ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބޯޅަ ކޮންޓްރޯލްކުރާ އިރު އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފަހަތުގައި

ވޯލްޑް ކަޕް 2026

އެންމެ ހަތް މިނިޓް ތެރޭގައި އިނގިރޭސިންގެ ހިތް ކުދިކުދި، މެސީގެ އާޖެންޓީނާ ފައިނަލަށް

މެޗު ނިމެން ފަސް މިނިޓަށް ވީއިރު ވެސް އިންގްލެންޑް އޮތީ 1-0 އިން ކުރީގައި. ނަމަވެސް އެންމެ ހަތް މިނިޓްގެ ވަގުތުކޮޅެއްގައި ލިއޮނެލް މެސީ ތަނަވަސްކޮށްދިން ދެ ފުރުސަތުގެ ބޭނުންހިފާ އާޖެންޓީނާ 2-1އިން މޮޅުވެ ވޯލްޑް ކަޕްގެ ފައިނަލަށް
1 ގަޑިއިރު ކުރިން

ވޯލްޑް ކަޕް ދިފާއުކުރުމުގެ ދަތުރުގައި އާޖެންޓީނާ ހުއްޓުވޭނެ ގޮތެއް އިންގްލެންޑަށް ވެސް ނުފެނި، ފަހު ހަތް މިނިޓްގެ ތެރޭގައި ފަހަތުން އަރާ އިންގްލެންޑް ބަލިކޮށް، ތައްޓާ އެންމެ ފިޔަވަޅެއް ކައިރިއަށް ލިއޮނެލް މެސީގެ ޓީމު މިރޭ ޖެހިލައިފި އެވެ.

ވޯލްޑް ކަޕްގައި ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖެހުމަށް ފަހު، ކްއާޓާ ފައިނަލްގައި ސްވިޓްޒަލެންޑް ކޮޅަށް ލަނޑެއް ނުޖެހި ހުއްޓުނު ގޮތަށް މިރޭ ވެސް މެސީއަށް ލަނޑެއް ކާމިޔާބެއް ނުކުރެވެ އެވެ. އެކަމަކު ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް ނުވާ ނަމަ، އެ ޝަރަފުވެރިންގެ އެންމެ ކުރީގައި އުޅޭ މެސީ އޭނާގެ ޓީމު މޮޅުކޮށްދޭން ދެ ބޯޅަ ދިއްކޮށްލި އެވެ.

މެޗުގައި ފުރަތަމަ ކުރި ހޯދީ އިންގްލެންޑުން 55 ވަނަ މިނިޓްގަ އެވެ. އެންތަނީ ގޯޑަންގެ ލަނޑުންނެވެ. އަމިއްލަ ފަސްގަނޑުގައި 1966ގައި އޮތް ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ފުރަތަމަ ފަހަރަށް ފައިނަލަށް ދިއުމުގެ މަގު ކަށަވަރުކުރަން އާޖެންޓީނާ ހިފެހެއްޓޭތޯ މުޅި ޓީމު ދިފާއަށް ވެސް ފޭބިމެ އެވެ.

ނަމަވެސް މެސީ 85 ވަނަ މިނިޓްގައި ގޯލުގެ ކުރިމައްޗަށް ދިން ބޯޅާގައި، އޭރިޔާ ބޭރުން ރީތިކޮށް ޖަހާ ވައްދާލައިގެން އާޖެންޓީނާގެ ފަހު ވަގުތުގެ ޖާދޫ އަނެއްކާވެސް ދައްކައިދިނީ އެންޒޯ ފެނާންޑެޒް އެވެ.

ދެން އައީ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި މެސީގެ ރީތި ހުރަހެކެވެ. ގޯލުގެ ހަމަ ކުރިމައްޗަށެވެ. އިންލެންޑްގެ ދިފާއު ކިތައްމެ ވަރުގަދަކޮށް ގާއިމްކުރަން އުޅުނު ނަމަވެސް ލައުޓަރޯ މާޓިނޭޒް ބޮލަށް އޮއްސުނު އެ ބޯޅަ ހަމަޖެހިލާފައި ގޯލުގެ އެތެރެއަށް ފޮނުވާލުމުން ދިފާއެއް ނުކުރެވުނެވެ.

ކްއާޓާ ފައިނަލްގައި ސްވިޓްޒަލެންޑް 3-1 އިން ބަލިކުރަން އާޖެންޓީނާއިން ލަނޑު ޖެހީ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެ ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގަ އެވެ.

އެކަމަކު މިރޭ އިތުރު ވަގުތުގެ ދެ ހާފަށް ވެސް ޖާގައެއް ނުދިނެވެ. މެޗުގެ ފުރިހަމަ ވަގުތަށް ދެއްކި ނުވަ މިނިޓް ތެރޭގައި، ވޯލްޑް ކަޕް ދިފާއުކުރުމުގެ ފަހު މެޗު އާޖެންޓީނާއިން ކަށަވަރުކުރި އެވެ.

އަންނަ ހޯމަދުވަހުގެ ރޭ ކުޅޭ ފައިނަލްގައި އާޖެންޓީނާ ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް