މިސްރުގެ ކޯޗު ހުސާމް ހަސަން މެޗެއް ތެރޭގައި ޓީމަށް އިރުޝާދު ދެނީ

ވޯލްޑް ކަޕް 2026

މިސްރުގެ ކޯޗު ބުނަނީ "ކުޑަވެގެން ކުޅިވަރުގައި އިންސާފު އޮތް ނަމަ" ދޯއޭ

އާޖެންޓީނާ އަތުން މިސްރު ބަލިވީ ރެފްރީގެ ބޭއިންސާފުން ކަމާއި އޭގެ ސަބަބަކީ ދުނިޔޭގެ ޗެމްޕިއަނުން މި މުބާރާތުން ކަޓައިގެން ދިޔަނުދީ ހިފެހެއްޓުން ނުވަތަ ލިއޮނެލް މެސީއަށް ފޭވާކުރުން ކަމަށް ބުނި
1 ގަޑިއިރު ކުރިން

މެޗުން ބަލިވި ގޮތުން ހަގީގަތުގައި ވެސް މިސްރުގެ ހިތްހަލާކުވެއްޖެ އެވެ. އެއީ ވޯލްޑް ކަޕް ކަހަލަ ތަދު މުބާރާތެއްގެ އެކަހަލަ ވަރުގަދަ މެޗެއްގައި ބަލިވުން އެންމެ ހިތްދަތި ގޮތް ވެސް މެ އެވެ.

މެޗު ނިމެން 11 މިނިޓަށް ވެފައި އޮތް އިރު ވެސް މިސްރު 2-0އިން ކުރީގަ އެވެ. އެކަމަކު އެންމެ 15 މިނިޓް ތެރޭގައި އާޖެންޓީނާއިން ނަތީޖާ ބަދަލުކޮށްލީ 2-3އަށެވެ.

މިސްރު ޓީމަށް މައްސަލައަކީ ނަތީޖާއެއް ނޫނެވެ. ނަތީޖާ ނުކުތް ގޮތެވެ. ކޯޗު އަދި މިސްރަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ހުސާމް ހަސަން ބުނަނީ މުޅިން ވެސް އޮތީ ބޭއިންސާފު ކަމަށެވެ.

"ދަނޑު މަތީގަ އާއި ދަނޑުން ބޭރުގައި ވެސް ސުވާލު އުފެދޭ އެތައް ކަމެއް ހިނގައިފި،" މެޗަށް ފަހު ވާހަކަ ދައްކަމުން ހަސަން ބުންޏެވެ.

"ވަށައިގެން އޮތީ މުޅިން ވެސް ގޯސް ކަންތައް. މިއީ އިތުބާރު ނެތްކަމުގެ މައްސަލައެއް."

އޭނާގެ ނަޒަރުގައި ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުން ކަޓައިގެން ދާން ފީފާއިން ބޭނުންނުވަނީ އެވެ. ނުވަތަ ދަނޑު މަތީގައި އަބަދު މެސީ ބަހަައްޓަން ބޭނުންވަނީ އެވެ.

"ހުރިހާ ލެވެލްްއެއްގައި ވެސް ދުނިޔޭގެ ޗެމްޕިއަނުންނަށް އޮތީ އެހީތެރިކަން. މި ނަތީޖާ ނުކުތީ އާޖެންޓީގެ ޓީމުގެ ޕްރެޝަރުގައި،" ހަސަން ބުންޏެވެ.

ރޭގެ މެޗުގައި މިސްރުގެ ރަމީ ރާބިއާ (5) އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހުއްޓުވަން މަސައްކަތް ކުރަނީ

ޝަކުވާތައް އޮއްސަމުން އޭނާ ވަނީ ބައެއް މިސާލުތައް ދައްކައިފަ އެވެ. އެގޮތުން އާޖެންޓީނާގެ ޕެނެލްޓި އޭރިޔާ ތެރެއަށް ކެޕްޓަން މުހައްމަދު ސަލާހު ވައްޓާލުމެވެ. އެއީ ޕެނެލްޓީއެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެކަމަކު ކުޑަވެގެން ވީއޭއާރުން ޗެކްކޮށްލަން ވެސް ފްރާންސްގެ ރެފްރީ ފްރާންސިސް ލެޓެޒެއާ ބޭނުމެއް ނުވި އެވެ.

ފުރަތަމަ ހާފުގައި މުސްތަފާ ޒިކޯ ޖެހި ލަނޑު ލަނޑަކަށް ނުބެލީ، އެ ލަނޑަށް ހަމަލާ އުފައްދަން ބޯޅަ ލިބުނީ އާޖެންޓީނާގެ ލިސަންދްރޯ މާޓިނޭޒްއަށް، މިސްރު ހާފުގެ ނިމޭ ކޮޅުން، މަރުވާން އަދިޔާ ފައުލްކުރުމުންނެވެ. އެކަން ނިންމީ ވީއޭއާރު ބަލައިގެންނެވެ.

އާޖެންޓީނާއިން އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ތިން ވަނަ ލަނޑު ޖެހީ، ސަލާހު ވައްޓާލައިގެން ލިބުނު ބޯޅައިން އުފެއްދި ހަމަލާގަ އެވެ. އެކަމަކު ވީއޭއާރު ބަލައިގެން ގޮތެއް ނިންމާފައެއް ނުވެ އެވެ.

"އަހަރެމެންނަށް ލިބެން ޖެހޭ ޕެނެލްޓީއެއް (ނުދިން). ކުޑަވެގެން ވީއޭއާރުން ޗެކް ވެސް ނުކޮށްލާ. އަހަރެމެންގެ ދެވަނަ ލަނޑު، ކޮންމެ ސަބަބަކާ ހެދި ނަމަވެސް، ލަނޑަކަށް ނުހެދި،" ހަސަން ބުންޏެވެ.

"އަހަރެމެން އެންމެންނަށް ވެސް ފެންނާނެ (އެލެކްސިސް މެކް އެލިސްޓާ) ޖާޒީއަށް ހިފާ ދެމިތަން. ވީއޭއާރުން ޗެކެއް ނުކުރޭ."

އޭނާ ސުވާލުކުރީ ކުޑަވެގެން ކުޅިވަރުގައި އިންސާފުވެރިކަން ނެތީ ކީއްވެގެން ހެއްޔޭ ކިޔައިފަ އެވެ.

މިސްރަށް ކުރިމަތިމި މި ހިތާމަޔާ އެކު ވެސް މިއީ އެ ގައުމަށް އެންމެ ކާމިޔާބު ވޯލްޑް ކަޕެވެ. އޭގެ ކުރިން ތިން ފަހަރަށް ވޯލްޑް ކަޕްގައި ކުޅުނު އިރު އެންމެ މެޗަކުން ވެސް މޮޅުވެފައެއް ނުވެ އެވެ. އެކަމަކު މިފަހަރު ގްރޫޕުން ދެވަނަ ހޯދައި، ގަދަ 32އަށް ދިޔަ އެވެ. ނޮކްއައުޓް އެ ބުރުގައި އޮސްޓްރޭލިޔާ ބަލިކޮށް ގަދަ 16އަށް ދަތުރުކޮށް އާޖެންޓީނާ ބަލިކުރުމާ ގާތަށް ޖެހިލި ވެސް މެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް