ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފްރާންސް ކޮޅަށް ޕެނެލްޓީ ވައްދާލުމަށް ފަހު މިކެލް އޮޔާޒަބަލް (21) އާއި އެހެން ކުޅުންތެރިން އުފާ ފާޅުކުރަނީ

ވޯލްޑް ކަޕް 2026

ފްރާންސްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި ސްޕެއިން ފައިނަލަށް

އެންމެ ފަހު ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ ދެ ލަނޑުގެ ލީޑެއްގައި އޮއްވާ ކީލިއަން އެމްބާޕޭ ދެއްކި ޖާދޫ ކަހަލަ ފެންވަރުގެ ފުޓްބޯޅައެއް ނުކުޅެވި ފްރާންސް ބަލިވީ 2-0 އިން
1 ގަޑިއިރު ކުރިން

އެންމެ ފަހު ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާއިން ދެ ލަނޑު ޖަހައި، ލީޑު ނަގާފައި އޮއްވާ ހެޓްރިކް ހަދާ ފްރާންސަށް ދިރުން ގެނެސްދިން ޖާދޫ ކަހަލަ ހުނަރެއް ކެޕްޓަން ކީލިއަން އެމްބާޕޭއަށް ވެސް ނުދެއްކި، ސްޕެއިން އަތުން 2-0އިން ބަލިވެ، ވޯލްޑް ކަޕްގެ ފައިނަލަށް ނުގޮސް ފްރާންސްގެ ދަތުރު މިރޭ ނިންމާލައިފި އެވެ.

މިއީ އެންމެ ފަހު ޔޫރޯގެ ޗެމްޕިއަން ސްޕެއިންއަށް ބޮޑު ކާމިޔާބީއެކެވެ. އަދި 2010ގައި  ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ހޯދި ފަހުން މުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި އޮތް ސެމީ ފައިނަލްގައި ފްރާންސް ކުޅުން ހުއްޓުވާލީ 22 ވަނަ މިނިޓްގައި ފްރާންސްގެ ދިފާއީ ކުޅުންތެރިޔާ ލޫކަސް ޑިނޭ، ޕެނެލްޓީ އޭރިޔާ ތެރެއިން ބޮލުން ޖަހާ ވެއްޓުނު ބޯޅައަށް ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް އަރަނިކޮށް އޭނާގެ ގައިގައި ހުސް ފައިން ޖެހިގެން ލިބުނު ޕެނެލްޓީ އެވެ.

އެ ޕެނެލްޓީ، އެއްވެސް ކުށެއް ނެތި، ރީތިކޮށް ވައްދާލީ މިކެލް އޮޔާޒަބަލް އެވެ.

އެހާ ހިސާބާ ޖެހެންދެން ވެސް އަދި އޭގެ ފަހުން ކުޅުނު 70 އަށް ވުރެ ގިނަ މިނިޓްގައި ފްރާންސް ފެނުނީ މި މުބާރާތުގައި އޭގެ ކުރިން އެ ޓީމުން ދެއްކި ކުޅުމާ ހަމަކޮށްލެވޭ ވަރުގެ ފެންވަރެއް ވެސް ނޫނެވެ.

ސްޕެއިންގެ ދިފާއީ އަދި މިޑްފީލްޑް ކުޅުންތެރިން މުޅި މެޗުގައި ފްރާންސްގެ ކުޅުން ހަލާކުކޮށްލި އެވެ. އެމްބާޕޭ އާއި އުސްމާނެ ޑެމްބަލޭ ފަރާތުން ވެސް ފެނުނީ މި ފެންވަރުގެ މެޗަކަށް ބަލާ ނަމަ ދަށް ކުޅުމެކެވެ. އެމްބާޕޭއަށް ރަނގަޅު އެންމެ ހަމަލާއެއް ވެސް ނުދެވުނެވެ. ޑެމްބަލޭއަށް ކިރިޔާ ހަމަލާއަކަށް ވާ ކަހަލަ ހަމަލާއެއް ދެވުނީ އެންމެ ފަހު މިނިޓްކޮޅުގަ އެވެ. ނަމަވެސް ސްޕެއިންއަށް ނުރައްކަލެއް ނެތި އެވެ.

ސްޕެއިންގެ ދެވަނަ ލަނޑު ޖެހީ 58 ވަނަ މިނިޓްގައި ޕެޑްރޯ ޕޯރޯ އެވެ. މިއީ އޭނާ ސްޕެއިންގެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑު ވެސް މެ އެވެ.

އެންމެ ފަހުން 2024ގައި އޮތް ޔޫރޯގެ ސެމީ ފައިނަލްގައި ވެސް ފްރާންސް ބަލިވީ ސްޕެއިން އަތުންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ސްޕެއިން އެވެ.

އެންމެ ފަހުން އޮތް ދެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނު ފްރާންސަށް މިރޭގެ މެޗުން މޮޅުވެވުނު ނަމަ ތާރީހަށް ވަންނާނީ ޖެހިޖެހިގެން ތިން ފައިނަލް ކުޅުނު ތިންވަނަ ގައުމުގެ ގޮތުގަ އެވެ. މީގެ ކުރިން އެގޮތަށް ޖެހިޖެހިގެން ތިން ފައިނަލްގައި ވާދަކުރީ ޖަރުމަން،  1982، 1986 އަދި 1990 އާއި ބްރެޒިލް، 1994، 1998 އަދި 2002 އެވެ.

ފައިނަލްގައި ސްޕެއިން ނުކުންނާނީ އާޖެންޓީނާ އާއި އިންގްލެންޑްގެ ސެމީ ފައިނަލުން މޮޅުވާ ބަޔަކާ ދެކޮޅަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް