2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ މެޗެއްގައި ނޭޕާލް ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން ރާއްޖޭގެ ލައްޗޭ (14) މަސައްކަތްކުރަނީ: ރާއްޖޭން ފައިނަލަށް ދަތުރުކުރި (ފޮޓޯ/ ނޭޝަނަލް އާކައިވްސް)
ގަލޮޅު ދަނޑު ތަޅާލުމުގެ ކުރިން: ގައުމީ ޓީމުގެ ހާއްސަ މެޗުތައް
ގަލޮޅު ދަނޑު ހުރި ބިމުގައި އާ ސްޓޭޑިއަމެއް ބިނާކުރުމަށްޓަކައި މި އަހަރު ފަހުކޮޅު އެތަން ތަޅާލަން މިހާރު ވަނީ ރާވައިފަ އެވެ. އެއާ އެކު ގާފުންޏަކަށް ބަދަލުވެގެންދާނީ ދިވެހި ފުޓްބޯޅައިގެ ފަންސާހަކަށް އަހަރުގެ ތާރީހެކެވެ. ހާއްސަކޮށް ގައުމީ ފުޓްބޯޅަ ޓީމުގެ މުހިއްމު އެތައް ހަނދާންތަކެވެ. ގަލޮޅު ދަނޑަކީ ގައުމީ ޓީމަށް ހާއްސަ އެތައް ނަތީޖާއެއް ނެރެދީފައިވާ ދަނޑެކެވެ. ދިވެހި ސަޕޯޓަރުން ރޮއްވާލި އަދި ހެއްވާލި އެތައް ދުވަހެއް އެ ދަނޑު ދެކެފައިވާނެ އެވެ.
'ދައުރު' އިން މި ބަލައިލަނީ ގަލޮޅު ދަނޑުގައި ގައުމީ ޓީމު ކުޅެފައިވާ ހާއްސަ މެޗުތަކަށެވެ.
2000: ރާއްޖެ 1-1 ސްރީ ލަންކާ
މި މެޗަކީ ދިވެހި ފުޓްބޯޅައަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތް ހުޅުވަން ކުޅުނު މެޗެވެ. މިއީ ގަލޮޅު ދަނޑުގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު އެންމެ ފުރަތަމަ ރަސްމީ މެޗު ވެސް މެ އެވެ. އެހެންވެ މި މެޗަކީ އަމިއްލަ ދަނޑުގައި ގައުމީ ޓީމަށް އޮތް ސަޕޯޓް ދައްކާލަން ދިވެހިންނަށް ލިބުނު ފުރަތަމަ ފުރުސަތު ވެސް މެ އެވެ. އެކަން ދިވެހިން ދައްކާލި އެވެ. ދަނޑަށް 12،000 މީހުން ވަދެ ގައުމީ ޓީމަށް ފުރިހަމަ ސަޕޯޓެއްދިނެވެ. މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރާއްޖެއަށް ލަނޑު ޖަހައިދިނީ އަލީ ޝިހާމް (ހުރާ އައްޔަ) އެވެ. ލަންކާގެ ގޯލް ޖެހީ ކަސުން ޖަޔަސޫރިޔާ އެވެ.
2000: ރާއްޖެ (5) 1-1 (6) ސްރީ ލަންކާ
މި މެޗަކީ ގަލޮޅު ދަނޑަށް ވަދެ ތިބި އެތައް ހާސް ދިވެހި ސަޕޯޓަރުން ރޮއްވާލި މެޗެކެވެ. ގައުމީ ޓީމަށް ތަށްޓެއް ހޯދަން ލިބުނު ރަނުގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ރޯޝަން ޕެރޭރާގެ ލަނޑުން ލަންކާ ލީޑުނަގާފައިވަނިކޮށް ރާއްޖޭން އެއްވަރުކުރީ ޕެނަލްޓީއަކުން އާދަމް އަބްދުއްލަތީފް (ލައްޗޭ) ޖެހި ލަނޑުންނެވެ. ދެ ޓީމު 1-1 އިން އެއްވަރުވެގެން ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ރާއްޖެ ބަލިވީ 5-6 އިންނެވެ. ރާއްޖެއަށް ނާކާމިޔާބުވީ ހުރާ އައްޔަ އާއި ހުސެއިން ލުތުފީ (ލުއްޑާ) ގެ ޕެނަލްޓީ އެވެ. ބަލިވުމާ އެކު ވަރަށް ގިނަ ދިވެހި ސަޕޯޓަރުން މާޔޫސްކަމުގައި ދަނޑުން ނުނުކުމެ އެތައް އިރަކު ތިއްބެވެ.
2001: ރާއްޖެ 6-0 ކެމްބޯޑިއާ
ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ގައުމުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗަކީ ފުޓްބޯޅައިގައި ދިވެހިންގެ ފެންވަރު އަމިއްލަ ދަނޑުގައި ދިވެހީންނަށް އެންމެ ފުރަތަމަ ދައްކާލި ދުވަސް ވެސް މެ އެވެ. ދެކުނު އިރުމަތީ އޭޝިއާގެ އާދައިގެ ގައުމެއް ކަމަށްވާ ކެމްބޯޑިއާ އަތުން ބޮޑު ތަފާތަކުން މޮޅުވުމަކީ ގޯލްޑަން ޖުބިލީގެ ނާކާމިޔާބުން ދިވެހިންނަށް ލިބުނު މާޔޫސްކަމުން އަރައިގަނެވުނު ނަތީޖާއެކެވެ. މި މެޗުގައި ރާއްޖޭގެ ލައްޗޭ އާއި އަލީ އުމަރު، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު އަނެއް ދެ ގޯލް ޖެހީ ހުރާ އައްޔަ އާއި އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ.
2001: ރާއްޖެ 0-1 ޗައިނާ
ވޯލްޑް ކަޕް ކޮލިފައިންގައި އޭޝިއާގެ ގަދަބާރު ޗައިނާ އަތުން އެ ގައުމުގައި 10-1 އިން ރާއްޖެ ބަލިވެފައިވާތީ ގިނަ ބަޔަކު ހީކުރީ ގަލޮޅު ދަނޑުގައި ވެސް ޗައިނާ ތަފާތު ބޮޑު ނަތީޖާއެއް ނެރޭނެ ކަމަށެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. މި މެޗުގައި ރާއްޖޭގެ ޑިފެންސް ކުޅުންތެރިން ޗައިނާ ވަރަށް ރަނގަޅަށް ހިފަހައްޓައިގެން ކުޅުނެވެ. ޗައިނާއަށް ޖެހުނީ އެންމެ ގޯލެކެވެ. ޗައިނާ ފަދަ ގައުމެއް އަތުން 1-0 އިން ބަލިވުމަކީ ވެސް އޭރު ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރަށް ބަލާއިރު ބޮޑު ކާމިޔާބެކެވެ.
