ފްރާންސް ކެޕްޓަން ކީލިއަން އެމްބާޕޭ، ވޯލްޑް ކަޕްގެ ގަދަ 32ގައި ސްވިޑުން ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
އެމްބާޕޭގެ ދެ ލަނޑުން ފްރާންސް ގަދަ 16އަށް، ހަ ލަނޑުން މެސީއާ އެއްވަރު
ފްރާންސް ހިފަހައްޓާލުމަކީ ޔޫރަޕްގެ ގައުމަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. ކީލިއަން އެމްބާޕޭގެ ދެ ލަނޑާއި ބްރެޑްލީ ބާކޯލާގެ ލަނޑުން 3-0ގެ ނަތީޖާއެއް ނެރެ ވޯލްޑް ކަޕްގެ ގަދަ 16އިން ފްރާސުން ޖާގަ ހޯދީ މާ ބޮޑު އުނދަގުލެއް ނެތި އެވެ.
ފްރާންސް ކެޕްޓަންގެ ދެ ލަނޑުން މި މުބާރާތުގައި މިހާތަނަށް އޭނާއަށް ހަ ލަނޑު ކާމިޔާބުކުރެވުނީ އެވެ. ގޯލްޑަން ބޫޓު ހޯދުމުގެ ރޭހުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ އެއްވަރު ވެސް ވީ އެވެ.
ފުރަތަމަ ލަނޑު 45 ވަނަ މިނިޓްގައި ޖެހުމަށް ފަހު އެމްބާޕޭ ދުއްވައިގަތީ ކޯޗު ޑިޑިއޭ ޑިޝޯމްޕްސްއާ ދިމާލަށެވެ. އެއީ ވޯލްޑް ކަޕްގެ ތެރޭގައި ޑިޝޯމްޕްސްގެ މަންމަ މަރުވުމުގެ ހިތާމައަށް ހޯދައިދެވުނު ކުޑަ ލުޔެއް ކަމަށް ބަލައިގެންނެވެ.
ގްރޫޕް ފަހު މެޗުގައި ނޯވޭއާ ކުޅުނު އިރު ޑިޝޯމްޕްސް ހުރީ މަންމަގެ ޖަނާޒާގައި ބައިވެރިވާން ފްރާންސްގަ އެވެ. އަލުން ޓީމާ ގުޅި ބެންޗަށް ނުކުތީ މިރޭ އޮތް ގަދަ 32ގެ ވާދައަށެވެ.
މިއީ އެއް ފެންވަރެއްގައި ކިރެން އޮތް މެޗެއް ނޫނެވެ. އެގޮތުން ފްރާންސުން:
-
61%: ބޯޅަ ހިފަހައްޓައިގެން ކުޅުނު ނިސްބަތް
-
25: ސްވިޑުންއާ ދެކޮޅަށް އުފެއްދި ހަމަލާ
-
12: ގޯލަށް އަމާޒުކުރި ހަމަލާތައް
ޖެހިޖެހިގެން ވޯލްޑް ކަޕްގެ ފަސް މެޗުގައި މަދުވެގެން ތިން ލަނޑު ޖެހި ފުރަތަމަ ގައުމަކީ ވެސް ފްރާންސެވެ.
ކުރިން ވެސް ބެލެވުނީ މި މުބާރާތުގައި މެސީ އާއި އެމްބާޕޭގެ ވާދަވެރިކަމެއް އޮންނާނެ ކަމަށެވެ. މެސީއާ ލަނޑުގެ ގޮތުން އެއްވަރުކުރިޔަސް، މުޅި ވޯލްޑް ކަޕްގެ ތާރީހަށް ބަލާ ނަމަ މެސީ އުޅެނީ ދެ ލަނޑުން ކުރީގަ އެވެ. އޭނާއަކީ ވޯލްޑް ކަޕްގައި 19 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެކަމަކު އެއީ އެމްބާޕޭއަށް ވުރެ ތިން ވޯލްޑް ކަޕް ގިނައިން ކުޅެގެންނެވެ.
އެމްބާޕޭ މިހާތަނަށް ކުޅުނު ތިން ވޯލްޑް ކަޕްގައި ޖެހި ލަނޑުގެ އަދަދު މިރޭ އެވަނީ 17އަށް އަރައިފަ އެވެ.
ގަދަ 16ގައި ފްރާންސް ނުކުންނާނީ ޖަރުމަން ބަލިކޮށް ގަދަ 16އަށް ދިޔަ ޕެރަގުއޭއާ ދެކޮޅަށެވެ.
ކޮމެންޓް