ބްރެޒިލް ބަލިކުރަން ދެ ލަނޑު ވެސް ޖަހައިދިން އާލިން ހާލޭންޑް އޭނާގެ ވަރުގަދަކަން ދައްކާލަނީ
ނޯވޭ ކުއާޓާއަށް؛ ފަސް ތަރީގެ ބްރެޒިލް އެނބުރި ގައުމަށް
ފުޓުބޯޅައިގައި ބްރެޒިލްއަކީ ގަދަ ބާރެކެވެ. ވޯލްޑް ކަޕްގެ ތަށި ފަސް ފަހަރު އުފުލައިލި ހަމައެކަނި ޓީމެވެ.
އެކަމަކު ނޯވޭ ބަލިކުރުމަކީ ބްރެޒިލްއަށް މިހާތަނަށް ކުރެވުނު ކަމެއް ނޫނެވެ. ރަހުމަތްތެރިކަމެއްގެ މެޗެއްގައި ވިޔަސް، ވާދަވެރި މެޗެއްގައި ވިޔަސް އެކަމެއް ނުވެ އެވެ. ރޭ ކުޅުނު ވޯލްޑް ކަޕްގެ ގަދަ 16ގެ މެޗުގައި ވެސް ތަކުރާރުވީ ހަމަ އެ މަންޒަރެވެ.
ފަސް ތަރީގެ ބްރެޒިލް ކަޓުވާލުމަށް ފަހު ކުއާޓާ ފައިނަލަށް ދަތުރުކުރީ ނޯވޭ އެވެ. ތަރިއަކީ ވަރުގަދަ ފޯވަޑް އާލިން ހާލޭންޑެވެ. ފަހު 11 ވަނަ މިނިޓްގައި ޖަހާލި ދެ ލަނޑުން ބްރެޒިލް ރޮއްވާލީ އެވެ.
މެޗު ފެށި ގޮތަށް ނޯވޭއިން ބްރެޒިލްގެ ގޯލު ފޫއަޅުވާލި އެވެ. އެކަމަކު ބްރެޒިލް ސަލާމަތްވީ އެ ގޯލަށް ފަހިކޮށްދިން ނޯވޭ ކުޅުންތެރިޔާ އޮފްސައިޑު ވުމުންނެވެ.
ބްރެޒިލްއިން ލީޑު ނަގަން ކުރި މަސައްކަތުން މެޗުގެ 12 ވަނަ މިނެޓުގައި ޕެނަލްޓީއެއް ހޯދި އެވެ. އެކަމަލު ބްރޫނޯ ގީމަރޭސް ޖެހި ޕެނަލްޓީ، ނޯވޭގެ ކީޕަރު އޮރްޖާން ނީލަންޑް ވަނީ މަތަކޮށްފަ އެވެ.
ޕެނަލްޓީ މަތަކުރުމުގެ އިތުރަށް ވެސް ނީލަންޑް ވަނީ ބްރެޒިލްގެ ނުރައްކާތެރި ހަމަލާތައް އެތައް ފަހަރަކު ހުއްޓުވާފަ އެވެ.
ނޯވޭއިން މެޗުގެ ލީޑު ނެގީ 79 ވަނަ މިނެޓުގަ އެވެ. ބްރެޒިލްގެ ޕެނަލްޓީ އޭރިއާ އަރިމަތިން ނަގައިދިން ހުރަހަކުން އައި ބޯޅައެއް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ހާލެންޑް ފޮނުވާލީ ބޮލުން ޖަހަ އެވެ.
ބްރެޒިލްގެ ވޯލްޑް ކަޕް އުންމީދުތައް ފުނޑުފުނޑުވީ މެޗުގެ 90 ވަނަ މިނެޓުގަ އެވެ. ރެފްރީގެ ކަށިގަނޑަކުން ނޫނެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން ހާލެންޑު ޖެހި ދެވަނަ ލަނޑުންނެވެ.
ނަމަވެސް މެޗު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއެއްގައި ނޭމާ ވަނީ ބްރެޒިލަށް ސުން ކަނޑުވައިދީފަ އެވެ. ގޯލު ޖެހުމަށް ފަހު ވެސް ނޭމާ މަސައްކަތް ކުރީ ނޯވޭގެ ކީޕަރާ ޒުވާބުކޮށް، ހަމަނުޖެހުން އުފެއްދޭތޯ އެވެ.
މިއީ ނޭމާގެ ފަހު ވޯލްޑް ކަޕެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 67 ވަނަ މިނިޓްގައި އަރާ ޖެހި ލަނޑާ އެކު އޭނާއަކީ ޕެލޭއަށް ފަހު ހަތަރު ވޯލްޑް ކަޕްގައި ލަނޑު ޖެހި ބްރެޒިލްގެ ހަމައެކަނި ކުޅުންތެރިޔާ އެވެ. މީގެ ކުރިން ލަނޑު ޖެހީ 2014 ،2018 ،2022ގެ ވޯލްޑް ކަޕްގަ އެވެ.
ބްރެޒިލްގެ މައްޗަށް ނޯވޭއިން ހޯދި މި މޮޅަކީ އެ ޓީމަށް ތާރީހީ މޮޅެކެވެ. ސަބަބަކީ މިއީ ނޯވޭ މި މުބާރާތުގެ ކުއާޓާއަށް ދަތުރުކުރި ފުރަތަމަ ފަހަރަށް ވުމެވެ.
ރޭގެ ނަތީޖާއަކީ މީގެ 28 އަހަރު ކުރީގެ ނަތީޖާ އަނެއްކާވެސް ތަކުރާރުވުމެވެ.
އެގޮތުން މިއީ ވޯލްޑް ކަޕްގައި ބްރެޒިލް އާއި ނޯވޭ ބައްދަލުކުރި ދެ ވަނަ ފަހަރެވެ. ވޯލްޑް ކަޕް 1998ގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ވެސް ނޯވޭއިން ކާމިޔާބުކުރީ 2-1އިންނެވެ.
މި މެޗުގައި ހާލޭންޑް ޖެހި ދެ ގޯލާ އެކު މި މުބާރާތުގައި ހަތް ލަނޑު ހަމަކޮށް، ރަން ބޫޓުގެ ރޭހުގައި އޭނާ ވަނީ ލިއޮނެލް މެސީ އާއި ކީލިއަން އެމްބާޕޭއާ އެއްވަރުކޮށްފަ އެވެ.
ކޮމެންޓް