އެމެރިކާގެ ފޮލަރިން ބަލޮގުން ލަނޑަކަށް ފަހު އުފާ ފާޅުކުރަނީ: ގަދަ 32 ގައި ބޮސްނިއާ ކޮޅަށް ލަނޑު ޖެހި ފަހުން ކުރި ފައުލްއަކާ ގުޅިގެން ރަތް ކާޑު ދެއްކި

ވޯލްޑް ކަޕް 2026

ބަލޮގުން މިއަދު ވީ ޒިދާނަށް، ލަނޑު ޖަހާފައި ރަތް ކާޑެއް

ބޮސްނިޔާ އަތުން 2-0 އިން މޮޅުވި މެޗުގައި ލަނޑު ޖަހާފައި ބަލޮގުން ހޯދި ރަތް ކާޑުގެ ސަބަބުން ގަދަ 16ގެ މުހިންމު މެޗު އޭނާއަށް ގެއްލޭނެ
1 ގަޑިއިރު ކުރިން

ބޮސްނިއާ ހާޒެގޮވީނާ ކޮޅަށް ފުރަތަމަ ހާފުގެ ފަހުކޮޅު ފޮލަރިން ބަލޮގުން ލަނޑު ޖަހައި، އެމެރިކާގެ އުއްމީދު ބޮޑުކޮށްދިނެވެ. އެއީ 2002ގެ ވޯލްޑް ކަޕަށް ފަހު ނޮކްއައުޓް ބުރެއްގެ މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވުމުގެ އުއްމީދެވެ. އެވެސް އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ.

ބަލޮގުންއަކީ މިހާރު ވެސް އެމެރިކާގައި ތަރިއެކެވެ. މެޗުގެ 45 ވަނަ މިނިޓްގައި ބޮސްނިއާ ކޮޅަށް ޖެހި ލަނޑާ އެކު ލިބުނު އިތުބާރުގައި އެމެރިކާއިން ދެވަނަ ހާފުގައި ކުޅެން ނުކުތީ ލީޑް ފުޅާކުރުމުގެ އުއްމީދުގަ އެވެ.

ނަމަވެސް ސެން ފަރާންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމަށް ވަދެ ތިބި 68،000އަށް ވުރެ ގިނަ ބެލުންތެރިންނަށް ލަނޑަކަށް ވުރެ ކުރިން ފެނުނީ ބަލޮގުންއަށް ސީދާ ރަތް ކާޑެއް ދެއްކި ތަނެވެ. އޭނާގެ ފައިން ބޮސްނިޔާގެ ދިފާއީ ކުޅުންތެރިއެއްގެ ފަޔަށް، ފަހަތުން، ދިން ހަމަލާއަކާ ގުޅިގެންނެވެ.

މިއީ 2006ގެ ވޯލްޑް ކަޕް ފައިނަލްގައި އިޓަލީއާ ދެކޮޅަށް ފްރާންސަށް ލަނޑު ޖަހައިދިން ކެޕްޓަން ޒައިނުއްދީން ޒިދާންއަށް ރަތް ކާޑު ދެއްކި ފަހުން ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި ލަނޑެއް ޖަހައި، އޭގެ ފަހުން ރަތް ކާޑެއް ލިބިގަތް ފުރަތަމަ ފަހަރެވެ. އެހެންކަމުން ބަލޮގުން އާކޮށްދިނީ ޒިދާންގެ ހަނދާންތަކެވެ.

ބަލޮގުން މިހާރު ވެސް ވަނީ މި މުބާރާތުގައި ތިން ލަނޑު ޖަހައިފަ އެވެ. މިއީ އެމެރިކާގެ ކުޅުންތެރިޔަކަށް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މިހާތަނަށް ވޯލްޑް ކަޕްގައި އެމެރިކާގެ ކުޅުންތެރިޔަކަށް ތިން ލަނޑު ހަމަކުރެވުނީ 1930 އާއި 2010ގަ އެވެ.

އެކަކު މަދުކޮށް ކުޅުނު އެމެރިކާއާ ދެކޮޅަށް ބޮސްނިއާއަށް އެޑްވާންޓޭޖެއް އޮތަސް އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އެންމެ ފަހުން 82 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމެއްގައި މާލިކް ޓިލްމޭން އެމެރިކާގެ ލީޑު 2-0އަށް ބަދަލުކޮށްލި އެވެ.

މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއް އެމެރިކާއަށް ކާމިޔާބުކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެ މޮޅު ހޯދުނީ 2002ގައި މެކްސިކޯ 2-1އިން ބަލިކޮށް، ގަދަ 16ގަ އެވެ. އޭރު ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރު ފެށެނީ ގަދަ 16 އިންނެވެ.

މިފަހަރުގެ ވޯލްޑް ކަޕް ބާއްވަނީ 48 ޓީމާ އެކު އެވެ. އެހެންވެ ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރު 32 ޓީމާ އެކު އޮންނަނީ މި ވޯލްޑް ކަޕްގަ އެވެ. މި ބުރުން މޮޅުވާ 16 ޓީމު ދާނީ ނޮކްއައުޓް ދެވަނަ ބުރަށެވެ.

އެމެރިކާއިން ގަދަ 16ގައި ބައްދަލުކުރާނީ ބެލްޖިއަމްއާ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް