައް މަހެއް ވެފައި ވަނިކޮށެވެ.

ހުސްވި ނޮވެމްބަރު މަހު ކްރިޕްޓޯކަރަންސީގެ ބިޔަ ކުންފުންޏެއް ކަމުގައިވާ އެފްޓީއެކްސް ވަނީ ބަންދުކުރަން މަޖުބޫރުވެފަ އެވެ. އެފްޓީއެކްސް އަކީ ބަންދުކުރުމުގެ ކުރިން ކްރިޕްޓޯކަރަންސީ އެކްސްޗޭންޖު ކުރާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކުންފުންޏެވެ.

އެތައް ކަސްޓަމަރުންނާއި އިންވެސްޓަރުންނަށް އޮޅުވާލާފައިވާ ކަމުގެ ތުހުމަތައް އެފްޓީއެކްސްގެ ކުރީގެ ޗީފް އެގްޒެކެޓިވް ސޭމް ބޭންކްމަން-ފްރައިޑްގެ މައްޗަށް ކުރެވިފައި ވާއިރު، އޭނާ ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

ބޭކްމަން-ފްރައިޑްގެ ކްރިޕްޓޯ ސިނާއަތުގައި ބަލައިގަނެވިފައި އޮތީ ސިޔާސީ އަދި މަޝްހޫރު މީހުންނާ ގުޅުންތައް އޮންނަ އަދި ކުދި ކުންފުނިތަކަށް އެހީތެރިވަމުން ދިޔަ މަޝްހޫރު މީހެއްގެ ގޮތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް