ވޯލްޑް ކަޕްގެ ގަދަ 32ގައި ނެދަލެންޑްސް ބަލިކުރަން ފަހު ޕެނެލްޓީ ކާމިޔާބުކުރި މޮރޮކޯގެ އިސްމާއިލް ސައިބަރީ، ޕެނެލްޓީއަށް ފަހު ޖާޒީ އެއްލާލައި އުފާ ފާޅުކުރަނީ
މޮރޮކޯ ނުހުއްޓުވުނު، ޕެނެލްޓީން މޮޅުވެ ގަދަ 16 ހޯދައިފި
ޕެނެލްޓީ ޖެހި ގޯލުގެ ވާތު އަރިމަތީ ދަނޑިއަކީ މިއަދު މޮރޮކޯ އާއި ނެދަލެންޑްސްގެ ކުޅުންތެރިންނަށް އެންމެ ބޮޑު ހުރަހެވެ. ނަމަވެސް އެ ހުރަހުން ވެސް ސަލާމަތްވެ، އެންމެ ފަހު ޕެނެލްޓީ އިސްމާއިލް ސައިބަރީ އެ ފަރާތަށް ވައްދާލައިގެން ކާމިޔާބުކޮށް، 3-2 އިން ނެދަލެންޑްސް ބަލިކޮށް، ގަދަ 16އިން ޖާގަ ހޯދައިފި އެވެ.
އެ ފަރާތު ދަނޑީގައި އޭގެ ކުރިން ތިން ޕެނެލްޓީއެއް ޖެހި މަތަވެ، ކުޅުންތެރިންގެ މޫނު ފޮރުވި އެވެ. އޭގެ ތެރޭގައި މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ ވެސް ހިމެނެ އެވެ. ދެން މޮރޮކޯގެ ނީލް އަލް އައިނޯއީ އާއި ނެދަލެންޑްސްގެ ޖަސްޓިން ކްލެވާޓް ފޮނުވާލި ބޯޅަ ވެސް ގޯލަށް ނުވަނީ އަރިމަތީ އެ ދަނޑީގައި ޖެހިފަ އެވެ.
އޭގެ ފަހުން ނެދަލެންޑްސްގެ ކުއިންޓެން ޓިމްބާ އާއި ކްރިސެންސިއޯ ސަމަވިލޭގެ ޕެނެލްޓީ ވެސް ކާމިޔާބެއް ނުވި އެވެ.
ސައިބަރީގެ އިތުރުން މޮރޮކޯއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ ސުފިއާން ރަހިމީ އާއި ޝަމްސްދީން ތަލްބީ އެވެ.
މިއީ ވަރުގަދަ މެޗެކެވެ. އެކަމަކު އެންމެ ފަހު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު މޮރޮކޯ މުޅި މެޗު ކޮންޓްރޯލްކުރި އެވެ. އެގޮތުން:
-
70%: ބޯޅަ ހިފަހައްޓައިގެން ކުޅުނު ނިސްބަތް
-
11: ނެދަލެންޑްސްގެ ގޯލާ ދިމާއަށް ފޮނުވާލި ހަމަލާ
-
5: ނެދަލެންޑްސްގެ ގޯލަށް އަމާޒުކުރި ބޯޅަ
އެކަމަކު މެޗުގެ ފުރަތަމަ ލަނޑު، 72 ވަނަ މިނިޓްގައި ކޮޑީ ގެކްޕޯ ޖަހައިދީ، ނެދަލެންޑްސްގެ އުއްމީދުތައް ބޮޑުކޮށްދިނެވެ. މެޗު ނިމެން ދިޔައީ ވެސް އެ ނަތީޖާގަ އެވެ.
މޮރޮކޯއަށް ބޭނުންވާ ލަނޑު ހޯދަން، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، ނެދަލެންޑްސްގެ އޭރިޔާ ތެރެއަށް ވަދެ ހުރީ ދިފާއީ ކުޅުންތެރިޔާ އިއްސާ ޑިއޮޕް އެވެ. ޝަމްސްދީން ތަލްބީ، ވާތް ފަަރާތުން އޭރިޔާ ތެރެއަށް އޮއްސާލި ރީތި ހުރަސް، އެހާމެ ރީތިކޮށް ބޮލުން ޖަހައި، ގޯލު ތެރެއަށް ވައްދާލުމަކީ، ޑިއޮޕްގެ ވޯލްޑް ކަޕް ފުރަތަމަ ލަނޑު ވެސް މެ އެވެ.
އެ ބޯޅަ އޭނާ ޖެހީ ނެދަލެންޑްސްގެ ކެޕްޓަން އަދި ވަރުގަދަ ދިފާއީ ކުޅުންތެރިޔާ ވާޖިލް ވެން ޑައިކްގެ ގެ ވެސް ބޯ މަތިންނެވެ. ބޯޅަ ހޯދަން ފުންމައިގެން އެރީ ވެސް މި ދެ ކުޅުންތެރިންނެވެ.
އިތުރު 30 މިނިޓްގައި ވެސް އެއްވެސް ބަޔަކަށް ލަނޑެއް ނުޖެހުނެވެ. އެހެންކަމުން ޕެނެލްޓީއާ ކުރިމަތިލައި، އެއް ބަޔަކަށް އުފާވެރިކަން، އަނެއް ބަޔަކަށް ކަރުނައިގެ ހަގީގަތުގެ ތެރެއަށް ވަނެވެ.
އެންމެ ފަހުން2022ގައި އޮތް ވޯލްޑް ކަޕްގައި ވެސް ނެދަލެންޑްސް ކެޓީ މިހެންނެވެ. އެ ފަހަރު ޗެމްޕިއަން އާޖެންޓީނާ އަތުންނެވެ.
ގަދަ 16ގައި މޮރޮކޯ ނުކުންނަން ޖެހޭނީ ކެނެޑާއާ ދެކޮޅަށެވެ.
ކޮމެންޓް