ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވޯލްޑް ކަޕްގެ ލަނޑަކަށް ފަހު އުފާ ފާޅުކުރަނީ: މިފަހަރު ވެސް ރަން ބޫޓު ލިބުން ކައިރި

ވޯލްޑް ކަޕް 2026

އެމްބާޕޭ ރެކޯޑް ހަދައިފި، އެކަމަކު 6-4އިން މޮޅުވެ ތިން ވަނަ ހޯދީ އިންގެލެންޑް

ވޯލްޑް ކަޕް ސެމީ ފައިނަލުން ބަލިވި ދެ ޓީމު މިރޭގެ ކުޅުމުން ބެލުންެތެރިން ހިތްހަމަޖައްސައިދިނީ ޖުމްލަ 10 ލަނޑުން. އެމްބާޕޭގެ ދެ ލަނޑާ އެކު އޭނާއަކީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ
5 ގަޑިއިރު ކުރިން

ބެލުންތެރިން ހިތްހަމަޖައްސައިދީފި އެވެ. ޖުމްލަ 10 ގޯލު ޖަހައިފި އެވެ. ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވޯލްޑް ކަޕްގެ ރެކޯޑް ހަދައިފި އެވެ. އިންގްލެންޑްގެ ބުކާޔާ ސަކާ ހެޓްރިކަކުން މުބާރާތް ނިންމައިފި އެވެ.

މިއީ އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި، 64،000އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި، މިރޭ ކުޅުނު ވޯލްޑް ކަޕްގެ ތިން ވަނަ ހޮވި މެޗުގެ ކުރު ހުލާސާއެކެވެ.

ސެމީ ފައިނަލްގައި ސްޕެއިން އަތުން ފްރާންސް އަދި އާޖެންޓީނާ އަތުން އިންގްލެންޑް ބަލިވެ ފައިނަލަށް ނުދިޔުމުން ވޯލްޑް ކަޕް ނިންމާލަން ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ތިން ވަނަ ހޯދުމެވެ. އެ ވާދަވެރިކަމުގައި މިރޭ ނުކުތް ދެ ޓީމު ފުރަތަމަ ހާފު ނިންމާފައި ދަނޑުން ފޭބިއިރު އިންގްލެންޑް އޮތީ 4-0 އިން ކުރީގަ އެވެ. މިއީ ފްރާންސުން ވޯލްޑް ކަޕްގެ މެޗެއް އެހާ ތަފާތު ބޮޑު ނަތީޖާއަކުން ދަށްކޮށް އޮވެ ފުރަތަމަ ހާފު ނިންމި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ނަމަވެސް ދެވަނަ ހާފުގައި ނުކުމެ މެޗުގެ 67 ވަނަ މިނިޓް ޖެހެން ވާއިރަށް އެމްބާޕޭގެ ދެ ލަނޑާއި ބްރެޑްލޭ ބާކޯލާގެ ލަނޑުން، 4-3އަށް ނަތީޖާ ބަދަލުކޮށްލި އެވެ.

މިރޭގެ މެޗުގައި ހެޓްރިކް ހެދުމަށް ފަހު އިންގްލެންޑްގެ ބުކާޔާ ސަކާ (7) އުފާ ފާޅުކުރަނީ

މި ދެ ލަނޑާ އެކު މި މުބާރާތުގައި އެމްބާޕޭ 10 ލަނޑު ޖަހައި ރަން ބޫޓާ އެންމެ ކައިރީގައި ހުރީ އޭނާ އެވެ. ފައިނަލްގައި ކުޅޭ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ޖުމްލައަކީ އަށެކެވެ.

އެމްބާޕޭއަކީ 2022ގެ ވޯލްޑް ކަޕްގައި ވެސް ރަން ބޫޓު ހޯދި ކުޅުންތެރިޔާ އެވެ.

ވޯލްޑް ކަޕްގައި އެމްބާޕޭގެ ލަނޑުގެ އަދަދު 22އަށް އަރުވާ އޭނާއަކީ މިހާތަނަށް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެ އެވެ. މި މެޗުގެ ކުރިން އެ ރެކޯޑް އޮތީ 20 ލަނޑާ އެކު މެސީގެ އަތުގަ އެވެ. ރެކޯޑް އާކުރުމުގެ ފުރުސަތު 39 އަހަރުގެ މެސީއަށް އަދި އެބަ އޮތެވެ.

އުމުރުން 26 އަހަރުގެ އެމްބާޕޭ 22 ލަނޑު ހަމަކުރީ ތިން ވޯލްޑް ކަޕް، 2018، 2022 އަދި 2026ގައި ކުޅެ އެވެ. މެސީއަށް 20 ލަނޑު ޖެހުނީ ހަ ވޯލްޑް ކަޕް، 2006 ،2010 ،2014 ،2018 ،2022 އަދި 2026ގައި ވާދަކޮށްގެންނެވެ.

މިރޭ ސަކާ ހެޓްރިކް ހެދީ ފުރަތަމަ ހާފުގައި ޖެހި ދެ ލަނޑަށް މެޗުގެ 87 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް އިތުރު ކުރި ލަނޑާ އެކު އެވެ.

މެޗުގެ އިތުރު ވަގުތުގައި އިންގްލެންޑްގެ ޖޫޑެ ބެލިންހަމް ޖެހި ލަނޑުން މި ވޯލްޑް ކަޕްގައި އޭނާގެ ޖުމްލަ ވަނީ ހަތަކަށް އަރުވައިފަ އެވެ. މިއީ ވޯލްޑް ކަޕެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި އިންގްލެންޑް ކުޅުންތެރިޔާ އެވެ.

ފްރާންސަށް ތިން ވަނަ ލަނޑު ޖަހައިދިން އުސްމާނޭ ޑެމްބަލޭގެ އަދަދަކީ ހައެކެވެ.

މިއީ 1966ގައި ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އިންގްލެންޑަށް މުބާރާތް ނިންމާލެވުނު އެންމެ ކާމިޔާބު ފަހަރެވެ. އޭގެ ކުރިން ތިން ވަނަ ހޮވަން ވާދަކުރި ތިން މެޗުން ވެސް ވީ ބައްޔެވެ. އެންމެ ފަހުން 2018ގެ ވޯލްޑް ކަޕްގައި ބެލްޖިއަމް އަތުން 2-0އިންނެވެ.

ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި މެޗުތައް

12 ލަނޑު

  • 1954: އޮސްޓްރިއާ 7-5 ސްވިޓްޒަލެންޑް

11 ލަނޑު

  • 1938: ބްރެޒިލް 6-5 ޕޮލެންޑް

  • 1954: ހަންގެރީ 8-3 ވެސްޓް ޖަރުމަން

  • 1982: ހަންގެރީ 10-1 އެލް ސަލްވަޑޯ

10 ލަނޑު

  • 1958: ފްރާންސް 7-3 ޕެރަގުއޭ

  • 2026: އިންގްލެންޑް 6-4 ފްރާންސް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް