އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ރެފްރީ އިސްމާއިލް އެލްފާތު (ވ).

ވޯލްޑް ކަޕް 2026

ހައިރާން ނުވޭ: އިންގްލެންޑާއި އާޖެންޓީނާ މެޗަށް މެސީގެ 'ފޭވަރިޓް' ރެފްރީ

އިސްމާއިލް އެލްފާތު ރެފްރީއަކަށް ހުއްޓާ މެސީ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވޭ
1 ގަޑިއިރު ކުރިން

އާޖެންޓީނާ ކުޅެން އަރައިފި ނަމަ ސުވާލު އުފެދޭ ކަމެއް ނުހިނގާ ހަމަ އެންމެ މެޗެއް ވެސް ނުނިމެ އެވެ. އެކަމަކު މިފަހަރު ސުވާލު އުފެދިފައި މި އޮތީ އޮތީ ކުޅެން އެރުމުގެ ކުރިންނެވެ.

މިރޭ ސެމީ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް އާޖެންޓީނާ ނުކުންނަ މެޗުގެ ރެފްރީއަކަށް ހަމަޖެއްސީ މޮރޮކޯއަށް އުފަން، އެމެރިކާގެ ރެފްރީއެއް ކަމަށްވާ އިސްމާއިލް އެލްފާތު އެވެ.

ރެފްރީންގެ ކަންތައްތަކާއި އާޖެންޓީނާއަށް ފަސޭހަ ގޮތްތައް ހަމަޖައްސައިދޭ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން ފީފާއަށް މިހާރު ވެސް އޮތީ އަމާޒުވެފަ އެވެ. އެހެން އޮއްވައި، މިރޭގެ މެޗުގެ ރެފްރީއަކަށް އެލްފާތު އިއުލާން ކުރި ހިސާބުން ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ވަނީ މި މެޗު އާޖެންޓީނާއަށް ދީ ނިންމާފަ އެވެ.

އެލްފާތު އެކަންޏެއް ނޫނެވެ. އޭނާއާ އެކު މިރޭގެ މެޗުގެ އެސިސްޓެންޓު ރެފްރީންގެ ގޮތުގައި ތިބި ދެ ރެފްރީންނަކީ ވެސް އެމްއެލްއެސްގެ ރެފްރީންނެވެ.

އިނގިރޭސި މީޑިއާތަކުން އެލްފާތު ސިފަކުރަނީ މެސީގެ 'ފޭވަރިޓް' ރެފްރީގެ ގޮތުގަ އެވެ. އެއީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އޭނާ ރެފްރީކަން ކުރި އެއްވެސް މެޗަކުން މެސީއަށް އަދި މިހާތަނަށް ނާކާމިޔާބީއަކާ ކުރިމަތިވެފައި ނެތެވެ.

ގަތަރު ވޯލްޑް ކަޕްގެ ފައިނަލުގައި އެލްފާތު ހުރީ ހަތަރު ވަނަ އޮފިޝަލަކަށެވެ. އެ މެޗުގައި ފްރާންސް ބަލިކޮށް، އާޖެންޓީނާ ތަށި ނެގީ ޕެނަލްޓީ ޖަހައިގެންނެވެ.

އޭގެ އިތުރުން މެސީ ކުޅޭ އިންޓަ މަޔާމީއިން 2023ގެ ލީގު ކަޕް ކާމިޔާބުކުރިއިރު، ފައިނަލް މެޗުގެ ރެފްރީއަކަށް ހުރީ އެލްފާތެވެ. އޭގެ އިތުރަށް އެމްއެލްއެސްގެ ލީގު މެޗުތަކުގައި ވެސް އެލްފާތު ރެފްރީއަކަށް ހުއްޓާ އިންޓަ މަޔާމީ އާއި މެސީ ބަލިވެފައެއް ނުވެ އެވެ.

ވޯލްޑް ކަޕް 2022ގެ ފައިނަލް މެޗުގައި އާޖެންޓީނާގެ ލިއޮނެލް މެސީ، އެ މެޗުގެ ރެފްރީންނާ އެކު: ކަނާތުން ދެ ވަނައަށް، މެސީއާ ޖެހިގެން އެ ހުރީ އިސްމާއިލް އެލްފާތު.
އިންޓަ މަޔާމީގެ މެޗެއްގައި އެ ޓީމުގެ ރޮޑްރިގޯ ޑި ޕޯލް (ކ) އާއި ލިއޮނެލް މެސީ، ރެފްރީ އިސްމާއިލް އެލްފާތު ގާތުގައި ޝަކުވާ ކުރަނީ.

