ވޯލްޑް ކަޕް 2026ގައި ސެނެގަލް ކޮޅަށް ގޯލެއް ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ.

ވޯލްޑް ކަޕް 2026

އެމްބާޕޭ: ޝައްކެއް ވެސް ނެތް ގޮތުގައި ވޯލްޑް ކަޕްގެ ރަސްގެފާނު

ވޯލްޑް ކަޕްގައި ތަކުރާރުކޮށް ރަން ބޫޓު ހޯދި ހަމައެކަނި ކުޅުންތެރިޔާގެ އިތުރުން ޖުމްލަ 22 ގޯލު ޖަހައި، އެ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަކީ ވެސް އެމްބާޕޭ
16 ގަޑިއިރު ކުރިން

ފްރާންސަށް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުނަސް، ސުވާލު ނުއުފެއްދޭނެ ކަމެއް އެބައޮތެވެ. ވޯލްޑް ކަޕް މުބާރާތުގެ ރަސްގެފާނަކީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

ފްރާންސާ އެކު އެމްބާޕޭ ވޯލްޑް ކަޕްގެ ތަށި އުފުލައިލީ އޭނާގެ އުމުރުން އެންމެ 19 އަހަރުގަ އެވެ. އެއީ 2018ގެ މުބާރާތުގަ އެވެ. އޭގެ ފަހުން މިދިޔަ ވޯލްޑް ކަޕްގައި ފްރާންސަށް ލިބުނީ ދެ ވަނަ އެވެ. އަދި މި ވޯލްޑް ކަޕް ފްރާންސުން ނިންމާލީ ހަތަރު ވަނައިގަ އެވެ.

ސްޕެއިނުން ތަށި އުފުލާލައި، ވޯލްޑް ކަޕް 2026 ނިމުނުއިރު މުބާރާތުގެ ރަން ބޫޓު ލިބުނީ ކީލިއަން އެމްބާޕޭ އަށެވެ.

މި މުބާރާތުގައި އޭނާ ވަނީ ކުޅުނު 8 މެޗުގައި 10 ގޯލު ޖަހައި، ހަތަރު އެސިސްޓް ހަދާފަ އެވެ. އެންމެ ކައިރިކުރި އާޖެންޓީނާގެ ލިއޮނެލް މެސީއަށް ޖެހުނީ 8 ގޯލެވެ.

އެއާ އެކު އެމްބާޕޭ ވެފައިވަނީ ވޯލްޑް ކަޕްގައި ތަކުރާރުކޮށް ރަން ބޫޓު ހޯދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ރަން ބޫޓު ވެސް ލިބުނީ އެމްބާޕޭއަށެވެ. އޭނާ ވަނީ އެ މުބާރާތުގައި 8 ގޯލު ޖަހާފަ އެވެ.

ގަތަރު ވޯލްޑް ކަޕްގައި އަށް ލަނޑާ އެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރަން ބޫޓު ހޯދި ފްރާންސްގެ ކީލިއަން އެމްބާޕޭ.

މީގެ އިތުރުން ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު ވެސް އެމްބާޕޭ ވަނީ މި މުބާރާތުގައި މުގުރާލާފަ އެވެ.

އަހަރުތަކެއް ވަންދެން އެ ރެކޯޑު އޮތީ ވޯލްޑް ކަޕްގެ އެކި މުބާރާތްތަކުގައި ޖުމްލަ 16 ގޯލު ޖެހި ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އަތުގަ އެވެ.

އޭނާގެ އެ ރެކޯޑު، މި މުބާރާތުގައި ފުރަތަމަ މުގުރާލީ ލިއޮނެލް މެސީ އެވެ. ގަދަ 16ގެ ބުރުގައި މިސްރު ކޮޅަށް ޖެހި ގޯލާ އެކު އޭނާ ވަނީ ހަ މުބާރާތް ކުޅެ، 21 ގޯލު ހަމަކޮށްފަ އެވެ.

މުބާރާތް ނިމެން ކައިރިވަންދެން ވެސް އެ ރެކޯޑު އޮތީ މެސީގަ އެވެ. ނަމަވެސް ފަހު ގަޑިގައި މެސީ އަތުން އެ މަގާމު އަތުލައި، އެމްބާޕޭ އެ ރެކޯޑު މުގުރާލީ ތިން ވަނަ ހޮވަން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލު ޖަހައި. 22 ގޯލު ހަމަކޮށްގެންނެވެ. އޭނާ އެ އަދަދު ހަމަކުރީ ވޯލްޑް ކަޕްގެ ތިން މުބާރާތް ކުޅެގެންނެވެ.

ރޭގެ މެޗުގައި މެސީއަށް އިތުރު ގޯލެއް ނުޖެހުމާ އެކު ކުރިއަށް އޮތް ހަތަރު އަހަރު ވަންދެން ވެސް އެ ރެކޯޑު އޮންނާނީ އެމްބާޕޭ އަތުގަ އެވެ. ލިސްޓުގައި މެސީ ފިޔަވައި ދެން އެމްބާޕޭގެ ފަހަތުގައި ތިބީ ރިޓަޔާ ކޮށްފައި ތިބި ކުޅުންތެރިންނެވެ. މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ކައިރީގައި އޮތީ 14 ގޯލާ އެކު ހެރީ ކޭން އެވެ.

ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިން:

  • 1-

    ކީލިއަން އެމްބާޕޭ - 22

  • 2-

    ލިއޮނެލް މެސީ - 21

  • 3-

    މިރޮސްލާވް ކްލޯސާ - 16

  • 4-

    ރޮނާލްޑޯ - 15

  • 5-

    ގާޑް މުލާ - 14

  • 6-

    ހެރީ ކޭން - 14

މިހާރު އުމުރުން 27 އަހަރުގެ އެމްބާޕޭއަށް ކުރިއަށް ހުރި ވޯލްޑް ކަޕް މުބާރާތްތަކުގައި އެ ރެކޯޑު އިތުރަށް ފުޅާކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

ވޯލްޑް ކަޕްގައި އެމްބާޕޭ ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު ގިނަ މީހުން އޭނާ ސިފަކުރަނީ 'މިސްޓަ ވޯލްޑް ކަޕް'ގެ ގޮތުގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް