ޕެރަގުއޭ ކޮޅަށް ޕެނެލްޓީއަކުން ލަނޑު ޖެހުމަށް ފަހު ކެޕްޓަން ކީލިއަން އެމްބާޕޭ

ވޯލްޑް ކަޕް 2026

ޕެރަގުއޭއިން ކުރިމަތިކުރުވީ އުނދަގޫ، އެކަމަކު ފްރާންސް މޮޅުވެ ކްއާޓާ ފައިނަލުން ޖާގަ ހޯދައިފި

ޕެނެލްޓީ ކާމިޔާބުކޮށް ކީލިއަން އެމްބާޕޭ ޖެހި ލަނޑުގެ އަދަދު ހަތަކަށް އަރުވާ، ލިއޮނެލް މެސީއާ ވަނީ އެއްވަރުކޮށްފައި
1 ގަޑިއިރު ކުރިން

މެޗުގެ 70 ވަނަ މިނިޓާ ހަމައަށް ޕެރަގުއޭގެ ރޭވުން ކާމިޔާބެވެ. މުޅި ޓީމު ފަހަތުގައި ނަގިލި ލައިގެން ތިބެ، ފްރާންސް ހުއްޓުވި އެވެ. އެ ފާރު، ކެޕްޓަން ކީލިއަން އެމްބާޕޭއަށް ވެސް މުގުރައެއް ނުލެވުނެވެ.

އެކަމަކު ފަހު ހާފުގައި ކުޅެން އެރުވި ޑިޒިރޭ ޑޫއޭ ތިން ކުޅުންތެރިން ކައިރިން ކަޓުވާފައި ޕެނެލްޓީ އޭރިޔާ ތެރެއިން ގެންދިޔަ ބޯޅަ ހުއްޓުވަން އޭނާ ވައްޓާލުމުން ލިބުނު ޕެނެލްޓީއަކީ ފްރާންސްގެ ނަސީބެވެ. އެ ޕެނެލްޓީ ދިނީ ވީއޭއާރު ބަލައިގެންނެވެ.

ޕެނެލްޓީ ވައްދާލީ އެމްބާޕޭ އެވެ. އެ ލަނޑާ އެކު އޭނާ މި މުބާރާތުގައި ޖެހި ލަނޑުގެ އަދަދު ވަނީ ހަތަކަށް އަރައިފަ އެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ވެސް ހަމަ އެވަރުގަ އެވެ.

ފްރާންސަށް ލަނޑުތަކެއް ޖެހޭ ވަރަށް ވުރެ ޕެރަގުއޭގެ ދިފާއީ ކުޅުން މާ ވަރުގަދަ އެވެ. ފްރާންސްގެ ވަކިވަކި ހުނަރުވެރިންނަށް ވެސް ޕެރަގުއޭއަށް ބޭނުންހާ ގޮތެއް ހެދިޔަކަ ނުވެސް ދިނެވެ. ގިނަ ހަމަލާތައް ބޭކާރުވީ ގޯލަށް އަމާޒުނުވެ އެވެ.

އެކަމަކު އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި، 68،000އަށް ވުރެ ގިނަ މީހުންގެ ކުރިމަތިގައި، ކުޅުނު މުޅި މެޗަށް ބަލާ ނަމަ މިއީ އެއްފަރާތަށް މާ ބޮޑަށް އަރިއަޅައިލި މެޗެކެވެ. މިސާލަކަށް ފްރާންސުން 568 ޕާސް ފުރިހަމަކުރި އިރު ޕެރަގުއޭއަށް އެންމެ 183 ޕާހެވެ.

އެމްބާޕޭގެ ލަނޑަކީ ވޯލްޑް ކަޕްގައި އޭނާގެ 19 ވަނަ ލަނޑެވެ. އަދި ވޯލްޑް ކަޕްގައި ފްރާންސްގެ 150 ވަނަ ލަނޑު ވެސް މެ އެވެ. އެ އަދަށް ވުރެ ގިނައިން ލަނޑު ޖަހާފައި ވަނީ ބްރެޒިލް، 246 ލަނޑާއި ޖަރުމަނާއި އާޖެންޓީނާ، 243 ލަނޑެވެ.

ކްއާޓާ ފައިނަލްގައި ފްރާންސް ނުކުންނާނީ ކެނެޑާ ބަލިކޮށް ކްއާޓާ ފައިނަލަށް ދިޔަ މޮރޮކޯއާ ދެކޮޅަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް