ވޯލްޑް ކަޕް 2026ގެ ފައިނަލްގައި އާޖެންޓީނާ ބަލިކުރުމަށްފަހު ސްޕެއިން ކުޅުންތެރިން އުފާ ފާޅުކުރަނީ.
އާޖެންޓީނާއަށް އިރުއޮއްސިއްޖެ؛ ފުޓުބޯޅައިގެ ރަސްކަމަށް ސްޕެއިން
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް ކުޅޭނެ ފުރުސަތު ވެސް ނުދީ، ސްޕެއިނުން 16 އަހަރަށް ފަހު ވޯލްޑް ކަޕް ކާމިޔާބުކޮށްފި އެވެ.
އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ނަތީޖާ ނެރެން ޖެހުނު މި މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.
ވަރަށް ކުރުކޮށް ބުނާ ނަމަ، ސްޕެއިނުން ކުޅުނީ ފުޓުބޯޅަ އެވެ. އާޖެންޓީނާއިން އުޅުނީ އާދައިގެ މަތިން ރެސްލިން ތެޅޭތޯ އެވެ. ސްޕެއިން ކުޅުންތެރިޔަކަށް ބޯޅަ ލިބޭއިރަށް އޮންނަނީ ކަނޑާ ވައްޓާލާފަ އެވެ. ބޯޅަ ހޯދަން ފައި ބޭނުންކުރުމުގެ ކުރިން އިސްކުރަނީ އަތެވެ. ބައެއް މީހުން މިއަށް ވެސް ފުޓުބޯޅައިގެ އުކުޅެކޭ ކިޔާފާނެ އެވެ.
އާޖެންޓީނާ ކުޅުންތެރިން ސްޕެއިން ކުޅުންތެރިންނަށް ތަކުރާރުކޮށް ފައުލްކޮށް، އަނިޔާ ކުރަމުންދިޔައިރު، ސްޕެއިނުން ދިޔައީ ފަސޭހަކަމާ އެކު އާޖެންޓީނާގެ ޑިފެންސް ލައިން ފޫއަޅުވާލައި، ފުލުފުލުގައި ފުރުސަތުތައް އުފައްދައި، އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އާޖެންޓީނާއަށް އެންމެ ހަމަލައެއް ވެސް އުފެއްދިފައިނުވެ އެވެ. ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައިގައި ފައި ޖައްސާލުމުގެ ފުރުސަތު ލިބުނީ އެންމެ ދެ ފަހަރު އެވެ.
ލިއޮނެލް މެސީ ވެސް ހުއްޓެވެ. އެކަމަކު އޭނާގެ ފަރާތުން މިރޭ ފެނުނީ މީގެ ކުރިން ފެނުނު ކުޅުމެއް ނޫނެވެ. ފަހު ދެ ތިން މިނެޓު ފިޔަވައި މިރޭ ފެނުނީ ދަނޑުމަތީގައި ހުރި ބުދެއް ގޮތަށެވެ.
ސްޕެއިނުން މެޗުގެ ފުރިހަމަ ވަގުތުގައި 15 ހަމަލާ އުފައްދައި، 10 ހަމަލާ ގޯލާ އަމާޒުކުރި އެވެ. އޭގެ ބަދަލުގައި ބޯޅަ ލިބުމާއި ހޯދުން ދަތިވުމުން އާޖެންޓީނާއަށް މަޖުބޫރުވީ ބޯޅަ ދޫކޮށްލާފައި ސްޕެއިންގެ ކުޅުންތެރިން ފަހަތުން ދުވާށެވެ. ސްޕެއިންގެ ބެންޗުގައި ތިބި ކުޅުންތެރިންނަށް ވެސް ރައްކާތެރިކަމެއް ނެތެވެ.
އާޖެންޓީނާއަށް ކުރެވުނީ 19 ފައުލެވެ. މުޅި މެޗަށް ބަލައިފި ނަމަ 25 ފައުލެވެ. ކާޑެއް ނުދައްކަން ހުންނަ މީހަކަށް ވެސް ކެތް ވާނީ ވަކި ވަރަކަށެވެ. ފުރިހަމަ ވަގުތު އާޖެންޓީނާއިން ނިންމާލީ 3 ރީނދޫ ކާޑާއި އެއް ރަތް ކާޑާ އެކީގަ އެވެ. ރަތެއް ދެއްކީ، ދެ ރީނދޫ ކާޑު ހަމަވެގެން އެންޒޯ ފަނާންޑޭޒް އަށެވެ.
ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހުން ބުނާ ގޮތުގައި އިންސާފު ލިބުނީ އަދި ކިރިޔާ އެވެ. މައްސަލައަކީ 8 މެޗު ފަހުން އިންސާފު ލިބުނީމަ އެވެ.
އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގައި ސްޕެއިނުން އާޖެންޓީނާ ގޯލު ފޫއަޅުވާ ވެސް ލި އެވެ.
ނަމަވެސް ރެފްރީ ނިންމީ، ނިކޯ ވިލިއަމްސް އެ ގޯލު ޖެހުމުގެ ކުރިން ސްޕެއިން މިކޭލް މެރީނޯގެ ގައިގައި ފަހަތުން އޮޅުލައިގަނެގެން އޮވެ އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ވެއްޓިގަތުމުން އެއީ ފައުލެއް ކަމަށެވެ.
އެހާތަނަށް އެންމެ ހަމަލާއެއް ވެސް ނުއުފެއްދި، އާޖެންޓީނާއިން ޕެނަލްޓީ ޝޫޓްއައުޓަކަށް މެޗު ދަންމާލަން އިންތިހާއަށް ބޭނުންވެފައި އޮއްވާ ސްޕެއިނަށް އެންމެ ފަހުން ލީޑު ނެގުނީ 106 ވަނަ މިނެޓުގަ އެވެ.
ޕެޑްރޯ ޕޯރޯ، އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިނީ ހުރަހެކެވެ. ބޮލުން ޖަހައި އެ ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއަށް ވައްޓާލީ ނިކޯ ވިލިއަމްސް އެވެ. ދުވެފައި އައި ފެރާން ޓޮރޭޒްއަށް އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ފަސޭހަކަމާ އެކީގަ އެވެ.
އޭގެ ފަހުން ވެސް ޓޮރޭޒް ގޯލެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑު ކަމަށް ބަލައި، އެ ގޯލު ބާތިލުކުރި އެވެ.
އާޖެންޓީނާއަށް ދެ ޝޮޓު އުފެއްދުނީ މެޗުގެ ފަހު ދެ ތިން މިނެޓުގަ އެވެ. އެކަމަކު އެ ދެ ޝޮޓު ވެސް ގޯލާ އަމާޒެއް ނުވި އެވެ.
މެޗު ނިމުމުގެ ކުރިން އާޖެންޓީނާގެ ކޯޗަށް ވެސް ރީނދޫ ކާޑެއް ދައްކަން ޖެހުނެވެ.
މި ނަތީޖާއާ އެކު މިދިޔަ 60 އަހަރުގެ ތެރޭގައި ވެސް ވޯލްޑް ކަޕްގެ ފައިނަލެއްގެ ފުރިހަމަ ވަގުތުގައި ޝޮޓެއް ނުހެދުނު ހަމައެކަނި ޓީމުގެ ރެކޯޑު އާޖެންޓީނާއަށް ވަނީ ލިބިފަ އެވެ.
ވަކިވަކި ކުޅުންތެރިންނަށް ދިން އެވޯޑުތަކަށް ބަލާއިރު:
-
ރަން ބޫޓު - ފްރާންސްގެ ކީލިއަން އެމްބާޕޭ
-
ރަން ބޯޅަ - ސްޕެއިންގެ ރޮޑްރީ
-
ގޯލްޑަން ގްލަވް - ސްޕެއިންގެ ކީޕަރު ސިމޯން
-
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ - ސްޕެއިންގެ ޕައު ކުބާސީ
އާޖެންޓީނާ ފައިނަލާ ހަމައަށް ދަތުރުކުރި ގޮތާ މެދު އެތައް މިލިއަން މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. މީހުން ބުނާ ގޮތުގައި ކާޑަކާ ނުލައި ހިތް ފުރެންދެން ފައުލް ކުރުމުގެ މިނިވަންކަން އާޖެންޓީނާއަށް އޮންނަނީ ދީފަ އެވެ.
އާޖެންޓީނާ ކުޅުންތެރިންނަށް ރެފްރީންގެ ފަރާތުން ލުއި ލިބޭކަމުގެ ތުހުމަތުތަކުގެ އަޑު ވެސް ވަކި ކުޑައެއް ނޫނެވެ.
އެކަމަކު މިރޭގެ މެޗުގައި، ފުޓުބޯޅައިގެ އެންމެ ބޮޑު ސްޓޭޖުގައި، އާޖެންޓީނާގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ސްޕެއިނުން މުޅި ދުނިޔޭގެ ކުރިމަތީގައި އާޖެންޓީނާ ފަލީހަތް ކޮށްލީ އެވެ. މަކަރެއް ހަދަން މާ ގިނަ ފުރުސަތުތަކެއް ނުދިނެވެ.
މިއީ ސްޕެއިނުން ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސްޕެއިނުން އެ މުބާރާތް ކާމިޔާބުކުރީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް ބަލުކުރުމަށްފަހު އެވެ.
ކޮމެންޓް (2)
ކަރީމް
މަރީ