އެ ސަބަބުތަކާ ހުރެ ގިނަ މީހުން ސިފަކުރާ ގޮތުގައި އެލްފާތުއަކީ މިރޭގެ ސެމީ ފައިނަލްގައި އާޖެންޓީނާއަށް ހެޔޮ ފާލެކެވެ.

އެލްފާތަކީ ވޯލްޑް ކަޕްގެ މި މުބާރާތުގައި ވެސް އާ ރެފްރީއެއް ނޫނެވެ. މިއީ މި މުބާރާތުގައި އޭނާ ރެފްރީކަން ކުރާ ހަތަރު ވަނަ މެޗެވެ. މީގެ ކުރިން އޭނާ ރެފްރީއަކަށް ހުރީ ގްރޫޕް ސްޓޭޖުގައި ޖަޕާނާއި ނެދަލެންޑްސް އެއްވަރުވި މެޗާއި ސްޕެއިނުން ޔުރުގުއާއީ ބަލިކުރި މެޗުގެ އިތުރުން ގަދަ 16ގެ ބުރުގައި ނޯވޭއިން ބްރެޒިލް ކަޓުވައިލި މެޗުގަ އެވެ.

އެ ތިން މެޗުގައި އޭނާ ވަނީ ޖުމްލަ ހަ ރީނދޫ ކާޑާއި އެއް ރަތް ކާޑު ދައްކާފަ އެވެ.

އެލްފާތު ހިމެނޭ ގޮތަށް އެމްއެލްއެސްގެ ތިން ރެފްރީން މިރޭ އިންގްލެންޑާއި އާޖެންޓީނާ މެޗަށް އައްޔަންކުރި ހިއްސާބުން އެ މެޗުގެ އިންސާފުވެރިކަމާ އެކު އެތައް ހާސް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މި މުބާރާތުގައި އެކަނި ވެސް ވެސް އާޖެންޓީނާ ކުޅުނު މެޗުތަކުގައި ސުވާލު އުފެދޭ އެތައް ނިންމުންތަކެއް ރެފްރީންގެ ފަރާތުން ވަނީ ފެނިފަ އެވެ.

ވޯލްޑް ކަޕްގައި އާޖެންޓީނާގެ ތާރީހަށް ބެލިޔަސް ގިނައިން ފެންނަން ހުރީ ސުވާލު އުފެދޭ ކަންކަމެވެ. އެ ޓީމުގެ ފުރަތަމަ ވޯލްޑް ކަޕް ތަށި 1978ގައި އުފުލާލި ފަހަރު އަމާޒުވި ރިޝްވަތު ދިނުމުގެ ތުހުމަތަކީ އޭގެ މިސާލެކެވެ.

އޭގެ ފަހުން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާގައި އާޖެންޓީނާގެ ތަރި ޑިއޭގޯ މެރެޑޯނާ އިންގްލެންޑު ކޮޅަށް އަތުން ޖެހި ގޯލު ވެސް އެ އޮތީ އެވެ. ދަނޑުމަތީގައި ހަމަނުޖެހުން އުފެއްދުމާއި މިހެން ގޮސް ކިތަންމެ މިސާލެއް ދެއްކިދާނެ އެވެ.

ރެފްރީންގެ ނިންމުންތައް ހުންނަ ގޮތުން ގަތަރު ވޯލްޑް ކަޕުން ފެށިގެން ގިނަ ބަޔަކު ސިފަކުރާ ގޮތުގައި އާޖެންޓީނާއަކީ ފީފާ އާއި ރެފްރީންގެ 'ލޯތްބާއި ރުހުން' ލިބިފައި އޮތް ޓީމެކެވެ.

އެހެންކަމުން ފުޓުބޯޅައިގެ ޒަމާންވީ ވާދަވެރިކަމެއް އޮތް އިންގްލެންޑާއި އާޖެންޓީނާ މިރޭ ސެމީގައި ބައްދަލުކުރާ މެޗަށް މެސީގެ 'ފޭވަރިޓް' ރެފްރީ އައްޔަން ކުރުމަކީ އެއްވެސް މީހަކު ކުޑަކޮށް ވެސް ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް