އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކޭޕް ވާޑޭގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ބައި ކޮޅަށް ލަނޑު ވަންނަނީ

ވޯލްޑް ކަޕް 2026

ބަލިވިޔަސް ކޭޕް ވާޑޭއިން އާޖެންޓީނާއަށް ކުޅިދައްކާލައިފި

މެޗުގެ ކުރީކޮޅު ލިއޮނެލް މެސީ ލަނޑެއް ޖަހައި ކުރި ހޯދިޔަސް، ދެ ފަހަރަށް ފަހަތުން އަރާ އެއްވަރުކޮށް، އިތުރު ވަގުތުގެ ދެ ހާފަށް ކުޅުން ގެންގޮސް ކޭޕް ވާޑޭއިން އުނދަގޫތައް ކުރިމަތިކުރުވި
49 މިނިޓު ކުރިން

މެޗުގެ 29 މިނިޓްގައި ލިއޮނެލް މެސީގެ ލަނޑުން ކޭޕް ވާޑޭގެ މައްޗަށް ފަސޭހަ މޮޅެއް ހޯދޭނެ ކަމަށް އާޖެންޓީނާގެ ސަޕޯޓަރުންނަށް ހީވެދާނެ އެވެ. ނަމަވެސް ދެން އައި ކޮންމެ ވަގުތެއްގައި ކޭޕް ވާޑޭއިން ދެއްކީ ހިތްވަރާއި ފެންވަރާއި ގޮތްދޫނުކުރުމެވެ.

ދެވަނަ ހާފުގައި ޑިރޯއީ ޑޯޓޭ ލަނޑެއް ޖަހައި، އެފްރިކާއިން އަލަށް ވޯލްޑް ކަޕްގައި ކުޅެން ފެށި، އެންމެ ބައި މިލިއަން މީހުންގެ އާބާދީއެއް އޮތް، ގައުމުން އާޖެންޓީނާއަށް ސިހުން ގެނެސްދިނެވެ.

އެހާ ހިސާބުން ދެން އެ ޓީމުގެ ދިފާއު ފޫ އަޅުވާލައި، ގޮތެއް ހެދުމުގެ ފުރުސަތު، ހަތް ލަނޑާ އެކު މި މުބާރާތުގެ ރަން ބޫޓާ އެންމެ ކައިރީގައި ހުރި މެސީއަކަށް ވެސް ނުދިނެވެ. ދާން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފަށެވެ.

މިފަހަރު އަނެއްކާވެސް އާޖެންޓީނާ ކުރި ހޯދީ އެހާމެ އަވަހަށެވެ. ދެވަނަ މިނިޓްގައި ލިސެންދްރޯ މާޓިނޭޒް ލަނޑެއް ޖަހާލި އެވެ. 

އެހާ ހިސާބުން ކޭޕް ވާޑޭގެ ކުޅުންތެރިންގެ ހިތްވަރު ވެސް ގަދަވީ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން 103 ވަނަ މިނިޓްގައި ލޯޕޭޒް ކެބްރަލްގެ ލަނޑުން، މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ބޮޑު ހައިރާންކަމާ ދިމާއަށް މެޗު އެނބުރުނީތޯ އެތައް ބައެއްގެ ހިތަށް އަރާނެ އެވެ.

އެހާ ހިސާބުން މެޗު ނިމެން ދިޔައީ ޕެނެލްޓީއާ ދިމާލަށެވެ. ނަމަވެސް ތަށި ދިފާއުކުރުމުގެ އަޒުމުގައި އޮތް އާޖެންޓީނާއިން އެހެން ވިޔަކަ ނުދިނެވެ. މެސީ ނެގި ރީތި ކޯނަރެއްގައި ކޭޕް ވާޑޭގެ ޑިނޭ ބޯގެސްގެ ބޮލުގައި ޖެހިފައި ބައި ކޮޅަށް ވަން ލަނޑުން، 3-2 އިން އާޖެންޓީނާ މޮޅުކޮށްދިނެވެ.

ހަގީގަތުގައި ކޭޕް ވާޑޭއިން އާޖެންޓީނާއަށް ކުޅިދައްކާލީ އެވެ. ވޯލްޑް ކަޕަކީ އާދަޔާ ހިލާފު ނަތީޖާތައް ނެރެވިދާނެ މުބާރާތެއްކަން ދުނިޔެއަށް ހާމަކޮށްދިނީ އެވެ. ހިތްވަރާއި ފަންވަރުގެ ވާދަކުރުމެއްކަން އަންގައިދިނީ އެވެ.

ގަދަ 16ގައި އާޖެންޓީނާ ނުކުންނާނީ ރޭ ޕެނެލްޓީ ޖަހައިގެން އޮސްޓްރޭލިޔާ ބަލިކުރި މިސްރާ ދެކޮޅަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް