ކެނެޑާ ކޮޅަށް ދެ ލަނޑު ޖަހައި މޮރޮކޯ ކްއާޓާ ފައިނަލަށް ގެންގޮސްދިން އަޒަދީން އޮނާހީ (މ) ލަނޑަށް ފަހު އުފާ ފާޅުކުރަނީ
ފަހު ހާފުގެ ތިން ލަނޑުން މޮރޮކޯ ކްއާޓާ ފައިނަލަށް
ކެނެޑާ މިހާރު ވެސް އޮތީ ވޯލްޑް ކަޕްގައި އަމިއްލަ ރެކޯޑެއް، ފުރަތަމަ ފަހަރަށް، ގަދަ 16އަށް ގޮސްގެން ހަދައިފަ އެވެ. އެކަމަކު މޮރޮކޯއަށް މޮޅެއް ނޫން މިންވަރެއް ނުފުދެ އެވެ. ފުރަތަމަ ހާފުގައި މާޔޫސްކަމެވެ. ހޯދީ ހަތަރު ރީނދޫ ކާޑެވެ.
ނަމަވެސް ފަހު ހާފުގައި މޮރޮކޯއިން ބޭނުންވި ކަންތައް 50 ވަނަ މިނިޓްގައި އަޒަދީން އޮނާހީ ޖެހި ފުރަތަމަ ލަނޑުން ފުދުނެވެ. އޭގެ ފަހުން 82 ވަނަ މިނިޓްގައި އޭނާގެ ދެވަނަ ލަނޑުން ކްއާޓާ ފައިނަލް ޔަގީންކޮށްދިނެވެ. އެހާ ހިސާބަކުން ނުނިމެ އެވެ. އިތުރު ވަގުތުގައި ސުފިޔާން ރަހީމީ ލަނޑު ޖަހައި، ކެނެޑާއަށް ދެން އަތުނުވާ ހިސާބަށް ނަތީޖާ ބަދަލުކޮށްލި އެވެ.
މޮރޮކޯ ދެ ލަނޑު ޖަހަން ބްރަހީމް ޑިއާޒް ދެ ފުރުސަތު ހޯދައިދިނެވެ. މި މުބާރާތުގައި އޭގެ ކުރިން ދެ ލަނޑު ޖަހަން އޭނާ ދިން ދެ ޕާހާ އެކު ޖުމްލަ ހަތަރު ފުރުސަތަކީ ވޯލްޑް ކަޕްގައި އެފްރިކާގެ ކުޅުންތެރިޔަކަށް ރެކޯޑެކެވެ.
މުޅި މެޗުގައި އަށް ރީނދޫ ކާޑު ދެއްކި އެވެ. ފުރަތަމަ ހާފުގެ ހަ ރީނދޫ ކާޑަކީ އެ ހާފުގައި ދެ ޓީމުން ގޯލަށް ދިން ހަމަލާއަށް ވުރެ ގިނަ އަދަދެކެވެ.
މޮރޮކޯއަކީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލަށް ދިޔަ އެފްރިކާގެ ފުރަތަމަ ޓީމެވެ.
ކޮމެންޓް