އާޖެންޓީނާގެ ރެފްރީ ފަކުންޑޯ ޓެލޯ: ވޯލްޑް ކަޕްގައި މިރޭ ފްރާންސާއި މޮރޮކޯގެ މެޗުގެ ރެފްރީކަން ކުރާނީ ޓެލޯ

ވޯލްޑް ކަޕް 2026

މިރޭ ފްރާންސް-މޮރޮކޯ މެޗަށް ހުސް އާޖެންޓީނާގެ ރެފްރީން

މި ފަހަރުގެ ވޯލްޑް ކަޕްގެ ބައެއް ނަތީޖާއާ މެދު އާންމުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައި. ބައެއް މީހުން ރެފްރީންނާ މެދު ތުހުމަތުތައް ވެސް ކުރޭ
2 ގަޑިއިރު ކުރިން

ފަހު ވަގުތު އާޖެންޓީނާ މޮޅުވުމާ އެކު މިސްރުން އުފެއްދީ ތުހުމަތުތަކެވެ. މިސްރުގެ ފުޓްބޯލް އެސޯސިއޭޝަނުން އެންމެ ފަހުން ފީފާއަށް މައްސަލައެއް ހުށައަޅައި، އެ މެޗުގެ ރެފްރީން ދެން ވޯލްޑް ކަޕްގެ މެޗަކަށް ނާރުވަން ވެސް އެދުނެވެ.

ފީފާ އާއި ރެފްރީންގެ ބައެއް ނިންމުންތަކާ ހެދި އާންމު އެތައް ބައެއްގެ ތެރޭގައި ވޯލްޑް ކަޕްގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދި، ހޫނު ބަހުސްތައް މިވަނީ ފެށިފަ އެވެ. ގިނަ މީހުން ހިޔާލު ފާޅުކުރަނީ ދަނޑު މަތީގައި އަސްލު ހިނގާ ކަންކަން ނުވެސް އެނގި އެވެ. އެކަމަކު ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ ޒަމާނަކަށް ވުމާ އެކު، މައުލޫމާތު ހުރެގެން ވާހަކަ ދައްކާ މީހެކޭ އެއްވެސް މައުލޫމާތެއް ނެތި ޖަޒުބާތުގައި އެއްޗެހި ލިޔާ މީހެކޭ ތަފާތެއް ނެތެވެ.

އާޖެންޓީނާ އާއި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް ފީފާ އާއި ރެފްރީން އެހީތެރިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގައި އޮއްޓަރު ހުރި ހެއްކެއް ނެތް ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕް މާޒީވާނީ އިތުބާރު ކުޑަ މުބާރާތެއްގެ ގޮތުގަ އެވެ. ފީފާއިން އެކަމާ މެދު ނުވެސް ވިސްނަ އެވެ.

މިރޭ ފްރާންސާއި މޮރޮކޯގެ މެޗަށް ފީފާއިން ކަނޑައެޅީ މުޅިން ވެސް އާޖެންޓީނާގެ ރެފްރީންނެވެ. އެގޮތުން:

  • ރެފްރީ: ފަކުންޑޯ ޓެލޯ

  • އެސިސްޓެންޓް ރެފްރީ 1: ހުއާން ޕެބްލޯ ބެލައްޓީ

  • އެސިސްޓެންޓް ރެފްރީ 2: ގެބްރީލް ޗާޑް

  • ފޯތު އޮފިޝަލް: ޑާރިއޯ ހެރޭރާ

  • ރިޒާވް އެސިސްޓެންޓް ރެފްރީ: ކްރިސްޓިއަން ނަވާރޯ

މީގެ އިތުރުން މިރޭ ވީއޭއާރު ބަލަހައްޓަން ތިބީ ވެސް އާޖެންޓީނާގެ ރެފްރީންނެވެ. މިއީ މި ފަހަރުގެ މުބާރާތުގެ މެޗެއްގެ އޮފިޝަލުންނަށް އެއް ގައުމަކަށް ނިސްބަތްވާ މީހުން ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

މި ނިންމުމާ މެދު ފާޑުކިޔާ މީހުންގެ ނަޒަރުގައި މިއީ، ފައިނަލަށް ހިނގައްޖެ ނަމަ އާޖެންޓީނާއަށް ފަސޭހަކުރަން ފްރާންސް ކަޓުވާލުމުގެ ނިޔަތުގައި ކުރާ ކަމެކެވެ. ނަމަވެސް ވޯލްޑް ކަޕްގެ މެޗުތަކަށް އޮފިޝަލުން ހަމަޖައްސަނީ އެއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި ވިސްނައި، އެ މީހުންގެ ފެންވަރާއި އިންޓަގްރިޓީ ވެސް ޔަގީންކޮށްފަ އެވެ.

ވޯލްޑް ކަޕް މެޗުތަކަށް ރެފްރީން ކަނޑައަޅަނީ އެކަމަށް ހާއްސަ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ އިސް ވެރިޔަކީ ކުރީގެ މަޝްހޫރު ރެފްރީ ޕިއެރްލުއިޖީ ކޮލީނާ އެވެ.

ވޯލްޑް ކަޕްގެ ރެފްރީޒް ކޮމިޓީގެ އިސް ވެރިޔާ ޕިއެރްލުއިޖީ ކޮލީނާ

ރެފްރީން ކަނޑައަޅާއިރު ވަރަށް ގިނަ ކަންކަމަށް ވިސްނަ އެވެ. މިސާލަކަށް އިނގިރޭސި ދެ ރެފްރީން ކަމަށްވާ މައިކަލް އޮލިވާ އާއި އެންތަނީ ޓޭލާއަށް އާޖެންޓީނާގެ އެއްވެސް މެޗަކުން ޖާގަައެއް ނުލިބޭނެ އެވެ. ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އާޖެންޓީނާ އާއި އިނގިރޭސިންނާ ދެމެދު 1982ގައި ހިނގި ފޯކްލޭންޑްސް ހަނގުރާމަ އެވެ. އާޖެންޓީނާއިން ދައުވާކުރަނީ ފޯކްލޭންޑަކި އާޖެންޓީނާގެ ބައެއް ކަމަށެވެ. ނަމަވެސް އެ ހަނގުރާމައިގައި އާޖެންޓީނާ އަމާންދިނެވެ. ފޯކްލޭންޑްސް އަދިވެސް އޮންނަނީ އިނގިރޭސިންގެ ދަށުގަ އެވެ.

އެ ހިޔާލު ތަފާތުވުން ހުރީ ތާޒާކޮށެވެ. އެހެންކަމުން އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ވޯލްޑް ކަޕް މެޗެއްގައި އިނގިރޭސި ނުވަތަ އާޖެންޓީނާ ރެފްރީއަކަށް ފުރުސަތެއް ނޯންނާނެ އެވެ.

ހަމަ މި އުސޫލު އީރާނުގެ މެޗުތަކަށް ވެސް ގެންގުޅެ އެވެ. އީރާނުގެ މެޗަކަށް އެމެރިކާގެ ރެފްރީއެއް ނުވަތަ އެމެރިކާގެ މެޗަކަށް އީރާނުގެ ރެފްރީން ހަމައެއް ނުޖައްސާނެ އެވެ.

ވޯލްޑް ކަޕްގައި އެއަށް ވުރެ ފުޅާކޮށް ވެސް ވިސްނަ އެވެ. އެގޮތުން ރެފްރީން ނިސްބަތްވާ ގައުމު ވޯލްޑް ކަޕްގައި ކުރިއަށް ދާ މިސްރާބުގައި ހުރި މެޗުތަކަށް ވެސް އެ ރެފްރީން ނުނަގަ އެވެ. މިސާލަކަށް ސްވިޒަލެންޑާއި އާޖެންޓީނާ ކުޅޭ ކްއާޓާ ފައިނަލް މެޗަށް އިނގިރޭސި ނުވަތަ ނޯވޭގެ ރެފްރީއެއް ވެސް ނާރުވާނެ އެވެ. އެއީ އެ މެޗުން މޮޅުވާ ޓީމަކާ ސެމީ ފައިނަލްގައި، އިންގްލެންޑް ނުވަތަ ނޯވޭ ބައްދަލުކުރުމުގެ ފުރުސަތު އޮތީމަ އެވެ.

ބްރެޒިލް އާއި ނޯވޭ ބައްދަލުކުރި މެޗުގައި ނޭމާ ޕެނެލްޓީ ވައްދާލުމަށް ފަހު ނޯވޭގެ ކީޕަރާ ދިމާއަށް އެއްޗެކޭ ބުނުމުން ރެފްރީ މައްސަލަ ހައްލުކުރަނީ: މިއީ ރެފްރީންނަށް ޕްރެޝަރު ބޮޑު މުބާރާތެއް

ރެފްރީން ކަނޑައަޅަނީ ވަރަށް ގިނަ ކަންކަމާ މެދު ވިސްނާފައި ނަމަވެސް އާންމުންގެ ހިޔާލު ތަފާތެވެ. އެހެންވެ ފީފާގެ ރެފްރީޒް ކޮމިޓީގެ ނިންމުންތަކުގައި ވަކި ކޮޅެއް ނެގުމުގެ ވިސްނުން ނެތަސް އާންމު ހިޔާލު ތަފާތުވުން ބޮޑު ހާލަތެއްގައި އެކަމުން މުބާރާތް ސަލާމަތްކުރަން މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް، ތަޖުރިބާކާރުން ވެސް ދެކެ އެވެ.

އެ ނަޒަރުން ބަލާ ނަމަ މިރޭގެ މެޗުގެ ހުރިހާ އޮފިޝަލުންނަށް އާޖެންޓީނާގެ ރެފްރީން ނުލުން ފިފާއަށް ވެސް، މުބާރާތާ މެދު އާންމުންގެ މެދުގައި އޮތް އިތުބާރު ބޮޑުކުރަން ވެސް، މުހިންމެވެ.

މިރޭގެ ރެފްރީ ޓެލޯއަކީ ވަރަށް މޮޅު އަދި އެހާމެ އިތުބާރު ވެސް ބޮޑު ރެފްރީއެކެވެ. މިއީ ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގައި ޖެހިޖެހިގެން އޭނާ ރެފްރީކަން ކުރާ ދެވަނަ ފަހަރެވެ. ނަމަވެސް  މެޗުގައި ހިނގާ ކުޑަކުޑަ ކަމަކުން ކުޅިބަލާ ނުވަތަ ޓީމުތަކަށް ސަޕޯޓްކުރާ މީހުންނަށް ހީވަނީ އެއީ ފީފާއިން އަޑީގައި އޮވެގެން ގަސްދުގައި ކުރާ ކަމެއްހެންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް