ވިންޑޯސް 11 ހަ އަހަރު ފަހުން ނެރެފި

މިއީ 2015ގައި ނެރުނު ވިންޑޯސް 10ގެ ފަހުން ނުކުތް ވިންޑޯސްގެ ފުރުތަމަ ބޮޑު އަޕްޑޭޓް

ހަ އަހަރަށް ފަހު މައިކްރޮސޮފްޓުން ވިންޑޯސް އޮޕަރޭޓިން ސިސްޓަމް (އޯއެސް)ގެ އަޕްޑޭޓް، ވިންޑޯސް 11 ނެރެފި އެވެ. 

ޑިޒައިން އާއި މަސައްކަތްކުރަން ގިނަގުނަ ފަސޭހަތަކެއް ހިމެނޭ މި އޯއެސް ފުރުތަމަ އަޕްޑޭޓްވާނީ ވިންޑޯސް 10 އަޅާފައިވާ ކޮމްޕިއުޓަރުތަކަށެވެ. އެއަށް ފަހު ކޮންމެ ކޮމްޕިއުޓަރަކަށް ވެސް އަޕްޑޭޓް ނުކުތުމުން މެސެޖެއް ފެންނާނެ އެވެ. އަދި މައިކްރޮސޮފްޓުން ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ މެދަކާ ހަމައަށް ދާންވާއިރަށް ހުރިހާ ކޮމްޕިއުޓަރުތަކަކަށް އަޕްޑޭޓް ނެރެ ނިމޭނެ އެވެ.

މައިކްރޮސޮފްޓުގެ ވިންޑޯސް 11 މި ނުކުތީ ވިންޑޯސް 10 ނުކުތްތާ ހަ އަހަރު ފަހުންނެވެ. އަދި 2015 ގައި ނެރުނު ވިންޑޯސް 10 ގައި ބޮޑެތި ބަދަލުތަކެއް އޭގެ ކުރިން ނުކުތް ވިންޑޯސް 8އާ ބަލާއިރު ހުއްޓަސް، ވިންޑޯސް 11ގައި ވިންޑޯސް 10އާ އަޅާބަލާއިރު މާ ބޮޑެތި ބަދަލުތަކެއް ނެތެވެ. އެންމެ ބޮޑަށް ފެންނަނީ ޑިޒައިނަށް އައިސްފައިވާ ބަދަލެވެ.

މިފަހަރުގެ އޯއެސް ފަރުމާކުރީ ބޭނުންކުރާ ފަރާތްތަކަށް "ހަމަޖެހުމާއި ފަސޭހަކަމުގެ އިހްސާސެއް" ކުރެވޭނޭ ގޮތަށެވެ. އިތުރު ބަދަލުތަކުގެ ތެރޭގައި ސްޓާޓް މެނޫއިން އެންމެ ފަހުން ހުޅުވި ފައިލްތައް ފެންނަން ހުރުމާއި، ބޭނުންކުރާ މީހާއާ ގުޅޭނެ ގޮތަށް ބަދަލުވަމުންދާ ވިޖެޓްތަކާއި އާޓިފިޝަލް އިންޓެލިޖަންސް މެދުވެރިކޮށް ލިބިދޭ ހަލުވި ސްޕީޑް ހިމެނެ އެވެ.

މީގެ އިތުރުން މަލްޓިޓާސްކު ކުރަން ފަސޭހަވާނެ ގޮތްތަކާއި، މައިކްރޮސޮފްޓް ޓީމްސްއާ އިންޓަގްރޭޓްވެފައި ހުރުމާއި އެންޑްރޮއިޑްގެ މޯބައިލް އެޕްތައް މިފަހަރުގެ ވިންޑޯސް 11 ގައި ބޭނުންކުރެވުން ފަދަ އަޕްޑޭޓްތައް ވެސް ހިމެނެ އެވެ.

ކޮންމެ އަހަރަކު މެކް ކޮމްޕިއުޓަރުތަކަށް އޯއެސް އަޕްޑޭޓެއް ނެރޭ އެޕަލް ކުންފުންޏާ ހިލާފަށް މައިކްރޮސޮފްޓުން އޯއެސްގެ އަޕްޑޭޓެއް ނެރެނީ ދޭތެރެ ދުރުކޮށެވެ.

މާކެޓް ދިރާސާކުރާ ސީސީއެސް އިންސައިޓްގެ ސީއީއޯ ޖިއޮފް ބްލެބާ ވިދާޅުވި ގޮތުގައި މިފަހަރުގެ ވިންޑޯސް އަޕްޑޭޓް ބޮޑު އިންގިލާބަކަށް ވެގެން ނުދިޔަ ކަމަށް ވިޔަސް އެބޭނުންކުރާ ފަރާތްތަކަށް ހިތްހަމަޖެހުން ގެނެސްދޭނެ އެވެ.

"ވިންޑޯސް 11 އަކީ ކުރިން ނެރުނު އޯއެސްއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި ވިންޑޯސް އޯއެސްގެ މައިގަނޑު އަޒުމުތަކަށް އެޅުނު ފިޔަވަޅެއް. މައިކްރޮސޮފްޓުން ބަދަލުތައް މިގެނައީ ބޭނުންކުރާ ފަރާތްތަކަށް އެންމެ ބޮޑަށް ތަޖުރިބާ ކުރެވޭނެ އަދި ބޭނުންކުރާނެ ކަންކަމަށާއި އެމީހުންގެ އޮފީސް 365 އެޕްލިކޭޝަންތަކަށް" ބްލެބާ ވިދާޅުވި އެވެ.

މިދިޔަ މަހު މައިކްރޮސޮފްޓުން ދައްކާލި ސާފޭސް ލެޕްޓޮޕް، ސްޓޫޑިއޯ ހެދީ ވިންޑޯސް 11 އަށް ހާއްސަކޮށްގެން

ވިންޑޯސް 11ގެ ސަބަބުން 2025ގައި ވިންޑޯސް 10 ހުއްޓާލަން ވާއިރަށް މައިކްރޮސޮފްޓުން ނެރޭ ސާފޭސް ޓެބްލެޓް ވިޔަފާރިއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މިދިޔަ މަހު މައިކްރޮސޮފްޓުން ވަނީ އެ ކުންފުނިން އަލަށް ނެރޭ ސާފޭސް ލެޕްޓޮޕް ސްޓޫޑިއޯ ދަށްކާލާފަ އެވެ. އެ ތަރައްގީކުރަން ފަސް އަހަރު ހޭދަވި އެވެ. ސާފޭސް ލެޕްޓޮޕް ސްޓޫޑިއޯ ފަރުމާކޮށްފައި ވަނީ ވިންޑޯސް 11އާ އެކު ގުޅިލާމެހިގެން މަސައްކަތް ކުރެވޭނެ ގޮތަށެވެ.

މައިކްރޮސޮފްޓުން ރިޕޯޓްކުރާ ގޮތުގައި މިވަގުތު ދުނިޔޭގެ 1.3 ބިލިއަން ކޮމްޕިއުޓަރުތަކުގައި ވިންޑޯސް 10 ބޭނުންކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް