ވޯލްޑް ކަޕްގެ ކުއާޓަ ފައިނަލްގައި ފްރާންސް އާއި މޮރޮކޯ ބައްދަލުކުރި މެޗުގައި ފްރާންސަށް ލީޑު ނަގައިދިނުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ.
މޮރޮކޯ ކަޓުވާލުމަށް ފަހު ސެމީގެ ފުރަތަމަ ޖާގަ ފްރާންސަށް
ވޯލްޑް ކަޕްގެ ކުއާޓަ ފައިނަލުގައި މޮރޮކޯ ބަލިކުރުމަށް ފަހު ފްރާންސް ސެމީއަށް ދަތުރުކޮށްފި އެވެ.
ފްރާންސަށް މެޗުގެ ލީޑު ނަގަން ލިބުނު ފުރަތަމަ ރަނުގެ ފުރުސަތަކީ 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އެވެ.
އެކަމަކު އެމްބާޕޭ ޖެހި އެ ޕެނަލްޓީ، މޮރޮކޯގެ ކީޕަރު ބުއޯނޯ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ފްރާންސުން ވަނީ ކައިރިކައިރީގައި ދެ ގޯލު ޖަހާފަ އެވެ.
ފުރަތަމަ ގޯލު 60 ވަނަ މިނެޓުގައި އެމްބާޕޭ އެވެ. ޕެނަލްޓީ އޭރިއާގެ ވައަތް ފަރާތުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
އެ ގޯލާ އެކު އަނެއްކާ ވެސް އެމްބާޕޭ ވަނީ މި މުބާރާތުގައި 8 ގޯލު ހަމަކޮށް، ރަން ބޫޓު ރޭހުގެ އެއް ވަނައަށް ޖެހިލާފަ އެވެ. އޭނާގެ އިތުރުން މެސީ ވެސް ވަނީ މި މުބާރާތުގައި 8 ގޯލު ޖަހާފަ އެވެ.
އޭގެ ހަ މިނެޓު ފަހުން އެމްބާޕޭ ފަހިކޮށްދިން ފުރުސަތެއްގައި ފްރާންސަށް ލީޑު ފުޅާކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ.
ފްރާންސުން ސެމީގައި ކުޅޭނީ ހުކުރު ދުވަހުގެ ރޭ ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
ބްރެކެޓުގެ އަނެއް ފަޅިން ކުއާޓަގައި ކުޅޭނީ އިންގްލެންޑާއި ނޯވޭ އަދި އާޖެންޓީނާ އާއި ސުވިޒަލެންޑެވެ.
ކޮމެންޓް