ޕޯޗުގަލް ވޯލްޑް ކަޕުން ކެޓުމާ އެކު ހިތާމައިގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ގައިގައި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބައްދާލައި، ހިތްވަރު ދެނީ: މިއީ ކުޅިވަރުގެ ރީތި މިސާލެއް

ވޯލްޑް ކަޕް 2026

ހައްގީ ޝުކުރާއި ތައުރީފު، މަލާމާތާއި ހަސަދައެއް ނޫން

ކުޅުންތެރިން އެކަކު އަނެކަކަށް ދެނީ ހިތްވަރު، ކުރަނީ ތައުރީފް، އާކޮށްދެނީ އުއްމީދު. އެކަމަކު ސަޕޯޓަރުން އުފައްދަނީ ނަފުރަތާއި ހަސަދަވެރިކަން
1 ގަޑިއިރު ކުރިން

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީއާ ދެމެދު، އާއެނކެވެ، ވަރަށް ބޮޑު ވާދަވެރިކަމެއް އޮވެ އެވެ. އެކަމަކު އެއީ ޒާތީ ވާދަވެރިކަމެއް ނޫނެވެ. ފުޓްބޯޅާގައި އެކަކަށް ވުރެ އަނެކަކު މޮޅުވުމާއި އެކަކަށް ވުރެ އަނެކަކުގެ ކާމިޔާބީ ގިނަކުރުމެވެ.

ކުޅިވަރުގެ ކިލަނބުކަމެއް ނެތް ވާދަވެރިކަން ހަސަދައިގެ ރުޅިއެއްގެ ގޮތުގައި މި ނަގަނީ ސަޕޯޓަރުންނެވެ. ނޫސްވެރިންނެވެ. މި ޒަމާނުގައި ސޯޝަލް މީޑިއާގެ ހަރަކާތްތެރިންނެވެ.

މަޝްހޫރު ތަފާތު ކުޅުންތެރިންނަށް ސަޕޯޓްކުރާ މީހުން ވާދަވެރި އަނެއް ކުޅުންތެރިޔާއާ ބެހޭ ގޮތުން ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ފަތުރަ އެވެ. ފުޓްބޯޅަ ދަނޑުގައި އެ ކުޅުންތެރިން އެ ދައްކާ ހިތްގައިމު ހުނަރުގެ އަގުވަޒަންކުރުމެއް ނޯވެ އެވެ. އެކަމަކު އަހަރެމެން އެންމެން ހިތްހަމަޖައްސަނީ އެ ރީތި ހުނަރު ބަލައިގެންތާ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ކުޅުންތެރިން އެއްބަޔަކު އަނެއް ބަޔަކާ މެދު ގެންގުޅޭ ހަމަ އާއި އުސޫލު ސާބިތުކޮށްދީފި އެވެ. މިސާލަކަށް ބްރެޒިލް ކަޓުވާލި ނޯވޭގެ މެޗެވެ. ފުޓްބޯޅައިގެ އެންމެ މަތީ ރީތި، ނަލަ ހުނަރުން ފުރިފައި ހުރި ނޭމާ، ޕެނެލްޓީ ޖަހާފައި ނޯވޭގެ ކީޕަރަށް އެއްލި ބަސް، އޭނާގެ ކާމިޔާބު ޕެނެލްޓީއަށް ވުރެ ބޮޑުވި އެވެ.

7 ޖުލައި 2026 - ނޯވޭ އަތުން ބްރެޒިލް 2-1 އިން ބަލިވެ ގަދަ 16އިން ކެޓި މެޗަށް ފަހު ނޯވޭގެ އާލިން ހާލޭންޑް އިންޓަވިއުގައި ހުއްޓާ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއަ ގޮވާލުމުން، އޭނާގެ ގައިގައި ބައްދާލަނީ: މި ހުންނަނީ ކުޅިވަރުގެ ނަމޫނާ މަންޒަރުތައް

ކުޅުމުގެ ތެރޭގައި ނޯވޭގެ ކެޕްޓަން މާޓިން އޮޑެގާޑް އާއި ނޭމާއާ ދެމެދު ހިނގި ދެތިން ސިކުންތުގެ ކުރިމަތިލުން މެޗުގެ މޮޅު ކުޅުމަށް ވުރެ ފާހަގަކުރި އެވެ. އެކަމަކު ދަނޑު މަތީގައި ހިނގާ އެފަދަ ކަންކަން އެ ކުޅުންތެރިންގެ ހިތުގައި ގިނަ ފަހަރަށް، ބޮޑު މައްސަލައެއްގެ ގޮތުގައި، ނުބާއްވަ އެވެ.

ނޭމާ އާއި ނޯވޭގެ ކެޕްޓަން މާޓިން އޮޑެގާޑް ބައްދާލައިގެން: މެޗު ތެރޭގައި ދެ ކުޅުންތެރިންގެ ދެމެދު ހިނގި ކުޑަ ހަމަނުޖެހުން މެޗަށް ފަހު ހަނދާނެއް ނެތް

މެޗު ނިންމާފައި އޮޑެގާާޑް ކައިރިއަށް ގޮސް ނޭމާ އޭނާގެ ގައިގައި ބައްދާލި މަންޒަރު އެ ހުރީ ފެންނާށެވެ. އޮޑެގާޑް އޭނާގެ ބައެއް ކުޅުންތެރިންނާ އެކު ބޮނޑިވެގެން އުޅުނު ވަގުތު ނޭމާ ގޮސް އޭނާ ދުރަށް ޖައްސާލާފައި ބައްދާލީ އެވެ. އޮޑެގާޑް ވެސް އެފަދަ އެވެ.

ޕޯޗުގަލްގެ ފުރަތަމަ 11އަށް ރޮނާލްޑޯ އަރާތީ ވެސް އެތައް ބަޔަކު ފާޑުކިޔެވެ. އޭނާގެ މަޝްހޫރުކަމާއި ނުޒޫފުގައި ނަމަވެސް އޭނާ ވޯލްޑް ކަޕް އެ ނިންމާލީ، ފުރަތަމަ 11ގައި ކުޅެފަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އަލްޖީރިޔާ ކޮޅަށް ހެޓްރިކް ހެދުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އުފާ ފާޅުކުރަނީ: ކޮންމެ ތަރިއެއްގެ ކުޅުމަށް ވެސް އޮއްސުން އާދޭ

އޭނާ ބޭނުންވި ނަތީޖާ ނުލިބުނަސް ފުޓްބޯޅައިން ޕޯޗުގަލްއަށް އޭނާގެ ފަރާތުން ހޯދައިދިން މަޝްހޫރުކަމާއި ކާމިޔާބު، އެހެން އެއްވެސް ކުޅުންތެރިޔަކާ ނުބައްދަލެވެ. 

ސްޕެއިން އަތުން ބަލިވެ މުބާރާތުން ކެޓުމުން، ސްޕެއިންގެ ކުޅުންތެރިން، ރޮނާލްޑޯގެ އަގުވަޒަންކުރީ ހިތްވަރުދީގެންނެވެ. ޒުވާން ތަރި ލަމީން ޔަމާލް ރޮނާލްޑޯގެ ގައިގައި ބައްދާލައިގެން ކީ އަލްވަދާއު، ކިހާ ރީތި ހެއްޔެވެ؟

ޕޯޗުގަލް ކެޓުމުން ކެޕްޓަން ކްރިސްޓީއާނޯ ރޮނާލްޑޯ ހިތާމައިގައި. މިފަދަ ދަނޑިވަޅުތަކުގައި އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ހިތްވަރުދޭ

މި މެޗުގެ ކުރިން ޔަމާލް ބުނެފައި ވަނީ ރޮނާލްޑޯއާ އެކު ކުޅުމަކީ ޝަރަފެއް ކަމަށެވެ. ދަނޑު މަތީގައި ދެ ކުޅުންތެރިންގެ ދެމެދު ހިތްހަމަނުޖެހުންތަކެއް ހިނގައިފާނެ އެވެ. އެކަމަކު މެޗަށް ފަހު އޮންނަނީ އެކެއްގެ ފަރާތުން އަނެކަކަށް ހިތްވަރުދިނުމެވެ.

ބްރެޒިލް ކޮޅަށް ދެ ލަނޑު ޖެހި އާލިން ހާލޭންޑް ހުރީ މެޗު ނިންމާފައި ގޮސް ލައިވް އިންޓަވިއު ދޭށެވެ. އަރިމަތިން އައިސް އޭނާއަށް އަތް ދިއްކޮށްލަނީ ބްރެޒިލްގެ ޒުވާން ތަރި ވިނީޝިއަސް ޖޫނިއާ އެވެ. އިންޓަވިއު މެދުކަނޑާލާފައި ހާލޭންޑް ގޮސް އޭނާގެ ގައިގައި ބައްދާލައި، ސަލާންކޮށްލަނީ އެވެ.

ނޭމާއަށް ވޯލްޑް ކަޕް ނުލިބި ކުޅުމާ ދުރަށް ދާން ޖެހުމުން ފާޑުކީ މީހުންނާ ފްރާންސްގެ ކުރީ ތަރި ތިއަރީ އޮންރީ މުޅިން ތަފާތެވެ. އޮންރީ ބުނީ އޭނާގެ ހިތުގައި ނޭމާއަށް އޮތީ އިހުތިރާމާއި ގަދަރު ކަމަށެވެ. އެ ކުޅުންތެރިޔާގެ ކެރިއަރުގައި ދެއްކި ހިތްގައިމު ފުޓްބޯޅައަކީ ޖާދުލެއް ކަމަށާއި އޭނާއަށް ތައްޓެއް ނުލިބުމަކީ އެ ހިތްގައިމުކަމަށް އަންނަ އުނިކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

ނޭމާ އާއި މެސީ ޕީއެސްޖީއަށް ކުޅުނު އިރު އުފާ ފާޅުކުރަނީ: މި ފެންވަރުގެ ތަރިންގެ މެދުގައި އޮންނަނީ ކުޅިވަރުގެ ވާދަ، ޒާތީ ވާދަވެރިކަމެއް ނޫން

"އޭނާގެ ކުޅުން ނިންމާލި ގޮތާ މެދަކު ވެސް ނޫން ނުވަތަ އޭނާއަށް ތައްޓެއް ނުލިބިގެން އެކަމާ މެދަކު ވެސް ނޫން ވިސްނަންވީ. ސަޕޯޓަރުން ހަނދާންކުރަންވީ ދަނޑު މަތީގައި އޭނާ އެ ގެނެސްދިން ޖާދޫ،" އޮންރީ ބުންޏެވެ.

މިރޭ އާޖެންޓީނާގެ ލިއޮނެލް މެސީ އާއި މިސްރުގެ މުހައްމަދު ސަލާހު، އެކަކު އަނެކަކާ ކުރިމަތިލާނެ އެވެ. ޔަގީނުން ވެސް ކޮންމެވެސް އެއް ތަރިޔަކު ދަނޑުން ފައިބާނީ ހިތާމައިގަ އެވެ.

މިއީ ވޯލްޑް ކަޕެވެ. އަހަރެމެންނަށް މި ފެންނަނީ އެންމެ މަތީ ފެންވަރުގެ ތަރިންނެވެ. ފުޓްބޯޅައިން އެތައް މިލިއަން އިންސާނުންގެ ފޫހިފިލުވައިދޭ ހުނަރުވެރިންނެވެ. އެކަކު އަނެކެއްގެ ފަރާތުން ހިތްވަރާއި އުއްމީދު ހޯދަމުން އަންނަ ކުޅިވަރު ބަތަލުންނެވެ.

އެ މީހުންނަށް އަހަރެމެން ކުރަންވީ މަލާމާތެއް ނޫނެވެ. މެޗެއްގައި ހިނގާ ކުޑަކުޑަ ކަމަކުން އެ މީހުންގެ މުޅި ކެރިއަރުގެ ބުރަ މަސައްކަތް ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އެ ކުޅުންތެރިންނާ މެދު ހިތުގައި އޮންނަން ޖެހޭނީ ތައުރީފާއި ޝުކުރެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް