ގްރޫޕް ސްޓޭޖްގައި މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ (ކ) އާއި ބްރެޒިލްގެ ކެޕްޓަން މާކީނިއޯސް ބޯޅައަށް ވިސްނައިގެން

ވޯލްޑް ކަޕް 2026

މިރޭގެ މެޗުން މޮރޮކޯ މޮޅުވުމުގެ ފުރުސަތު %51.8ގައި

ގަދަ 16ގެ ފުރަތަމަ މެޗަށް ކެނެޑާ އާއި މޮރޮކޯ ނުކުންނަ އިރު މިހާތަނަށް ދެ ޓީމު ކުޅުުނު އެއްވެސް މެޗަކުން ކެނެޑާ މޮޅުވެފައެއް ނުވޭ
59 މިނިޓު ކުރިން

ވޯލްޑް ކަޕްގެ ގަދަ 16ގެ މެޗުތައް މިރޭ ފަށައިދޭ ކެނެޑާ އާއި މޮރޮކޯ މެޗުން މޮޅުވުމުގެ ވަރަށް ބޮޑު ފުރުސަތުތަކެއް މޮރޮކޯއަށް އެބަ އޮތެވެ.

އޮޕްޓާގެ ސުޕަ ކޮމްޕިއުޓަރުން 25،000 ފަހަރު، މި ދެ ޓީމު ލައްވާ ކުޅުވައިގެން ނަތީޖާ ނުކުންނަ ގޮތް ބެލިއިރު، މޮޅުވުން ކައިރީ، މި ބުރުގައި އެފްރިކާ ތަމްސީލުކުރާ ދެ ޓީމުގެ ތެރެއިން އެއް ޓީމު ކަމަށްވާ މޮރޮކޯ އެވެ. އޮޕްޓާއިން މޮރޮކޯއަށް %51.8 ދެ އެވެ.

މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއަށް ފުރުސަތު އޮތީ %21.7 އަށެވެ. އެއަށް ވުރެ މި މެޗު އެއްވަރުވުމުގެ ފުރުސަތު ވެސް މައްޗެވެ. އެގޮތުން މެޗު އެއްވަރުވާން އޮތް ފުރުސަތު ލަފާކުރަނީ %26.5ގަ އެވެ.

މޮރޮކޯއަކީ އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު ޓީމެކެވެ. އެފަހަރުގެ ޓީމަށް ވުރެ މިހާރު ވާދަކުރާ ޓީމު ހުރިހާ ގޮތަކުން ވެސް މޮޅެވެ. ދުނިޔޭގެ ކޮންމެ ފެންވަރެއްގެ ޓީމަކާ ދެކޮޅަށް ވެސް، ވަރުގަދަ ވާދައެއް ދެވިދާނެ ފެންވަރު އެބަ ހުއްޓެވެ.

މިހާތަނަށް މި ދެ ގައުމު ހަތަރު ފަހަރު ވާދަކޮށްފައިވެ އެވެ. އެއް މެޗު އެއްވަރުވެ، އަނެއް ތިން މެޗުން މޮޅުވީ މޮރޮކޯ އެވެ. އޭގެ ތެރޭގައި 2022ގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި 2-1އިން ކެނެޑާ ބަލިވުން ހިމެނެ އެވެ.

ކެނެޑާ ނިސްބަތްވާ ކޮންކަފާ ސަަރަހައްދުގެ އެއްވެސް ޓީމެއްގެ އަތުން މިހާތަނަށް މޮރޮކޯ ބަލިވެފައެއް ނެތެވެ. މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މޮރޮކޯ ވަނީ ކޮންކަފާއިން ވޯލްޑް ކަޕަށް ކޮލިފައިވި ހައިޓީ 4-2 އިން ބަލިކޮށްފަ އެވެ.

އެކަމަކު ކެނެޑާއަކީ ވެސް މޮޅު ޓީމެކެވެ. ހާއްސަކޮށް ބޯޅަ ހިފަހައްޓައިގެން ކުޅުމާއި ހަލުވިކޮށް ކުޅުންގަނޑު ބަދަލުކޮށްލާ ގޮތް ވެސް ރަނގަޅެވެ. އެހެންކަމުން މިރޭގެ މެޗުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ދެ ޓީމުން ވެސް ކުޅެގަންނާނީ ދާދި އެއްހަމައެއްގައި ކަމަށް، ލަފާކުރެ އެވެ.

މިސާލަކަށް މިރޭގެ މެޗު އެއްވަރުވެ ޕެެނެލްޓީއާ ހަމައަށް ހިނގައްޖެ ނަމަ ވުން އެކަށީގެންވަނީ ކޮން ގޮތެއް ހެއްޔެވެ؟ އެ ހާލަތުގައި ވެސް ކެނެޑާއަށް އޮތް ފުރުސަތު ކުޑަ ކަމަށް ދައްކަ އެވެ. ސަބަބަކީ ޕެނެލްޓީ ކާމިޔާބުކުރުމުގައި މޮރޮކޯގެ ތާރީހެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް