އާޖެންޓީނާގެ ގައުމީ ޓީމުގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު، ލިއޮނެލް ސްކަލޯނީ.

ވޯލްޑް ކަޕް 2026

ސްޕެއިން އަތުން ބަލިވުމުން އާޖެންޓީނާގެ ކޯޗަށް ރޮވިއްޖެ

އާޖެންޓީނާގެ ހެޑް ކޯޗު ސްކަލޯނީގެ ކޮންޓްރެކްޓު މި ޑިސެމްބަރުގައި ހަމަވާއިރު، އޭނާ ބުނީ ޓީމު ރިސެޓުކުރަން ވަގުތު ބޭނުންވާނެ ކަމަށް. ނަމަވެސް އޭނާ ބުނި ގޮތުގައި މިހާރު އޮތް ވަރުގެ ޓީމެއް އެކުލަވައިލުމަކީ ފަސޭހަ ކަމަކަށް ނުވާނެ
15 ގަޑިއިރު ކުރިން

ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިން އަތުން ހިތްދަތި ގޮތަކަށް ބަލިވެ، މެޗަށް ފަހު ބޭއްވި ނޫސް ކޮންފަރެންސްގައި އާޖެންޓީނާގެ ހެޑް ކޯޗު ލިއޮނެލް ސްކަލޯނީއަށް ރޮވިއްޖެ އެވެ.

ރޭގެ މެޗަށް އާޖެންޓީނާ ނުކުތީ ވޯލްޑް ކަޕްގެ ތަށި ދިފާއު ކުރުމަށެވެ. އެކަން ކާމިޔާބު ކުރެވުނު ނަމަ، ސްކަލޯނީ ވާނީ އެ މުބާރާތުގެ ތާރީހުގައި ވެސް ޓްރޮފީ ދިފާއުކުރެވުނު ދެ ވަނަ ކޯޗަށެވެ.

އެކަން ނާކާމިޔާބުކޮށްލީ މެޗުގެ އިތުރު ވަގުތުގައި ސްޕެއިނުން ޖެހި ގޯލުންނެވެ.

އާޖެންޓީނާ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމާ 2018ގައި ހަވާލުވި ސްކަލޯނީގެ ކޮންޓްރެކްޓު، މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހަމަވާނެ އެވެ.

މެޗަށް ފަހު ބޭއްވި ނޫސް ކޮންފަރެންސްގައި އާޖެންޓީނާ ގައުމީ ޓީމުގައި ސްކަލޯނީގެ ކުރިމަގާ ބެހޭގޮތުން ސުވާލު އަމާޒުވި އެވެ. ނަމަވެސް އެ ސުވާލު ކުރުމުން އޭނާއަށް ފުން އަސަރުތަކެއް ކުރި އެވެ.

ފައިނަލް މެޗަށް ފަހު ބޭއްވި ނޫސް ކޮންފަރެންސްގައި އާޖެންޓީނާގެ ހެޑް ކޯޗު ލިއޮނެލް ސްކަލޯނީ.

"އަހަރެން [އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަންގެ] ރައީސްއާ ވާހަކަ ދައްކާނަން. ކުރަން ބޭނުންވާ ކަންކަމުގެ ކޮންމެވެސް ކަހަލަ ހިޔާލެއް އެބައޮތް،" ސްކަލޯނީ ބުންޏެވެ.

"ކޮންޓްރެކްޓުގެ މުއްދަތު ހަމަވަންދެން ހުންނާނަން."

ސްކަލޯނީއަށް ލިބުނު ފުރުސަތަށް އޭނާ ވަނީ އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާ ސިފަކުރި ގޮތުގައި އެއީ ހުވަފެނީ މަގާމެކެވެ.

އެކަމަކު މެޗާ މެޗު އޭނާއަށް މާ ގިނަ ވާހަކަތަކެއް ނުދެއްކުނެވެ.

"އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުރެވުން ހުރި ހުރިހާ މަސައްކަތެއް އަހަރެމެން ކުރިން. ކޯޗިން ސްޓާފުންނާއި ކުޅުންތެރިން ވެސް،" ފެންކަޅިވެފައި ހުރެ، ސްކަލޯނީ ބުންޏެވެ.

"އެއްކޮށް ރިސެޓު ކުރަން ވަގުތު ބޭނުންވޭ. މިފަދަ އެހެން ޓީމެއް އެކުލަވައިލަން. އެކަމަކު މިކަހަލަ ޓީމެއް އަލުން އުފެއްދުމަކީ ފަސޭހަ ކަމަކަށް ނުވާނެ."

ނަމަވެސް އެއަށްވުރެ އިތުރަށް ސްކަލޯނީއަށް ވާހަކައެއް ނުދެއްކުނެވެ. ހިތާމަވެރިކަން ބޮޑުވެ، މައާފަށް އެދެމުން ނޫސް ކޮންފަރެންސް ދޫކޮށްފައި އޭނާ ދިޔައީ އެވެ.

އުމުރުން 48 އަހަރުގެ ސްކަލޯނީއަކީ އާޖެންޓީނާ ގައުމީ ޓީމަށް އެންމެ ގިނަ ތަށި ހޯދައިދިން، އެ ޓީމުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗެވެ.

އޭނާއާ އެކު އާޖެންޓީނާ ވަނީ ޖުމްލަ ހަތަރު ތަށި އުފުލާލާފަ އެވެ. ފުރަތަމަ ކާމިޔާބުކުރީ 2021ގެ ކޮޕާ އެމެރިކާ އެވެ. އެއީ ތަށްޓަކާ ނުލައި އާޖެންޓީނާގެ ގައުމީ ޓީމު ހޭދަކުރި 28 އަހަރުގެ ދިގު މުއްދަތަށް ނިމުން ގެނެސްދިން ކާމިޔާބީ އެވެ.

އެއަށްފަހު 2022އަކީ އޭނާއާ އެކު އާޖެންޓީނާއަށް ކާމިޔާބީގެ ރަން އަހަރެވެ. ފުރަތަމަ ޖޫންގައި ބޭއްވި ފީނަލިސިމާ ކާމިޔާބުކުރި އެވެ. އެއަށްފަހު ޑިސެމްބަރުގައި ބޭއްވި ވޯލްޑް ކަޕް 2022ގެ ތަށި އުފުލައިލި އެވެ. އަދި އެ ދެމެދުގައި ބަލި ނުވެ، 36 މެޗު ހަމަކުރި އެވެ.

އާޖެންޓީނާއަށް ސްކަލޯނީއާ އެކު ހޯދުނު އެންމެ ފަހު ކާމިޔާބީއަކީ 2024ގެ ކޮޕާ އެމެރިކާ އެވެ.

މީގެ އިތުރުން ސްކަލޯނީ ވަނީ ބެސްޓް ފީފާ ފުޓްބޯލް ކޯޗު އެވޯޑު 2023 ވަނަ އަހަރު ހާސިލްކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް