ސަސްޕެންޝަންގައި ހުއްޓާ ޓްރަމްޕުގެ ނުފޫޒުން ބެލްޖިއަމްއާ ދެކޮޅަށް ކުޅެން އެރުވި އެމެރިކާގެ ފޮލަރިން ބަލޮގުން.
ޓްރަމްޕުގެ ކޯލުން ރަތް ކާޑު ބާތިލުކޮށްގެން ވެސް އެމެރިކާ ކަޓައިފި
ކުޅިވަރުގެ ތަޖުރިބާކާރެއް ކަމަށް ދައުވާ ކުރައްވާ އެމެރިކާގެ ރައީސް ޑޮނާލްަޑް ޓްރަމްޕު ވިދާޅުވާ ގޮތުގައި މެޗަކަށް ނުކުންނައިރު ޓީމެއްގެ އެންމެ މޮޅު ކުޅުންތެރިން ތިބެންވާނެ އެވެ. އެމެރިކާގެ ގައުމީ ފުޓުބޯޅަ ޓީމަށް ބަލައިފި ނަމަ އެއީ ވޯލްޑް ކަޕްގައި އެ ޓީމަށް އެންމެ ގިނަ ގޯޅު ޖެހި ފޮލަރިން ބަލޮގުން އެވެ.
އެކަމަކު އޭނާ ހުރީ ގަދަ 32ގެ ބުރުގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކައި، ގަދަ 16ގެ މެޗަށް ސަސްޕެންޑުކޮށްފަ އެވެ. އުސޫލެއްގެ ގޮތުން ރޭ ބެލްޖިއަމްއާ ދެކޮޅަށް އެމެރިކާއިން ނުކުތް މެޗުގައި އޭނާއަށް ކުޅެވިގެން ނުވާނެ އެވެ.
ނަމަވެސް ޓްރަމްޕު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފޯނުން ގުޅުއްވައި ބަލޮގުންއަށް ކުޅެވޭ ގޮތް ހަމަޖައްސައިދޭން އެދިވަޑައިގަތުމާ އެކު ފީފާއިން ވަނީ އުސޫލުތައް އެއްފަރާތްކޮށްފަ އެވެ. އެ ރަތް ކާޑަށް އަމަލުކުރުން އެއް އަހަރަށް ފަސްކޮށްދިނުމާ އެކު އެމެރިކާއިން މެޗަށް އެރީ ބަލޮގުންއާ އެކީގަ އެވެ.
އެކަމަކު ޓްރަމްޕަށް ވެސް ނުފޫޒު ފޯރުވައިގެން ނުކުރެވުނު ކަމަކީ އެމެރިކާ މޮޅުކޮށްދިނުމެވެ.
ގަދަ 16ގެ އެ މެޗުގައި އެމެރިކާއަށް ކުރިމަތިވީ ހިތްދަތި ބައްޔެކެވެ. ބެލްޖިއަމްއިން އެމެރިކާ ކޮޅަށް ހަތަރު ގޯލު ވައްދާލިއިރު، އެމެރިކާއަށް ރައްދު ދެވުނީ އެންމެ ގޯލަކުންނެވެ.
މި މުބާރާތުގައި އެމެރިކާއަށް ތިން ގޯލު ޖަހައިދިން ބަލޮގުންއަށް، ބެލްޖިއަމް ކޮޅަށް ގޯލެއް ނުޖެހުނެވެ.
މެޗުގެ ހުލާސާ:
-
މެޗުގެ 9 ވަނަ މިނެޓުގައި ބެލްޖިއަމްއަށް ލީޑު ނަގައިދިނީ ޝާލް ޑި ކެޓަލަަރާ
-
ލިބުނު ހިލޭ ޖެހުމަކުން މާލިކް ޓިލްމަން ވަނީ 31 ވަނަ މިނެޓުގައި އެމެރިކާއަށް ނަތީޖާ ހަމަހަމަކޮށްދީފައި
-
އޭގެ ދެ މިނެޓު ފަހުން އަނެއްކާ ވެސް ޑި ކެޓަލަރާ ވަނީ ގޯލެއް ޖަހައި، ބެލްޖިއަމްއަށް ލީޑު އިޔާދަކޮށްދީފައި
-
ބެލްޖިއަމްގެ ފަހު ދެ ގޯލު ޖެހީ 57 ވަނަ މިނެޓުގައި ހާންސް ވަނަކެން އާއި 91 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ
ކުއާޓަ ފައިނަލްގައި ބެލްޖިއަމްއިން ނުކުންނާނީ ރޭ ޕޯޗުގަލް އަތުން ހަނިގޮތަކަށް މޮޅުވި ސްޕެއިންއާ ދެކޮޅަށެވެ.
ކޮމެންޓް