2003: ރާއްޖެ 12-0 މޮންގޯލިއާ
މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. އެހެންވެ މި މެޗަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން ބޮޑުވި އެވެ. އެއީ ހައްގު ޝައުގެއްކަން ދަގަނޑޭ ސާބިތުކޮށްދިން ވެސް މެ އެވެ. ރާއްޖޭން 12 ލަނޑު ޖެހިއިރު ދަގަނޑޭ އެކަނި ހަތަރު ގޯލް ޖެހި އެވެ. އެއާ އެކު އޭނާ ވެގެން ދިޔައީ ގައުމީ ޓީމަށް އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އަށެވެ. މި މެޗުގައި ރާއްޖޭގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ތޯރިގް (ޓޮމް)، ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖެހި އެވެ. މީގެ އިތުރުން ތޮއްޑޫ މުހައްމަދު ނިޒާމާއި އައްސަދު އަބްދުލްގަނީ އާއި މުހައްމަދު ނަޒީހު ވެސް ލަނޑު ޖެހި އެވެ. ރާއްޖޭގެ އަނެއް ލަނޑަކީ މޮންގޯލިއާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
2004: ރާއްޖެ 0-0 ސްރީ ލަންކާ
ދުވަހު ނޫސް 'ހަވީރު' އިން އިންތިޒާމުކޮށްގެން ކުޅުނު މި މެޗަކީ ރާއްޖެ އާއި ލަންކާގެ ފުޓްބޯޅައިގެ ވާދަވެރިކަމުގެ ކުރިމަތިލުމެއް ދިވެހިންނަށް ދައްކާލުމަށް ރޭވި މެޗެކެވެ. މިއީ ރާއްޖޭގެ ސުޕަސްޓާރު ދަގަނޑޭ ދެކުނު އޭޝިއާގެ ޓީމަކާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ވެސް މެ އެވެ. އެހެންވެ އޭނާގެ ފެންވަރު ވަޒަންކޮށްލަން ވެސް ދިވެހިން ތިބީ ބޭނުންވެފަ އެވެ. ދަގަނޑޭ ވަނީ މި މެޗުގައި ލަންކާ ޑިފެންޑަރުން ކައިރީ މޮޅަށް ކުޅެ އޭނާގެ ފެންވަރު ދައްކާލައިފަ އެވެ. މި މެޗުގެ ހާއްސަކަމަކީ، ރާއްޖޭން ޑީޕޯޓްކޮށްފައި ހުރި ލަންކާ ފޯވާޑް ކަސުން ކުޅުމެވެ. އޭނާ ރާއްޖެ ގެނައީ 'ހަވީރު'ން އެދުމުން ހާއްސަ ހުއްދައެއް ދީގެންނެވެ. ކަސުން 2001 ވަނަ އަހަރު ޑީޕޯޓްކުރީ އައިއެފްސީއަށް ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ސިފައިންގެ މީހެއްގެ ބެރޭ ނަގައި ބޮލުގައި އެޅުވުމުންނެވެ.
2004: ރާއްޖެ 0-0 ދެކުނު ކޮރެއާ
މިއީ ގަލޮޅު ދަނޑުގައި ގައުމީ ޓީމު ކުޅުނު އެންމެ ތާރީހީ މެޗެވެ. އޭގެ ދެ އަހަރު ކުރިން ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅުނު އަދި މަޝްހޫރު އެތައް ތަރިން ހިމެނުނު ދެކުނު ކޮރެއާ އާއި ރާއްޖެ ކުޅޭ މެޗަށް ދިވެހިން ދަނޑަށް ވަނީ މާ ރަނގަޅު ނަތީޖާއެއްގެ އުއްމީދުގައެއް ނޫނެވެ. ކޮރެއާ ފަދަ ވަރުގަދަ ޓީމެއްގެ ކުޅުން ދެކިލާށާއި އެ ފެންވަރުގެ ޓީމަކާ ދެކޮޅަށް ރާއްޖެ ކުޅޭ ގޮތް ބަލައިލާށެވެ. އެކަމަކު ކަންވީ ހީކުރި ގޮތާ ހިލާފަށެވެ. ރާއްޖޭން މި މެޗުގައި ކޮރެއާއާ ލަނޑެއް ނުޖެހި އެއްވަރުކޮށް މުޅި އޭޝިއާ ސިއްސުވާލި ނަތީޖާއެއް ނެރުނެވެ. މިއީ 1997 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން އިން އީރާން އަތުން ރާއްޖެ 17-0 އިން ވީ ބައްޔާ އެކު ކުރިމަތިވި ލަދުން ސަލާމަތްވުން ކަމަށް ބައެއް ސަޕޯޓަރުން ގަބޫލުކުރި އެވެ. މިއީ ގަލޮޅު ދަނޑުގައި ރާއްޖެ ހޯދި އެންމެ ބޮޑު އެއް ކާމިޔާބެވެ.
2008: ރާއްޖެ 3-0 ޕާކިސްތާން
ޕާކިސްތާނަކީ އެހާތަނަށް ވެސް ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ގަދަބާރެކެވެ. އެހެންވެ އަމިއްލަ ގައުމުގައި ކުޅޭ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އެ ޓީމާ ވާދަކުރަން ޖެހުމުން ދިވެހިން ކޮންމެވެސް ވަރަކަށް ޖެހިލުންވި އެވެ. އެކަމަކު އަމިއްލަ ދަނޑުގައި ކުޅެ ރާއްޖޭން އެ މެޗު 3-0 އިން ކާމިޔާބުކުރުން ވެގެންދިޔައީ މުބާރާތް ކާމިޔާބުކުރަން ލިބުނު ބޮޑު ހިތްވަރަކަށެވެ. ފުރަތަމަ ހާފުގައި މުހައްމަދު ސިފާން (ކުޑައްޓޭ) ގެ ލަނޑުން ރާއްޖެ ނެގި ލީޑު ދެ ވަނަ ހާފުގައި ފުޅާކޮށްދިނީ ޓޮމް އެވެ. އަނެއް ލަނޑަކީ ޕާކިސްތާނުގެ ނަވީދު އަކްރަމް އަތުން ބައިކޮޅަށް ވަން ލަނޑެވެ. މި މެޗުގައި ދިވެހިން ގައުމީ ޓީމަށް އާދަޔާހިލާފު ބޮޑު ސަޕޯޓެއް ދިނެވެ.
2012: ރާއްޖެ 0-1 އީރާން
ދިވެހި ފުޓްބޯޅަ އަށް ކުރިމަތިވި އެންމެ ބޮޑު ލަދަކީ 1997 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި އީރާން އަތުން 17-0 އިން ބަލިވުމެވެ. އެ މެޗާ އެކު ދިވެހި ފުޓްބޯޅައިގެ ފެންވަރު ވަޒަންކުރެވުނެވެ. ރާއްޖެއަށް އޭޝިއާގެ ފެންވަރުގައި ފައިހަމަކޮށްލެވެން އަދި ގާތް ވެސް ނުވާ ކަމަށް ގަބޫލުކުރެވުނެވެ. އެހެންވެ އީރާނާ އެކު އަލުން ކުޅެ ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމަ އެއީ ރާއްޖޭގެ ފެންވަރު ވަޒަންކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށް އޮތީ ވެފަ އެވެ. އެ ފުރުސަތު ރާއްޖެ އަށް ލިބުނީ ވޯލްޑް ކަޕް ކޮލިފައިންގައި 2012 ވަނަ އަހަރު މާލޭގައި ކުޅެން ލިބުމުންނެވެ. މި މެޗުން އީރާނަށް މޮޅުވެވުނީ 1-0 އިންނެވެ. ބަލިވި ނަމަވެސް މިއީ ރާއްޖެ އަށް ހިތްހަމަޖެހުން ލިބުނު ނަތީޖާއެކެވެ.
2014: ރާއްޖެ (8) 1-1 (7) އަފްގާނިސްތާން
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުވުމާ އެކު ރާއްޖޭން ދެން އަމާޒު ހިފީ އޭޝިއާގެ މުބާރާތަކުން ބޮޑު ކާމިޔާބެއް ހޯދުމަށެވެ. އަމިއްލަ ގައުމުގައި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ބާއްވަން ލިބުންވީ ރަނުގެ ފުރުސަތަކަށެވެ. ސަބަބަކީ އެ މުބާރާތް ކާމިޔާބުކޮށްގެން އޭޝިއާގެ މުބާރާތެއް ކާމިޔާބުކުރެވުމުގެ އުފަލާއި އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުފާ ލިބޭނެތީވެ އެވެ. އެކަމަކު ރާއްޖެ އަށް ދިމާވީ ނަސީބު ދެރަކޮށެވެ. ސެމީ ފައިނަލުން ފިލިޕީންސް އަތުން 3-2 އިން ބަލިވެ ކެޓީ އެވެ. އެއާ އެކު ރާއްޖެ އަށް ޖެހުނީ ތިން ވަނަ ހޯދަން ކުޅޭށެވެ. އެ މެޗުގައި ރާއްޖޭން ޕެނަލްޓީ ޖަހައިގެން 8-7 އިން އަފްގާނިސްތާން ބަލިކޮށް ތިން ވަނަ ހޯދުން ވެގެންދިޔައީ ރާއްޖެ އަށް ފުޓްބޯޅައިން ލިބުނު އެންމެ ބޮޑު ކާމިޔާބަށެވެ. މި މެޗުގައި ރާއްޖޭގެ އަސްހަދު އަލީ (އަޑުބަރޭ) ތަފާތު އުކުޅެއް ބޭނުންކޮށްގެން ޖެހި ޕެނަލްޓީއަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
2015: ރާއްޖެ 0-1 ގަތަރު
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވިއިރު ވެސް ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. އެހެންވެ މިއީ ދެކުނު ކޮރެއާއާ އެއްވަރުކޮށް ރާއްޖެ ހޯދި ފަދަ ކާމިޔާބެއް ލިބިދާނެ މެޗެއް ކަމަށް ބެލެވުނެވެ. ގަތަރަކީ، ކޮރެއާ ފެންވަރު ނޫން ނަމަވެސް އޭޝިއާގެ ގަދަބާރެކެވެ. ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ހޯދައި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ގައުމެކެވެ. އެކަމަކު ރާއްޖެއަށް ދިމާވީ ބަދުނަސީބު ގޮތެކެވެ. ފަހު ވަގުތު ގޯލެއް ވަދެ 1-0 އިން ބަލިވީ އެވެ. އެހެންވިޔަސް ރާއްޖޭން ދެއްކި ކުޅުމަށް ތައުރީފު އޮހުނެވެ.
2021: ރާއްޖެ 2-0 ބަންގްލަދޭޝް
އަމިއްލަ ގައުމުގައި އޮތް ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދަން ނުކުތް ރާއްޖެއަށް ފުރަތަމަ ވެސް ކުރިމަތިވީ ގޮންޖެހުމެކެވެ. ނޭޕާލް އަތުން 1-0 އިން ބަލިވީ އެވެ. އެއާ އެކު ޓީމަށް ވަރަށް ޕްރެޝަރު ބޮޑުވި އެވެ. އެހެންވެ ޖެހިގެން އައި ބަންގްލަދޭޝް މެޗަށް ރާއްޖެ ނުކުތީ ހާސްކަމުގައި އޮވެގެންނެވެ. އަމުދުން އެ މެޗުގެ ކުރިން ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް މަދުން (ފީފާ ގަވާއިދާ އެއްގޮތަށް) ޓިކެޓް ވިއްކަން އެފްއޭއެމުން ނިންމުމުން އާއްމުންގެ ފަރާތުން ކުރިމަތިވި ފާޑުކިއުންތަކާ އެކު އެވެ. އެކަމަކު އެ ހުރިހާ ޕްރެޝަރަކާ އެކު ނުކުމެ ރާއްޖޭން، ބަންގްލަދޭޝް 2-0 އިން ބަލިކުރި އެވެ. ފުރަތަމަ ހާފު ލަނޑެއް ނުޖެހި ދިއުމަށް ފަހު ރާއްޖެ އަށް ލީޑު ނަގައިދިނީ ހިތްގައިމު އޯވާހެޑް ކިކަކުން ޒުވާން ކުޅުންތެރިއާ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަނެއް ގޯލް ޖެހީ ދަގަނޑޭ އެވެ.
ކޮމެންޓް (1)
މުޙައްމަދު