ކްރޮއޭޝިއާ ކޮޅަށް ކްެރިސްޓިއަނޯ ރޮނާލްޑޯ ޕެނެލްޓީން ލަނޑު ޖަހަނީ
ޕެނެލްޓީ ޖަހަމުން ރޮނާލްޑޯ ބިސްމިﷲ ކިޔުމުން މުސްލިމް ސަޕޯޓަރުން އުފަލުން
ރޭ ފަތިހު ކްރޮއޭޝިއާއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި 81 މިނިޓް ވަންދެން ދަނޑު މަތީގައި ހުރިއިރު ވެސް ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޭރިޔާ ތެރެއިން ބޯޅާގައި ފައިން ޖެހުނީ އެންމެ ފަހަރަކު އެވެ: މެޗުގެ 68 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީ އެވެ.
މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި ރޮނާލްޑޯއަށް މިހާތަނަށް ނުވެ އޮތް، ލަނޑެއް ޖެހުމުގެ އުފާ ހޯދަން ލިބުނު ރަނުގެ ފުރުސަތެކެވެ. އެ ޕެނެލްޓީ ޖެހުމުގެ ކުރިން މަޑުމަޑުން 'ބިސްމިﷲ'އޭ ދެ ފަހަރަކު ކީކަން، ވީޑިއޯއިން އެނގެ އެވެ. އެހެންވެ ޕެނެލްޓީ ކާމިޔާބުކޮށް ރޮނާލްޑޯއަށް ލިބުނު އުފަލާ އެއްވަރަށް މުސްލިމް ސަޕޯޓަރުން ވެސް އެކަމާ އުފާކުރި އެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރޮނާލްޑޯގެ އެ ހަރަކާތް އެކި މީހުން އަންނަނީ ހިއްސާކުރަމުންނެވެ.
Did Ronaldo recite Bismillāh before taking a penalty for Portugal? pic.twitter.com/t4Nt6WinS4
— • (@Alhamdhulillaah) July 3, 2026
ރޮނާލްޑޯއަކީ ޔޫރަޕްގެ ލީގުތައް ދޫކޮށް ސައުދީ ޕްރޮ ލީގަށް ބަދަލުވި ފަހުން ސައުދީގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އެހެންކަމުން މުސްލިމުންގެ އާދަތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ.
މިއީ ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕެވެ. އެކަމަކު ޕޯޗުގަލް ކުޅުނު ނޮކްއައުޓް އެއްވެސް މެޗެއްގައި އޭނާއަށް މިއަދު ނޫނީ ލަނޑެއް ނުޖެހެ އެވެ. އެއީ ކްރޮއޭޝިއާގެ ޕެނެލްޓީ އޭރިޔާ ތެރޭގައި މުޅި މެޗުގައި އޭނާއަށް ބޯޅައެއްގައި ޖެހުނު ހަމައެކަނި ފަހަރު ވެސް މެ އެވެ. އެކަމަކު އެ ލަނޑުގެ ކުރިން އޭނާ ކުޅުނު ވޯލްޑް ކަޕް ނޮކްއައުޓް މެޗުތަކުގައި ޖުމްލަ 31 ހަމަލާ، އިދިކޮޅު ގޯލުތަކަށް ފޮނުވާލި އެވެ.
ރޮނާލްޑޯއަކީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި އުމުރުން 41 އަހަރުގައި މިހާތަނަށް ކުޅުނު ހަމައެކަނި ކުޅުންތެރިޔާ ވެސް މެ އެވެ.
މިއީ މައްސަލަ ބޮޑުވި މެޗެކެވެ. ކްރޮއޭޝިއާ ފުރަތަމަ ލީޑު ނަގާފައި އޮއްވާ ރޮނާލްޑޯ އެއްވަރުކޮށްދިނެވެ. ޕޯޗުގަލް މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިޔާ ގޮންކާލޯ ރާމޯސްގެ ލަނޑުންނެވެ.
އިތުރު ވަގުތުގެ 13 ވަނަ މިނިޓް، 13+90ގައި، މާރިއޯ ޕަސަލިޗް ލަނޑެއް ޖެއްސެވެ. ނަމަވެސް ވީއާރުއޭއިން ގިނަ އިރު ވަންދެން ޗެކްކުރުމަށް ފަހު ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ގަދަ 16ގައި ޕޯޗުގަލް ވާދަކުރާނީ ސްޕެއިންނާ، 6 ޖުލައިގަ އެވެ.
ކޮމެންޓް