އޮސްޓްރޭލިޔާގެ ގޯލްޑްކޯސްޓް މެރެތަންގެ ހާފު މެރެތަންގައި ދުވެ، ރާއްޖޭގެ ގައުމީ ޓީމުގެ ޕޫލަށް އަރާނެ ވަގުތަށް ދުވި އައިޝަތު ރިޝްމާ (އިއްތި) ރޭހުގެ ކުރިން ބިބްއާ އެކު
ރިޝްމީއަކީ ގަދަ ހިތްވަރެއް، ގައުމީ ޕޫލަށް އަރާ މިންވަރަށް ހާފް މެރެތަން ދުވެފި
އައިޝަތު ރިޝްމީ (އިއްތި)ގެ ތަމްރީންތައް ފެނިއްޖެ ނަމަ އޭނާއަކީ ހިތްވަރުގަދަ ދުވުންތެރިއެއްކަން ނޭނގި ނުދާނެ އެވެ. އޮސްޓްރޭލިޔާގެ ގޯލްޑްކޯސްޓް މެރެތަންގައި ހިމެނޭ ހާފް މެރެތަން އޭނާ އެ ނިންމީ އެ ހިތްވަރުގައި ގޮސް ރާއްޖޭގެ ގައުމީ ޕޫލުން ޖާގަ ވެސް ލިބޭހާ އަވަހަށެވެ.
އުމުރުން 40 އަހަރުގެ ރިޝްމީ ރޭސް ނިންމީ 1 ގަޑި 30:23 މިނިޓުންނެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ކަނޑައަޅާފައި އޮންނަ އުސޫލުން ނަމަ އަަންހެން ހާފް މެރެތަންގައި 1 ގަޑި 30:30 މިނިޓުން ދުވެފި ނަމަ ގައުމީ ޕޫލްގައި ހިމެނި އޭނާއަކީ ސަރުކާރުން މުސާރަ ދޭ އެތުލީޓުންގެ ލިސްޓަށް ވެސް އަރާނެ އެވެ.
ރިޝްމީއަކީ ދިގު ދުވުމުގައި މިވަގުތު ރާއްޖެއިން ނެގެން ތިބި އަންހެން އެންމެ ބާރު ދުވުންތެރިންގެ ތެރެއިން އެކެކެވެ. ނަމަވެސް އޭނާ ދުވަން ފެށީ ގައުމީ ފެންވަރުގެ ޒުވާން ދުވުންތެރިން ގޮތަށް އެންމެ ޒުވާން އުމުރަކު ވެސް ނޫނެވެ.
ދުވުމުގެ ތެރެއަށް މީގެ 10 ވަރަކަށް އަހަރު ކުރިން ވަދެ، ދެން ރިޝްމީގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ޑިސިޕްލިންއަކާއި ހިތްވަރެކެވެ. އޭގެ ފޮނި ނަތީޖާ ވެސް އެންމެ ފަހުން މި ފެންނަނީ އެވެ.
ރިޝްމީ މި ފަހުން ވަނީ ކަކުލުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އެކަމަކު އެ އޮޕަރޭޝަނަށް ފަހު، ދިގު ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)ގެ ކޯޗުކަމުގެ ދަށުން އަލުން ދުވަން ނުކުމެ ފެށި ތަމްރީންތަކާ އެކު އޭނާގެ ދުވުން ވަނީ ކުރިއަށް ވުރެ ވެސް ބާރުވެފަ އެވެ. މިސާލަކަށް މީގެ ހަތަރު ކުރިން ބެންގަލޫރުގައި އޮތް ހާފް މެރެތަންގައި ދުވެ ރޭސް ނިންމީ 1 ގަޑި 47:48 މިނިޓުންނެވެ.
މިއަދު އޭނާ އެވަނީ އެ ވަގުތަށް ވުރެ 18 މިނިޓްގެ އަވަސްކަމެއް ހާފް މެރެތަންގައި ގެނެސްފަ އެވެ. މިއީ އުމުރާ އަޅާބަލާއިރު ވެސް ރިޝްމީއަށް ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މިއަދުގެ ރޭހުގައި ރިޝްމީގެ އުމުރު ފުރައިގައި 542 ދުވުންތެރިން ދުވި އިރު އޭނާގެ މަގާމަކީ 13 އެވެ.
ކޮމެންޓް