ބެލްޖިއަމްގެ ކީޕަރު ސެނޭ ލަމެންސް އަތުން ދޫވި ބޯޅަ ސްޕެއިންގެ މިކެލް މެރީނޯ (6) ގޯލަށް ވައްދާލަނީ

ވޯލްޑް ކަޕް 2026

މެރީނޯއަކީ އަޖައިބެއް ކަހަލަ ބަދަލު ކުޅުންތެރިއެއް

ރޭ ފަހު ވަގުތު ބެލްޖިއަމް ބަލިކުރަން ވެސް އަދި ގަދަ 16ގައި ޕޯޗުގަލް ބަލިކުރަން ވެސް ލަނޑު ޖަހައިދިނީ މިކެލް މެރީނޯ
1 ގަޑިއިރު ކުރިން

ފަހު ވަގުތު ނަތީޖާ ބަދަލުކޮށްލަދޭނެ ބަދަލު ކުޅުންތެރިޔަކަށް އެއްވެސް ކޯޗަކު އެދޭ ނަމަ އެއީ ސްޕެއިންގެ މިކެލް މެރީނޯ ކަމަށް މި އޮތީ ވެފަ އެވެ. ރޭ ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގެ 88 ވަނަ މިނިޓްގައި ބެލްޖިއަމް ކޮޅަށް ލަނޑު ޖަހައި، ސްޕެއިން ސެމީ ފައިނަލަށް ގެންގޮސް އެ ދިނީ މެރީނޯ އެވެ.

ބެލްޖިއަމްގެ ނަސީބު ވެސް ދެރައީ އެވެ. އެހެން ނޫން ނަމަ މި މުހިންމު މެޗުގެ ފަހު 20 މިނިޓަށް އެޅުމާ އެކު ކީޕަރު ޓިބޯ ކޯޓުއާއަށް އަނިޔާވެގެން ދަނޑުން ފައިބާކަށް ނުޖެހުނީ އެވެ. އޭނާ ރޮމުން ފޭބީ އެއީ ހަޔާތުގައި ވެސް ކިހާ މުހިންމު މެޗެއްކަން އެނގޭތީ އެވެ.

ބަދަލު ކީޕަރު ސެނޭ ލަމެންސްއަށް، މެޗުގެ 88 ވަނަ މިނިޓްގައި ހެދުނު ގޯސް، ބެލްޖިއަމްގެ ފުޓްބޯޅައިގެ ރަން ޖީލުގެ ވިދުން ގާތްގަނޑަކަށް ގެއްލުނީ އެވެ. ސްޕެއިންގެ ދިފާއީ ކުޅުންތެރިޔާ ޕޯ ކުބާސީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ލެމެންސްގެ އަތުގައި ޖެހިފައި ކުރިމައްޗަށް ވެއްޓުނު އިރު މެރީނޯ އެ ދިޔައީ އެ ބޯޅަ ހޯދަން ބާރަށް ދުވެފަ ވެ. އޭނާ ގޯލަށް ބޯޅަ ވައްދާލީ އެއްވެސް ކަހަލަ އައިބެއް ނެތި އެވެ. ނަތީޖާއަކީ 2-1އިން ސްޕެއިން މޮޅުވުމެވެ.

ދެ ޓީމުގެ ފުރަތަމަ ލަނޑު އައީ ފުރަތަމަ ހާފުގަ އެވެ. ލީޑު ނެގީ 30 ވަނަ މިނިޓްގައި ސްޕެއިންގެ ފަބިއަން ރޫއިޒް އެވެ. ބެލްޖިއަމުން އެއަށް ރައްދުދިނީ 41 ވަނަ މިނިޓްގައި ޗާލްސް ޑި ކެޓެލެއާ ބޮލުން ޖަހާ ވައްދާލި ރީތި ލަނޑުންނެވެ.

މިދިއަ ހަފުތާގައި އޮތް ގަދަ 16ގެ ވާދަކުރުމުގައި ޕޯޗުގަލް ކަޓުވާލި ހަމައެކަނި ލަނޑު 91 ވަނަ މިނިޓްގައި މެރީނޯ ޖެހީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރަ އެވެ. އެ މެޗުގައި އޭނާ އެރީ 85 ވަނަ މިނިޓްގަ އެވެ. ރޭ ދަނޑަށް ނުކުތީ 86 ވަނަ މިނިޓްގަ އެވެ. ލަނޑު ޖެހީ އޭގެ ދެ މިނިޓް ފަހުންނެވެ.

މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ސްޕެއިން ދިޔަ ދެވަނަ ފަހަރެވެ. އޭގެ ކުރިން 2010ގައި ސެމީއަށް ގޮސް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ.

މި ހާއްސަ ކާމިޔާބީގެ ފަހަތުގައި މެރީނޯގެ ވިދުން މި ފެނުނީ އާސެނަލްއަށް ކުޅެނިކޮށް މި އަހަރުގެ ޖެނުއަރީ މަހު ލިބުނު އަނިޔާއާ ހެދި ވޯލްޑް ކަޕްގައި ކުޅެވިދާނެތޯ ވެސް ސުވާލު އުފެދިފައި އޮއްވަ އެވެ. އޭނާ އެނބުރި ދަނޑަށް ނުކުތީ ވޯލްޑް ކަޕްގެ މަހެއްހާ ދުވަސް ކުރިންނެވެ.

އެކަމަކު އަހަރުގެ ބޮޑު ބައިގައި ނުކުޅެ ހުންނަން ޖެހުނަސް ސްޕެއިންއަށް މެރީނޯ ވަރުގެ ކުޅުންތެރިޔަކު ނެތެވެ. މިއީ ކޮންމެ ޓީމަކުން ވެސް ބޭނުންވާ ކަހަލަ ބަދަލު ކުޅުންތެރިއެކެވެ. އެކަން މިދިއަ ދެ މެޗުގައި އޭނާ އެވަނީ ސާބިތުކޮށްދީފަ އެވެ.

ސެމީ ފައިނަލްގައި ސްޕެއިން ނުކުންނާނީ ފްރާންސްއާ ދެކޮޅަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް