ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގެ 112 ވަނަ މިނިޓްގައި އާޖެންޓީނާއަށް 2-1އިން ލީޑް ނަގައިދިން ރީތި ލަނޑު ޖެހި ހޫލިއަން އަލްވަރޭޒް (9)ގެ ފަހަތުން އާޖެންޓީނާގެ ކުޅުންތެރިން އުފާކުރަމުން ދުވަނީ

ވޯލްޑް ކަޕް 2026

ސްވިސް ބަލިކޮށް އާޖެންޓީނާއިން އިންގްލެންޑާ ދެކޮޅަށް، މެސީގެ އެއް ރެކޯޑަށް ނިމުން

ސްވިޓްޒަލެންޑް އެއްވަރުކުރި ލަނޑާ އެކު ދެއްކި ރަތް ކާޑުން ލިބުނު އެހީތެރިކަމުގެ ބޭނުން އާޖެންޓީނާއަށް ހިފުނީ އިތުރު ވަގުތުގައި ހޫލިއަން އަލްވަރޭޒްގެ ހިތްގައިމު، މޮޅު ލަނޑުން
53 މިނިޓު ކުރިން

ވޯލްޑް ކަޕްގައި ޖެހިޖެހިގެން މެޗުތަކުގައި ލަނޑު ޖަހަމުން އައި އައުން ލިއޮނެލް މެސީއަށް މިއަދު ދެމެހެއްޓޭނެ ގޮތް ނުވިޔަސް އިތުރު ވަގުތުގައި ހޫލިއަން އަލްވަރޭޒްގެ މޮޅު، ހިތްގައިމު ލަނޑުން މުބާރާތުގެ ސެމީ ފައިނަލަށް އާޖެންޓީނާ މިއަދު ގެންގޮސްދީފި އެވެ.

ތަށި ދިފާއުކުރުމުގެ މަރުހަލާގައި އެންމެ ދެ މެޗާ ކައިރިއަށް އާޖެންޓީނާ ދިޔައީ ކްއާޓާ ފައިނަލްގައި ސްވިޓްޒަލެންޑް 3-1 އިން ބަލިކޮށްފަ އެވެ. މޮޅުވި ދެ ލަނޑު އައީ، ފުރިހަމަ ވަގުތުގައި 1-1 އިން އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ފަހު ބައިގަ އެވެ.

އާޖެންޓީނާއަށް މި މެޗުގައި ލިބުނު އެންމެ ބޮޑު އެހީތެރިކަމަކީ، ފުރަތަމަ ހާފުގައި އެލެކްސިސް މެކް އެލިސްޓާ ޖެހި ލަނޑަށް ސްވިޓްޒަލެންޑުން 67 ވަނަ މިނިޓްގައި ރައްދު ދީ އެއްވަރުކުރިތާ މާ ގިނައިރެއް ނުވެ ބްރީލް އެމްބޮލޯއަށް ދެއްކި ރަތް ކާޑެވެ. އެ ކާޑާ ހަމައަށް އެންމެ ގިނަ ހަމަލާ އުފައްދައި، ގޯލަށް އެންމެ ގިނަ ބޯޅަ އަމާޒުކުރީ ވެސް ސްވިސް އެވެ. ނަމަވެސް 10 ކުޅުންތެރިންނަށް މަދުވުމުން، ދުނިޔޭގެ ޗެމްޕިއަން ކައިރީގައި ޖެހުނީ އެންމެން ފަހަތަށް ފައިބާށެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އަލްވަރޭޒްގެ ފުރަތަމަ ލަނޑު އޭނާގެ ހަނދާނުން ފޮހެވިގެން ނުދާނެ އެވެ. މެޗުގެ 112 ވަނަ މިނިޓްގައި ގޯލު އޭރިޔާގެ ބޭރުން އަރިމަތިން ފޮނުވާލި ބާރު ބޯޅަ އޮއްސުނީ ގޯލުގެ ކަނަށެވެ. މިއީ ވޯލްޑް ކަޕްގެ އެންމެ ރީތި ލަނޑުތަކުގެ ތެރެއިން އެއް ލަނޑެވެ.

އާޖެންޓީނާގެ ލީޑު 3-1އަށް ބަދަލުކޮށްލީ މެޗު އެއްވަރުކުރަން ސްވިޓްޒެލެންޑް ޓީމު ކުރިއަރާފައި ތިއްބާ ލިބުނު ފުރުސަތެއްގައި ލައުޓަރޯ މާޓިނޭޒް އެވެ.

މިއީ މި ވޯލްޑް ކަޕްގައި ލަނޑެއް ނުޖެހި މެސީއަށް ދަނޑުން ފައިބަން ޖެހުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ވޯލްޑް ކަޕްގައި ޖެހިޖެހިގެން ލަނޑު ޖެހުމުގެ ރެކޯޑް ނުވަ މެޗަށް ފަހު މިވަނީ ނިމިފަ އެވެ.

ކޭޕް ވާޑޭ ކޮޅަށް ލިއޮނެލް މެސީ ލަނޑު ޖަހަނީ

ވޯލްޑް ކަޕްގައި ޖެހިޖެހިގެން މެސީ ލަނޑު ޖެހި މެޗުތައް

ގަތަރު ވޯލްޑް ކަޕް 2022

  • އޮސްޓްރޭލިޔާއާ ދެކޮޅަށް، ގަދަ 16ގައި

  • ނެދަލެންޑްސްއާ ދެކޮޅަށް، ކްއާޓާ ފައިނަލްގައި

  • ކްރޮއޭޝިއާއާ ދެކޮޅަށް، ސެމީ ފައިނަލްގައި

  • ފްރާންސްއާ ދެކޮޅަށް، ފައިނަލްގައި

މިފަހަރުގެ ވޯލްޑް ކަޕް

  • އަލްޖީރިޔާއާ ދެކޮޅަށް ހެޓްރިކް، ގްރޫޕް ސްޓޭޖް

  • އޮސްޓްރިއާއާ ދެކޮޅަށް، ގްރޫޕް ސްޓޭޖް

  • ޖޯޑަންއާ ދެކޮޅަށް، ގްރޫޕް ސްޓޭޖް

  • ކޭޕް ވާޑޭއާ ދެކޮޅަށް، ގަދަ 32

  • މިސްރާ ދެކޮޅަށް، ގަދަ 16

ސެމީ ފައިނަލްގައި އާޖެންޓީނާ ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. މިގެ ކުރިން ދުވަހަކު ވެސް މި ދެ ގައުމު ސެމީ ފައިނަލްގައި ބައްދަލުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް